ކޮވިޑް-19 އަށް ޕޮޒިޓިވް މީހަކު މާލެއިން ފެނިފައި ވިޔަސް މިހާތަނަށް ވެވިފައިވާ ތައްޔާރީތަކާއި ފިޔަވަޅުތަކުން ބަލި ކޮންޓްރޯލްކުރެވޭނެ ކަމުގެ އުއްމީދު ބޮޑު ކަމަށް ޓެކްނިކަލް އެޑްވައިޒަރީ ޓީމް (ޓެގް) ގައި ހިމެނިވަޑައިގަންނަވާ ޑރ. އަލީ ލަތީފް ވިދާޅުވެއްޖެއެވެ.
ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. ލަތީފް ވިދާޅުވީ ކޮމިނިއުނިޓީ ޓްރާންސްމިޝަނެއް ހިނގީ އެއްވެސް އަލާމާތެއް ނުފެނި ހުރި މީހެއްގެ ސަބަބުން ކަމަށް“ ވެސް ވެދާނެ ކަމަށެވެ. އެހެންވެ މިވަގުތު އެންމެ އިސްކަމެއްދީގެން، މުހިތްމު ކަމެއްގެ ގޮތުގައި ކުރަން ޖެހިފައި އޮތް ކަމަކީ ކޮންޓެކްޓް ޓްރޭސިން ރަނގަޅަށް ހެދުން ކަމަށް ވިދާޅުވި އެވެ.
ލަތީފް ވިދާޅުވި ގޮތުގައި ރާއްޖޭން ކޮވިޑް-19 އަށް ޕޮޒިޓިވް ޕޭޝަންޓެއް ފެނުނުތާ 40 ދުވަސް ފަހުން، އާއްމުންގެ ތެރެއިން ޕޮޒިޓިވް މީހަކު ފެނުމުން މިއީ މުޖަމައުގެ ތެރޭގައި ބަލި ފެތުރެން ފެށީ ކަމަށް ބެލެވޭނެެވެ. އެކަމަކު ފެތުރިގެންދާނެ ބޮޑުމިނެއް ސާފުވާނީ ކޮންޓެކްޓް ޓްރޭސިން ރަނގަޅަށް ހެދިގެން ކަމަށް އޭނާ ވިދާޅުވި އެވެ.
ބޭރުން ރާއްޖެއަށް އަންނަ މީހުން ކަރަންޓީންކޮށް، ޕޮޒިޓިވްވި މީހުންގެ ވެސް ކޮންޓެކްޓް ޓްރޭސިން ހެދިިއިރު، އާއްމުންގެ ތެރެއިން މީހަކު ފެނުނު ސަބަބާއި ދޭތެރޭގައި ސުވާލު އުފެދިދާނެ ކަން ފާހަގަކުރައްވައެވެ. އެހެންވެ މާލެ 24 ގަޑިއިރަށް ލޮކްޑައުންކުރީ ކޮންޓެކްޓް ޓްރޭސިން އަށް ފުރުސަތު ހޯދައި ފިޔަވަޅުތައް އަޅުމުގެ ގޮތުންނެވެ.
އާއްމުންގެ ތެރޭގައި ބަލި ކޮންޓްރޯލް ކުރުމަށް އަހަރެއް ވެސް ނަގާފާނެ ކަމަށް ލަތީފް ވިދާޅުވިއެވެ. އަދި ކުރިއަށްވުރެ ހަރުކަށި ފިޔަވަޅުތަކެއް ނަގަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް މާލެއިން ކޭސްއެއް ފެނުމަކީ މާލެ 14 ދުވަހަށް ކަރަންޓީންކުރަން ޖެހޭ ސަބަބެއް ނޫން ކަމަށް ލަތީފް ވިދާޅުވިއެވެ.
ބަލި ފެތުރި ލޮކްޑައުންއަކަށް ދާން ޖެހިއްޖެ ހާލަތަކަށް ކުރިއާލައި ތައްޔާރުވެ، ގޭގައި ތިބޭ ބަލި މީހުންނަށް ފަރުވާދެވޭނެ އިންތިޒާމް ވެސް ހަމަޖައްސާފައިވާ ކަމަށް އަލީ ލަތީފް ވިދާޅުވި އެވެ.
ކޮވިޑް-19 އަށް ޕޮޒިޓިވް އެންމެ މީހަކު މާލެތެރެއިން ފެނުނަސް ބަލާނީ، އާއްމުންގެ ތެރޭގައި ވައިރަސް ވަރަށް ބޮޑަށް ފެތުރިފައި އޮތުން ކަމަށާއި އޭރަށް އަޅަން ޖެހޭނީ މިހާރަށް ވުރެ މާ ހަރުކަށި ފިޔަވަޅުތަކެއް ކަމަށް ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) ވަނީ ބުނެފައެވެ.
ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ހުރި މީހަކު ނޭނގި މުޖުތަމައުގެ ތެރޭގައި ހުރެއްޖެ ނަމަ ރާއްޖޭގައި ބަލި ފެތުރިގެން ހިނގައިދާނެ މިންވަރުގެ މައްޗަށް ކަމާ ބެހޭ އިދާރާތަކުން ލަފާކޮށްފައިވާ ހިސާބުތަކަށް ބަލާއިރު، ރާއްޖޭގައި 98،500 މީހުން ވައިރަހަށް ޕޮޒިޓިވްވެދާނެ އެވެ.
މި އަންދާޒާ އިން ދައްކަނީ، މުޖުތަމައުގެ ތެރޭގައި އުޅޭ މީހަކަށް ބަލި ޖެހޭތާ 45 ވަނަ ދުވަހު އެކަނި ވެސް ގާތްގަނޑަކަށް 5،000 މީހުން އަލަށް މި ބައްޔަށް ޕޮޒިޓިވް ވާނެ ކަމަށެވެ. އެއީ އެއް ދުވަހެއްގައި އެންމެ ގިނައިން ޕޮޒިޓިވް ކޭސް ރާއްޖެއިން ފެނިދާނެ ކަމަށް ލަފާކުރާ އަދަދެވެ

