އިންސާނީ ކަރާމާތް ރައްކާތެރިކުރުމަށާއި އިންސާނީ ވަގުފާރިއާ މެދު މުޅި މުޖުތަމަޢު ސަމާލުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ގޮވާލައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މިކަމަށް ގޮވާލެއްވީ އިންސާނީ ވަގުފާރިއާ ދެކޮޅަށް ފާހަގަކުރާ ބައިނަލްއަޤުވާމީ ދުވަހުގެ މުނާޞަބަތުގައި ފޮނުއްވި ޚާއްޞަ މެސެޖެއްގައެވެ.
މި މެސެޖުގައި ރައީސް ވިދާޅުވީ، އިންސާނީ ކަރާމާތާއި، މިނިވަންކަމާއި، އަސާސީ ޙައްޤުތައް ޙިމާޔަތްކުރުމަށް ބައިނަލްއަޤުވާމީ މުޖުތަމަޢުން ކުރާ މަސައްކަތުގައި ދިވެހިރާއްޖެ ސާބިތުކަމާއެކު ދެމިއޮންނާނެ ކަމަށެވެ. އަދި މިއަހަރުގެ ޝިއާރު ކަމަށްވާ ”ޓްރެޕްޑް ބިހައިންޑް ދަ ސްކޭމް“ އިން ބާރުއަޅަނީ، އިންސާނީ ވަގުފާރީގެ އޮއިވަރު ބަދަލުވަމުންދާ ގޮތަށާއި، ކުށްކުރާ ވިއުގަތަކުން ފަންނިއްޔާތުގެ ބޭނުން ނާޖާއިޒު ގޮތުގައި ހިފަމުންދާ މިންވަރަށް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، އިންސާނީ ވަގުފާރި ހުއްޓުވުމަށް މި ސަރުކާރުން އަޅާފައިވާ ހަރުދަނާ ފިޔަވަޅުތަކުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. އެގޮތުން، ސައްޙަނޫން ވަރކް ޕާމިޓްތަކުގެ މައްސަލަ ހައްލުކޮށް، ބިދޭސީ މަސައްކަތްތެރިންގެ ބަޔޯމެޓްރިކް ޑޭޓާ އެއްކުރުމަށް ހިންގާ ”އޮޕަރޭޝަން ކުރަނގި“ އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، މީހުން ޓްރެފިކްކުރުން ހުއްޓުވުމާ ގުޅޭ ފުރަތަމަ ގައުމީ އެކްޝަން ޕްލޭނާއި، އިންސާނީ ވަގުފާރިއާ ދެކޮޅަށް ކުރެވޭ މަސައްކަތްތަކުގެ ފުރަތަމަ އަހަރީ ރިޕޯޓް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާކަންވެސް ބަޔާންކުރެއްވިއެވެ.
އަދި ސިޔާސަތު ކަނޑައަޅާ ފެންވަރުގައި ޓްރެފިކްކުރުމާ ގުޅޭ ކަންކަން ވިލަރެސްކުރާ ކޮމިޓީ އަލުން އެކުލަވައިލައްވައި، އަނިޔާ ލިބޭ މަސައްކަތްތެރިންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ”މައިގްރެންޓް ވަރކަރސް ރިސޯސް ސެންޓަރ“ އާއި ”މައިގްރެންޓް ކަނެކްޓް ޕޯޓަލް“ ޤާއިމުކޮށްފައިވާކަމަށް ރައީސް ވިދާޅުވިއެވެ. މި އިޞްލާޙުތަކުގެ ބޭނުމަކީ ނާޒުކު ޙާލަތްތަކުގައި ތިބޭ ފަރާތްތަކަށް އެހީތެރިކަން ފަސޭހައިން ލިބޭނެ މަގު ފަހިކޮށްދިނުމާއި، ކުށްވެރިން ޖަވާބުދާރީކުރުވުމަށް މުއައްސަސާތައް ބާރުވެރިކުރުވުމެވެ.
ރައީސް މުޢިއްޒު އިތުރަށް ވިދާޅުވީ، ”މޯލްޑިވްސް އެންޓި-ހިއުމަން ޓްރެފިކިންގ ސްޓްރެޓީޖިކް ޕްލޭން 2026-2029“ އެކުލަވައިލުމަކީ، އަނިޔާލިބޭ ފަރާތްތަކަށް ރައްކާތެރިކަން ދިނުމާއި، ތަޙުޤީޤުކުރުމުގެ ނިޒާމު ހަރުދަނާކުރުމަށް ލިބުނު ސާފު މަގުޗާޓެއް ކަމަށެވެ. މިފަދަ ކުރިއެރުންތަކެއް ލިބުނު ނަމަވެސް، އަދިވެސް ގޮންޖެހުންތައް ހުރިކަން ގަބޫލުފުޅުކުރައްވައި، މިކަމަށް ބޭނުންވަނީ އެކި ދާއިރާތަކާއި ބޯޑަރުތައް ހުރަސްކޮށް ކުރެވޭ އެކުވެރި މަސައްކަތްތަކެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ، ކޮންމެ މީހަކަށްމެ އިޙްތިރާމާއި ޤަދަރާއެކު މުޢާމަލާތްކުރެވޭނެ ފަދަ ދިވެހިރާއްޖެއެއް ބިނާކުރުމަށް ޢަޒުމް އާކުރުމަށް ހުރިހާ މުއައްސަސާތަކަކަށް ގޮވާލައްވާފައެވެ. އަދި ރާއްޖޭގެ ބޯޑަރުގެ އެތެރޭގައި އުޅޭ ކޮންމެ މީހެއްގެވެސް އިންސާނީ ޙައްޤުތަކާއި ކަރާމާތް ރައްކާތެރިކުރުމަށް ސަރުކާރުން އަބަދުވެސް އިސްކަންދޭނެ ކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.

