މާލޭސިޓީ ލޮކްޑައުންކުރުމުގެ ސަބަބުން، ދަރިވަރުންނަށް ފިލާވަޅުތައް ނަގައިދިނުމަށް ކުރިއަށްގެންދާ ޓެލިކިލާސްތައް މެދުކަނޑާލައިފިއެވެ.
މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ބުދަދުވަހުގެރޭ ކުރި ޓްވީޓެއްގައި ބުނީ، ބުދަދުވަހުގެ 15:30 އިން ފެށިގެން 24 ގަޑިއިރަށް މާލޭ ސިޓީ ލޮކްޑައުންކުރުމާއި ގުޅިގެން، މިއަދުން ފެށިގެން ޓެލިކިލާސްތައް މެދުކަނޑާލައިފައިވާ ކަމަށެވެ.
ކޮވިޑް-19 އާއިގުޅިގެން ސަރުކާރުންވަނީ، މަދަރުސާތަކާއި، ކޮލެޖުތަކާއި، ޔުނިވަރސިޓީތަކާއި، ޓިއުޝަން ކުލާސްތަކާއި، ޤުރުއާންކުލާސްތައް ބަންދުކުރުމަށް އަންގާފައެވެ.
މި ގޮތުން، އެޑިއުކޭޝަނުން ވަނީ، ސިލްސިލާ ޕްރޮގުރާމުތަކެއްގެ ގޮތުގައި ޓެލިކިލާސްތައް މީގެކުރިން ކުރިއަށް ގެންގޮސްފައެވެ.
އެޑިއުކޭޝަނުން ޓެލިކިލާސްތައް ވަގުތީގޮތުން މެދުކަނޑާލައިފައިވާއިރު، މިއަދު ޚިދުމަތް ފޯރުކޮށްދޭން ކުރިން ނިންމާފައިވާ، ބޭންކުތަކާއި މަރުކަޒީބޭންކް އެމްއެމްއޭ ވެސް ބަންދުކުރުމަށް ވަނީ ނިންމާފައެވެ.

