ރާއްޖޭގައި ތިބި ބިދޭސީންގެ ބަޔޯމެޓްރިކްސް ނަގައި، އެއީ ކޮންބައެއްކަން ދެނެގަތުމުގެ މަސައްކަތް މިހާރު ނިމުމަކަށް އައިސްފައިވާކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަކީ އިޖްތިމާއީ އެންމެ ބޮޑު މައްސަލައެއްކަން ފާހަގަކުރައްވައި، އެކަން ހައްލުކުރުމަށް ސަރުކާރުން ހާއްސަ މަސައްކަތް ކުރަމުން ގެންދާކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން، ރާއްޖޭގައި ތިބި ބިދޭސީންގެ ބަޔޯމެޓްރިކްސް ނަގައި، އެއީ ކޮންބައެއްކަން ދެނެގަތުމުގެ މަސައްކަތް މިހާރު ގާތްގަނޑަކަށް ނިމުމަކަށް އައިސްފައިވާ ކަމަށެވެ. އަދި މިހާރު ދެނެނުގަނެވި ތިބީ އެއް އިންސައްތަ މީހުންކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ޑރ. މުއިއްޒު އިތުރަށް ވިދާޅުވި ގޮތުގައި، ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ ތެރެއިން ރާއްޖެއިން ފޮނުވާލަންޖެހޭ މީހުން ފޮނުވާލުމުގެ މަސައްކަތް ބާރުމިނުގައި ދަނީ ކުރިއަށެވެ. އެގޮތުން ވޭތުވެދިޔަ ދެ އަހަރާއި ބައިގެ ތެރޭގައި ފޮނުވާލެވުނު ބިދޭސީންގެ އަދަދު، އޭގެ ކުރީގެ އަހަރުތަކާއި ދައުރުތަކާ އަޅާބަލާއިރު އިތުރުވެފައިވާކަން ފާހަގަކުރެއްވިއެވެ.
ބިދޭސީން ނުގަވައިދުން ހިންގާ ވިޔަފާރިތަކާއި މަސައްކަތްތައް ހުއްޓުވުމަށް ކުރެވޭ މަސައްކަތްތަކާއި ގުޅޭގޮތުން ރައީސް ވިދާޅުވީ، މިކަމުގައި އެދެވޭ ނަތީޖާއެއް ނެރުމަށްޓަކައި އާންމު ފަރުދުންގެ އެއްބާރުލުން ނުހަނު ބޭނުންވާ ކަމަށެވެ. ގިނަ ފަހަރަށް ފަސޭހައަކަށްޓަކައި ވިޔަފާރިތަކާއި މަސައްކަތްތައް ބިދޭސީންގެ އަތްމައްޗަށް ދޫކޮށްލެވޭކަން ފާހަގަކުރައްވައި، އެއީ މި މައްސަލަ ހައްލުކުރުމަށް އޮތް ހުރަހެއްކަމަށް ރައީސް ވިދާޅުވިއެވެ.
މި މައްސަލައަކީ މުޅި މުޖުތަމައު ގުޅިގެން، އެންމެންގެ އެއްބާރުލުމާ އެކު ނޫނީ ދާއިމީ ހައްލެއް ގެނެވޭނެ ކަމެއް ނޫންކަމަށް ރައީސް ވިދާޅުވި އެވެ.
މިދިޔަ މުއްދަތުގައި މި ވިޔަފާރިތަކުން އަތުލައިގަތް ބިދޭސީންތައް ޑީޕޯޓު ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ. ރައީސް ވިދާޅުވީ މިކަން ކުރަނީ ރައްޔިތުން އެދޭ ފަދަ ސާފު މުޖުތަމައުއެއް ބިނާކުރުމަށްކަމަށާއި، ރައްޔިތުންގެ ހިޔާލާއި މަޝްވަރާއަށް އަމަލީ ސިފަ ގެނެސްދެއްވާނެ ކަމަށެވެ.
މަސާޖު ޕާލާތަކުގެ އިތުރުން، ގަވާއިދާ ހިލާފަށް ބިދޭސީން ހިންގާ ވިޔަފާރިތަކަކީ ވެސް ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވުމެއްކަމަށް ރައީސް ފާހަގަކުރެއްވިއެވެ. ހާއްސަކޮށް ހުޅުމާލޭގައި މިފަދަ ވިޔަފާރިތައް ގިނައިން ހިންގާކަމުގެ ޝަކުވާ ލިބޭކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، މިއީ ކުރީގެ ސަރުކާރުތަކުން ވެސް ސީރިއަސް ކަމެއްގެ ގޮތުގައި ބުނެ އަމަލީ ގޮތުން ފިޔަވަޅެއް ނާޅައި އޮތް މައްސަލައެއް ކަމަށެވެ.

