މިހާރު ދުނިޔޭގައި ހަލުވިކަމާއިއެކު ފެތުރެމުންދާ ކޮރޯނާ ވައިރަހުގެ ކޭސްތަކެއް ވެރިރަށް މާލެއިން ފެނިފައިވާއިރު ރާއްޖެއިން ބޭރުން އައި ސަރުކާރުގެ އިސް ފަރާތްތަކެއްގެ އާއިލީބައެއް ރަށުތެރެއަށް ދޫކޮށްލި ކަމަށް ބުނެ ދެކެވެމުންދާ ވާހަތަކަށް ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ވަރަދުގަދަ ރައްދެއް ދެއްވައިފިއެވެ.
ރާއްޖެއިން ބޭރުން އަންނަ ހުރިހާ ދިވެހިން ކަރަންޓީން ކުރަން ނިންމި ފަހުން ނުފޫޒުގަދަ ބައެއް އާއިލާތަކަށް ނިސްބަތްވާ ބޭފުޅުން ކަރަންޓީނަށް ނުގެންގޮސް، މާލެއަށް އެރުމުގެ ފުރުސަތު ދީފައިވާ ކަމަށް ބުނެ ބައެއް އާންމުން ގެންދަނީ ސާޝަލް މީޑިއާގައި ކަންބޮޑުވުންފާޅުކުރަމުންނެވެ.
އެކަމާއި ގުޅިގެން އަލީ ޒާހިރު ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ ރާއްޖެއިން ބޭރުން އަންނަ ހުރިހައި ފަރާތްތަކެއް ކަރަންޓީން ކުރަން ފެށީ 21 މާރިޗް ވަނަ ދުވަހުން ފެށިގެން ކަމަށެވެ. އެހެން ކަމުން ސަރުކާރުގެ އިސްވެރިންނާއި މާލޭގެ މަތީފަޑީގެ ބައެއްގެ ނުވަތަ އާއިލާތަކެއްގެ ބަޔަކު ކަރަންޓީނަށް ފޮނުވުމުގެ ބަދަލުގައި ރަށުތެރެއަށް ދޫކޮށްލި ކަމަށް ބުނެ ފަތުރަމުންދަނީ އެއްވެސް ހަގީގަތެއް ހުރި ވާހަތަކެއް ނޫން ކަމަށާއި އަދި އެފަދަ އެންމެ މައްސަލައެއް ވެސް ހުށަނޭޅޭނެ ކަމަށް ވިދާޅުވެ އަލީ ޒާހިރު ވަނީ ޗެލެންޖް ކުރައްވާފައެވެ.
https://twitter.com/alixahir/status/1250811866919473152
އަލީ ޒާހިރުގެ މި ޓުވިޓާ ގުޅިގެން ގިނަ ބަޔަކު ވަނީ އޭނާއަށް ރައްދު ދެއްވައި ސަރުކާރުގެ އިސް ބައެއް ވެރިންގެ ނަމާއި އެ މީހުންގެ އާއިލާތަކަށް ނިސްބަތްވާ މީހުންގެ ނަންތައް ހާމަކޮށްފައެވެ. ނަމަވެސް އެއިން އެއްވެސް މެސެޖަކަށް އަލީ ޒާހިރު ޖަވާބް ދެއްވާފައެއް ނުވެއެވެ.

