ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި މުހިންމު ދައުރެއް އަދާކުރާ ސަފާރީ ނުވަތަ ލިވަބޯޑް ދާއިރާ ކުރިއެރުވުމަށްޓަކައި، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހާއްސަ ފައިނޭންސިންގ ފެސިލިޓީއެއް މިއަދު ތައާރަފުކޮށްފިއެވެ.
”ލިވަބޯޑް ފައިނޭންސް“ ގެ ނަމުގައި ތައާރަފުކުރި މި ހިދުމަތަކީ މިވަގުތު ރާއްޖޭގައި އުޅަނދުފަހަރަށް ދޫކުރާ އެންމެ ކުޑަ އިންޓްރެސްޓް ރޭޓް ހިމެނޭ ފެސިލިޓީއެވެ.
މި ފެސިލިޓީ ފަރުމާކޮށްފައިވަނީ ސަފާރީ އުޅަނދުފަހަރު ގަތުމަށާއި، އަލަށް ބަނުމަށާއި، އިންޖީނު އެޅުމުގެ އިތުރުން މަރާމާތުކުރުމުގެ މަސައްކަތްތަކަށެވެ. އަދި އުޅަނދަށް ބޭނުންވާ އެކި ސާމާނާއި ވަސީލަތްތައް ހޯދުމަށްވެސް މި ލޯނުގެ އެހީތެރިކަން ލިބޭނެއެވެ.
ބީއެމްއެލްއިން މައުލޫމާތު ދިން ގުގައި މީގެ ސަބަބުން މި ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ފްލީޓް ފުޅާކުރުމަށާއި، ބައު އުޅަނދުފަހަރު ޒަމާނީ ކުރުމަށް ބޮޑު ލުއިފަސޭހަކަމެއް ލިބިގެންދާނެއެވެ. އަދި ބުނެފައި ވަނީ މި ފެސިލިޓީ ދޫކުރަނީ އަހަރަކު 9.5 އިންސައްތައިގެ ކުޑަ ރޭޓެއްގައި ކަމަށެވެ.
މި ފެސިލިޓީގެ އެންމެ ހާއްސަ އެއް ކަމަކީ، ރަހުނުގެ ގޮތުގައި ހަމައެކަނި ފައިނޭންސްކުރާ އުޅަނދު ބޭނުންކުރުމެވެ. އިތުރު އެއްވެސް ރަހުނެއް މި ލޯނަށް ބޭނުމެއް ނުވާނެއެވެ.
ފައިސާ އަނބުރާ ދެއްކުމަށް ހަތް އަހަރުގެ މުއްދަތެއް ލިބޭއިރު، ފައިސާ ދެއްކުމުގެ ތާވަލު ރާވާފައިވަނީ މި ދާއިރާގެ ޕީކް ސީޒަނާއި އޮފް-ޕީކް ސީޒަނަށް ބަލައިގެންނެވެ. މީގެ ސަބަބުން އުޅަނދު ދުއްވައިގެން ލިބޭ އާމްދަނީއާ އެއްގޮތަށް ފައިސާ ދެއްކުމުގެ ފުރުސަތު އޮޕަރޭޓަރުންނަށް ލިބޭނެއެވެ. މި ފައިނޭންސަށް ފައިސާ އަނބުރާ ދައްކަންޖެހޭނީ އެމެރިކާ ޑޮލަރުންނެވެ.
މި ފެސިލިޓީ ތައާރަފުކުރުމާ ގުޅޭގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ، ލިވަބޯޑް ދާއިރާއަކީ ރާއްޖޭގެ އިޤްތިޞާދަށް މުހިންމު ދާއިރާއަކަށްވާއިރު، މި ފެސިލިޓީ ފަރުމާކޮށްފައިވަނީ މި ސިނާއަތަށް އާމްދަނީ ލިބޭ ގޮތާއި ހަދުތައް ހިނގާ ގޮތަށް ބަލައިގެން ކަމަށެވެ. މީގެ ސަބަބުން އޮޕަރޭޓަރުންނަށް އެ ބޭފުޅުންގެ ވިޔަފާރި ކުރިއެރުވުމަށް އިތުބާރާއެކު އިންވެސްޓްކުރުމުގެ ފުރުސަތު ލިބޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

