ފުރަތަމަ ފަހަރަށް މާލެ ތެރެއިން ފެނުނު ކޮވިޑް-19 ގެ ކޭސްއާއި ގުޅިގެން މާލެ އާއި ހުޅުމާލެ ހިމެނޭ ގޮތަށް 11 ގެއެއް ލޮކްޑައުންކޮށްފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޮތޯރިޓީ (އެޗްޕީއޭ)އިން ހާމަކޮށްފި އެވެ.
ކޮންޓެކްޓް ޓްރޭސިން ހެދުމަށް މީހުން ވަނުމާއި ނުކުތުން މިވަގުތަށް އެޗްޕީއޭ އިން މަނާކޮށްފައިވާ 11 ގެއަކީ، ހުޅުމާލެ ލޮޓް 11090 އާއި ހ. ރަތްކުރެދި އާރު އަދި މ. ފީރޯޒުގެ 6ބީ އާއި މ. ލޯކަށި 3ސީ އެވެ. އަދި މ. ސޯސަންމާގެ އާއި ހ. ފެނިގެއްލިދާގެ ހަތްވަނަ ފްލޯ އާއި ހުޅުމާލެ ފްލެޓް 02-2-6 އާއި އަމީން އެވެނިއު ޓީކް 905 އިތުރުން މ. ނާގޫޝުވިލާ ދެވަނަ ފްލޯ އާއި ހުޅުމާލެ ލޮޓް ނަންބަރު 11296 އާއި މއ. އޯކިޑް އެވެ.
މިގެތަކުގެ އިތުރުން އައްޑޫ ސިޓީގައި ވެސް ގެއެއް ލޮކްޑައުން ކޮށްފައިވެ އެވެ. އެންމެ ފުރަތަމަ ޕޮޒިޓިވްވި އަންހެން މީހާ ދިރިއުޅޭ މ. ޖަރީމާގެ ވެސް ވަނީ ލޮކްޑައުންގަ އެވެ. އޭގެ އިތުރުން ކ. ކާށިދޫ ވެސް މިވަގުތު އޮތީ ލޮކްޑައުން ކޮށްފަ އެވެ.
މާލެ ސަރަހައްދުގެ ބައެއް ގެތައް ލޮކްޑައުން ކޮށްފައިވާ އިރު، ކޮވިޑް-19 އަށް މާލެއިން ޕޮޒިޓިވްވި މީހާއާ ބައްދަލުވި ކަމަށް ބުނާ ހއ. ވަށަފަރު މީހަކާއި އޭނާއާއި އެކު އެއް ފްލައިޓެއްގައި އިއްޔެ ދަތުރުކުރި އެ އަތޮޅު މޮޅަދޫ މީހަކު ހޯމް އައިސޮލޭޝަންގައި ބޭތިއްބުމަށް އެ ދެ ރަށުގެ ކައުންސިލާއި ސިއްހީ މަރުކަޒުންވަނީ ނިންމާފައެވެ.
މާލެ އިން ކޮވިޑް-19 އަށް ޕޮޒިޓިވްވި އަންހެންމީހާއާ ބައްދަލުވެފައިވާތީ ހޯމް އައިސޮލޭޝަން ބެހެއްޓުމަށް ނިންމާފައިވަނީ މެދު އުމުރުގެ އަންހެނަކެވެ. އެ މައުލޫމާތު ހިއްސާކޮށްފައިވަނީ އާއިލާގެ ފަރާތުންނެވެ. އެ އަންހެން މީހާ ގޭގައި މަޑުކުރަން ބުނީ ހެލްތު ޕްރޮޓަކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަކި އެއްޗެއް އަންގަންދެނެވެ.
އެ އަންހެން މީހާއާ އެކު އިއްޔެ އެއް ފްލައިޓެއްގައި މޮޅަދު އަށް ދިޔަ މީހަކު ގޭގައި މަޑުކުރަން އެންގީ ޕޮޒިޓިވްވި މީހާއާއި ޑައިރެކްޓް ކޮންޓެކްޓްވި މީހަކާއި އެކުގައި އެއް ފްލައިޓެއްގައި ދަތުރު ކޮށްފައިވާތީއެވެ.
މާލޭން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހާއާ ޑައިރެކްޓް ކޮންޓެކްޓްވި އިތުރު ދެ މީހަކު ވަނީ އެ ބައްޔަށް ޕޮޒިޓިވް ވެފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ފުރަތަމަ ޕޮޒިޓިވި މީހާގެ ތުއްތު ދަރިފުޅާއި އިތުރު އަންހެނެކެވެ.
އޭގެއިތުރުން އޭނާއާ ކޮންޓެކްޓްވި 14 މީހެއްގެ ފަރާތުން އަލާމާތްތައް ފެންނާތީ އެމީހުން ވެސް އެކަހެރިކޮށް ޓެސްޓް ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

