ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފުރަތަމަ ކޭސް: މިހާތަނަށް 207 ކޮންޓެކްޓުން، މި އަދަދު އަދި ބޮޑުތަނުން އިތުރުވެދާނެ!

މާލެއިން ފެނުނު ކޭސްއާއި ގުޅިގެން ކޮންޓެކްޓު ޓްރޭސިން އަދިވެސް ކުރިޔަށް
ޝެއާރކޮށްލާ ކަހަލަދޯ؟

މާލެއިން ޕޮޒިޓިވް ކޮރޯނާ ވައިރަހުގެ ކޭސްއެއް ފެނި، ކޮންޓެކްޓު ޓްރޭސިންގެ މަސައްކަތްތައް ކުރިޔަށްދާއިރު މޫވްމެންޓުތައް ގިނަކަމުން މިހާތަނަށް ޓްރޭސް ކުރެވުނު އަދަދު ބޮޑުތަނުން އިތުރުވެގެންދާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ހާމަކޮށްފިއެވެ.

ފްލޫ ކްލިނިކްއަށް ދެއްކުމަށްފަހު، ޝައްކުވާ އަލާމާތްތަކެއް ހުރެގެން ބައްޔަށް ޓެސްޓު ކުރި އެ މީހާ ޕޮޒިޓިވްކަން އެނގިފައިވަނީ ބުދަ ދުވަހުއެވެ. އަދި އެކި ގޮތްގޮތުން އޭނާއާއި ކޮންޓެކްޓުވެގެން ގިނަ މީހަކު ހޯމް އައިސޮލޭޓު ކޮށްފައި ވާއިރު، އޭގެ ތެރެއިން ޑައިރެކްޓު ކޮންޓެކްޓުންގެ ގޮތުގައި ފެނުނު މީހުންގެ އަދަދު ވެސް ވަނީ އިތުރުވެފައެވެ. އޭގެ ތެރެއިން، ޕޮޒިޓިވްވެފައި ވަނީ އެ އަންހެން މީހާގެ ދެ އަހަރު ނުފުރޭ ކުޑަ ދަރިފުޅެވެ. އަދި އިތުރު ކޮންޓެކްޓެއް ވަނީ ޕޮޒިޓިވް ވެފައެވެ. ނަމަވެސް ބަލި ފުރަތަމަ ޖެހުނީ ކާކަށްކަން އަދި ހޯދިފައި ނުވެއެވެ.

ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވި ދެމައިން މިހާރު ތިބީ އައިސޮލޭޝަން ފެސިލިޓީއެއްގައެވެ. އެ އަންހެން މީހާއަށް ބަލި ޖެހުނު ގޮތް މިހާތަނަށް ހޯދިފައި ނުވާއިރު، އެޗްޕީއޭގެ އެންމެ ބޮޑު އިލްތިމާސްއަކީ ބޭރަށް ނިކުމެ އުޅުން މަދު ކުރުމެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ސެންޓަރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ، ކޮންޓެކްޓުތައް އެހާ ގިނަވެގެން ދިޔައީ ބޮޑެތި މޫވްމެންޓުތައް ގިނަ ވުމުން ކަމަށެވެ. ފަސް ދުވަހުގެ ތެރޭގައި ފާހަގަކުރެވުނު 207 މީހުންގެ ތެރޭގައި ހިމެނެނީ ހައި ރިސްކު ކޮންޓެކްޓުތަކާއި އަދި މީޑިއަމް އަދި ލޯ ކޮންޓެކްޓުތަކެވެ.

ކޮންޓެކްޓުންތައް، ޕާޓީތައް ބޭއްވުމާއި އަދި މަސް ދަތުރު ދިއުން އަދި ގޭގައަށް ޒިޔާރަތް ކުރުމާއި ފިނި ބުރު ޖަހަން ދިއުން ހިމެނެއެވެ. އަދި ހުޅުމާލޭގެ ގިނަ ތަންތަނަށް ގޮސްފައި ވެއެވެ.

އެއްވެސް ޓްރެވެލް ހިސްޓްރީއެއް ނެތި ބައްޔަށް ޕޮޒިޓިވް ވި ކޭސް 21 އާއި ކޮންޓެކްޓުވެ ދެން ބައްޔަށް ޕޮޒިޓިވް ކޭސް 22 އަކީ އޭނާގެ ތުއްތު ދަރިފުޅެވެ. އަދި ތިން ވަނައަށް ޕޮޒިޓިވް ވީ އަންހެން މީހާއަކީ ކޭސް 23 އެވެ. ނަމަވެސް ޖޭސް 21 އާއި ކޭސް 23 ގެ ތެރެއިން ފުރަތަމަ ބަލި ޖެހުނީ ކާކަށް ކަން ނޭނގެއެވެ.

”މިވަގުތަކު ނޭނގޭ ކޭސް 23 ގެ ފަރާތުން 21، 22 އަށް ބަލި ދިޔައީތޯ ނުވަތަ ކޭސް 21ގެ ފަރާތުން 23 އަށް ބަލި ދިޔައީތޯ. މިގޮތަށް ބުނާކަށް ނޭނގޭ. އެހެން ނަމަވެސް ޑައިރެކްޓް ކޮންޓެކްޓް ވެފައިވާ ބައެއްކަން އަޅުގަނޑުމެންނަށް ޔަގީންކަމާ އެކު އެނގޭ“ މަބްރޫކް

ކޭސްތަކާއި ކޮންޓެކްޓު ވީ މީހުން ހޯދުމަށް އަދިވެސް ދަނީ މަސައްކަތް ކުރަމުންނެވެ. އަދި އެ އަދަދު ވަރަށް ބޮޑުތަނުން އިތުރުވާނެކަމަށް ލަފާ ވެއެވެ. ފުރަތަމަ ބައްޔަށް ޕޮޒިޓިވް ވީ މީހާ ބޮޑެތި އެއްވުންތަކަށް ވެސް ގޮސްފައިވާއިރު މަބްރޫކް ވަނީ، އެއްވެސް ގޮތަކުން އޭނާއާއި ކިރިޔާވެސް ކޮންޓެކްޓެއް ވެފައިވާނަމަ އެކަން ރިޕޯޓު ކުރުމަށެވެ. އަދި އެއީ ބަލީގެ އަލާމާތެއް ނެތް ނަމަވެސް މެއެވެ.

އެންއީއޯސީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ މާލެއިން ޕޮޒިޓިވް ވީ މީހުންނާއި ޑައިރެކްޓު ކޮންޓެކްޓުވީ މީހުން އިންތިހާއަށް ގިނަވެގެން ދިޔައީ އިރުޝާދުތަކަށް ބޯ ނުލެނބުމުން ކަމަށެވެ. އެގޮތުން ޕާޓީތައް ބޭއްވުމާއި، އާއިލީ އެއްވުންތައް ބޭއްވުން އަދި މަސްދަތުރު ދިއުން ފަދަކަންކަން ކޮށްފައި ވާތީ ކަމަށެވެ.

ޑރ. އަފްޒަލް ވިދާޅުވީ އެއްވުންތައް ބޭއްވުމުގެ ބަދަލުގައި އިޖްތިމާއި ގައިދުރުކަން ގާއިމްކުރި ނަމަ މި އަދަދު މިހާ އިތުރުވެގެން ނުދިޔައީސް ކަމަށެވެ. ޑޮކްޓަރ އަފްޒަލް ވިދާޅުވީ އެންމެ ކޭސްއެއްގެ ސަބަބުން މިހާތަނަށް 207 މީހަކު ޓްރޭސް ކުރެވިފައިވާ ކަމަށެވެ. އަދި އެ އަދަދު ބޮޑުތަކުން އިތުރުވެގެން ދިއުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. މި އަދަދަށް ބަލާނަމަ އެއީ އެންމެ 5 ދުވަހުގެ ތެރޭގައި 34 މީހަކާއި ބައްދަލުވުންކަމުގައި އޭނާ ފާހަގަކުރެއްވިއެވެ.

”އެންމެ ކޭސްއެއްގެ ސަބަބުން 207 ކޮންޓެކްޓްސް އަޅުގަނޑުމެންނަށް ފެނިފައި މިވަނީ އަދި އެއީ މިހާތަނަށް ފެނުނު ވަރު. އަދި އޭގެ އިތުރުން އެއީ ގާތްގަނޑަކަށް ބަލައިފިއްޔާ ދުވާލަކު 34 މީހުނާ މީހަކު ބައްދަލުވެފައި އިނީމާ އަޅުގަނޑުމެން މިކުރާ ގައިދުރުކުރުމޭ މިބުނާ ބުނުމަށް ކިހާ ވަރަކަށް އަމަލުކޮށްފައި ވޭތޯ ނުވާކަން މި އިނގެނީ ދެއްތޯ؟“ ޑރ.އަފްޒަލް

ކޮންޓެކްޓް ޓްރޭސިންއަށް ފެނުނު އަދަދު ހީކުރު ވަރަށް ވުރެ އިތުރުވުން އެއީ ކަންބޮޑުވުމެއްގެ ގޮތުގައި ޑރ. އަފްޒަލް ވަނީ ފާހަގަ ކުރައްވާފައެވެ.

ޕޮޒިޓިވްވި އަންހެން މީހާއާ އެކި ގޮތްގޮތުން ކޮންޓެކްޓްވި މީހުން ތިބި ހއ. ވަށަފަރާއި ކ. ކާށިދޫ އަދި ތ. މަޑިފުށިން ތިން ގެއެއް ވަނީ ލޮކްޑައުން ކޮށްފައެވެ. އަދި މާލެއާ ހުޅުމާލެއިންވެސް ގެތަކެއް ވަނީ ލޮކްޑައުން ކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: