އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލު (އައިޖީއެމްއެޗް) ގެ ސްޕެޝަލިސްޓް އޯޕީޑީއާއި، އެހެނިހެން ކްލިނިކުތަކުގެ ޚިދުމަތްތައް މިއަދު ބަންދުވާނެކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.
އައިޖީއެމްއެޗުން ބުދަދުވަހު ނެރުނު ނޫސްބަޔާނެއްގައި ބުނީ، ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޯވިޑް-19 އަށް މާލެއިން ދިވެއްސަކު ޕޮޒިޓިވްވުމާއި ގުޅިގެން، މިއަދުން ފެށިގެން އަންނަ ހޮނިހިރުދުވަހާއި ހަމައަށް، އެ ހޮސްޕިޓަލުގެ ސްޕެޝަލިސްޓް އޯޕީޑީއާއި، އެހެނިހެން ކްލިނިކުތަކުގެ ޚިދުމަތްތައް މެދުކަނޑާލައިފައިވާ ކަމަށެވެ.
ނަމަވެސް، އައިޕީޑީއާއި، އިމަޖެންސީ ޚިދުމަތްތައް، އެހެނިހެން ދުވަސްތަކެކޭވެސް އެއްފަދައިން ފޯރުކޮށްދެމުންދާނެކަމަށް އައިޖީއެމްއެޗުން ބުނެއެވެ.
މި ޚިދުމަތްތައް މިހާރު މެދުކަނޑާލާފައިވީ ނަމަވެސް، އަންނަ އާދީއްތަ ދުވަހުން ފެށިގެން، ޢަމަލުކުރާނެ އުސޫލު، ހޮނިހިރު ދުވަހުގައި ހާމަކުރާނެކަމަށް އައިޖީއެމްއެޗުން ބުނެފައިވެއެވެ.

