ފެނަކަ ކޯޕަރޭޝަންގެ ހިންގުމުގެ ތެރޭގައި ހުރި މައްސަލަތަކާއި، ހިޔާނާތުގެ ތުހުމަތުތަކާ ގުޅޭގޮތުން ވާހަކަދައްކާއިރު، އެއީ ހަމައެކަނި ސިޔާސީ މަންފާއެއް ހޯދުމަށް ދައްކާ ވާހަކަތަކަކަށް ވެއްޖެނަމަ އެކަމުން އެދެވޭ ނަތީޖާއެއް ނުނިކުންނާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ. އަހުމަދު ޝަމްހީދު ވިދާޅުވެއްޖެއެވެ.
ކުރީގެ ސަރުކާރުގައި ފެނަކަ ކޯޕަރޭޝަނުން ހިންގާފައިވާ ކަމަށް ބުނާ ކޮރަޕްޝަންގެ ބޮޑެތި މައްސަލަތަކާއި، އެ ކުންފުނި އިސްލާހުކުރުމަށް ކުރަމުންދާ މަސައްކަތްތައް ހިނގާގޮތުގެ ތަފްސީލު ކޮންމެ ދެ މަހަކުން އެއްފަހަރު މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހުށަހެޅުމަށް އެ ކޮމިޓީން މިއަދު ވަނީ ފާސްކޮށްފަ އެވެ.
މި ނިންމުން ނިންމާފައިވަނީ ފެނަކައިގެ 2021 އިން 2023 އަށް ހިންގާފައިވާ މުއާމަލާތްތަކާ ގުޅޭގޮތުން އޮޑިޓަރ ޖެނެރަލްގެ އޮފީހުން ނެރުނު ހާއްސަ އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަމަށް ރިއާޔަތްކޮށް، ފޮނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހު ހުށަހެޅުއްވުންނެވެ. މާލިއްޔަތު ކޮމިޓީން މަމްދޫހުގެ ހުށަހެޅުން ފާސްކޮށް ވަނީ މަޖިލީހުގެ ތަޅުމަށް ފޮނުވާފައެވެ.
މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި މި މައްސަލައިގައި ޝަމްހީދު ވިދާޅުވި ގޮތުގައި ފެނަކައިން ކުރިއަށްގެންދިޔަ ގިނަ މަޝްރޫއުތަކަކީ ވަކި ސިޔާސަތެއްގެ ދަށުން، ރަށްރަށުގެ ރައްޔިތުންނަށް ވަޒީފާގެ ފުރުޞަތު ހޯދައިދިނުމަށް ހިންގި ކަންކަމެވެ.
ފެނަކައިގެ މަޝްރޫއުތަކަށް ކަނޑައެޅި ބަޖެޓުގެ ތެރެއިން 400 މިލިއަނަށްވުރެ ގިނަ ރުފިޔާ މުސާރައަށް ހޭދަވެފައިވާކަން ފާހަގަކުރައްވައިޝަމްހީދު ވިދާޅުވީ، އެއީ ސީދާ ވައްކަމެއްގެ ގޮތުގައި ސިފަކުރުމަކީ ބުއްދިވެރިކަމެއް ނޫން ކަމަށެވެ.
މުސާރަ ދިނުމަކީ މިސް މެނޭޖްމަންޓް ނުވަތަ ހިންގުމުގެ ބަލިކަށިކަމެއްގެ ގޮތުގައި ބެލެވިދާނެ. ނަމަވެސް އެއީ ކޮވިޑް-19 ގެ ދަތި ހާލަތުގައި ރަށްރަށުގައި ވަޒީފާ ގެއްލިފައި ތިބި މީހުންނަށް އާމްދަނީއެއް ހޯދައިދިނުމަށް އޭރުގެ އެމްޑީޕީ ސަރުކާރުން ގެންގުޅުނު ސިޔާސަތެއް
ޝަމްހީދު ވިދާޅުވީ އޭރު އެ މަޝްރޫއުތަކުން ނަތީޖާ ފެނުނުކަމަށާއި، ބައެއް އިމާރާތްތަކުގެ މަސައްކަތް ބާރުމިނުގައި ކުރިއަށްދިޔަ ކަމަށެވެ.
ޝަމްހީދު ވިދާޅުވީ، އެމްޑީޕީ ސަރުކާރު ނިމުނު ފަހުންވެސް އެއްވެސް މަސައްކަތެއް ނުކޮށް، ފެނަކައިގެ މުވައްޒަފުންނަށް މުސާރަ ދިނުމަށް އެތައް ސަތޭކަ މިލިއަން ރުފިޔާއެއް ދައުލަތުން ހޭދަކުރަމުންދާ ކަމަށެވެ. އަދި މިއަދާ ހަމައަށްވެސް އެއްވެސް އައުޓްޕުޓެއް ނެތި 300 ނުވަތަ 400 މިލިއަން ރުފިޔާ މުސާރައަށް ހިނގާކަމަށް ވިދާޅުވި އެވެ.
މީގެ އިތުރުން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) ގެ މިސާލު ދައްކަވަމުން އޭނާ ވިދާޅުވީ، 2025 ވަނަ އަހަރުގެ ތިންވަނަ ކުއާޓަރުގައި އެ ކުންފުންޏަށް 11 މިލިއަން ރުފިޔާގެ މަޝްރޫއު ހިންގައިގެން 136 މިލިއަން ރުފިޔާގެ ގެއްލުން ވެފައިވާ ކަމަށެވެ. މީގެ މާނައަކީ އެއްވެސް އުސޫލެއް ނެތި މުސާރައަށް އެކަނި 400 އާއި 500 މިލިއަން ރުފިޔާ ދައުލަތުން ބޭކާރުވަމުންދިއުންކަމަށް ޝަމްހީދު ވިދާޅުވިއެވެ.
މި ސަރުކާރުގެ ދުވަސްވަރު ފެނަކައިން ބާ އިންޖީނުތަކެއް ގަތް މައްސަލަ މަޖިލީހުގެ ކޮމިޓީން ބަލާފައިވާކަން ފާހަގަކުރައްވައި ޝަމްހީދު ވިދާޅުވީ ކުންފުނީގެ ތެރޭގައި ގޯސްތައް ހިނގަމުންދަނީ ހަމައެކަނި ކުރީ ސަރުކާރުގައެއް ނޫން ކަމަށެވެ. އަދި ނިމިދިޔަ މަޖިލިސް އިންތިހާބާ ދިމާކޮށް، ސަޕްލަޔަރުންނަށް ފައިސާ ދޫކުރުމުގައި ވަކި ކޮމިޝަނެއް ބައެއް ފަރާތްތަކަށް ލިބޭ ގޮތަށް އަމަލުކޮށްފައިވާ ކަމުގެ ތުހުމަތު ކުރެއްވިއެވެ.
ޝަމްހީދު ވިދާޅުވީ، ސިޔާސީ ގޮތުން އެކަކު އަނެކަކަށް ފާޑުކިއުން އަމާޒުކުރުމުގެ ބަދަލުގައި، ދައުލަތުގެ ކުންފުނިތަކަށް މިވަމުންދާ ބޮޑެތި ގެއްލުންތަކުން ސަލާމަތްވުމަށް ހަގީގީ ފޯކަސްއެއް ބަހައްޓަންޖެހޭ ކަމަށެވެ.

