ކަސްޓަމްސްގެ ޒިންމާ އަދާކުރުމަށް ކުރާ މަސައްކަތްތަކާމެދު ރައްޔިތުންގެ މެދުގައި ޝައްކު އުފައްދައި ނުރަގަނޅު ތަސައްވުރެއް އުފެދޭގޮތަށް އެއްވެސް ފަރާތަކުން އަމަލު ނުކުރެއްވުމަށް މޯލްޑިވްސް ކަސްޓަމްސް ސާރވިސްއިން ބުނެފިއެވެ.
ކަސްޓަމްސްއިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ރާއްޖެއަށް އެތެރެ ކުރާ މުދަލާއި ފަސިންޖަރުންނާއި ރާއްޖެއިން ބޭރުން އަންނަ އުޅަނދުފަހަރު ބަލައި ފާސްކުރުމަކީ ރާއްޖޭގެ ކަސްޓަމްސް ޤާނޫނުގެ ދަށުން މޯލްޑިވްސް ކަސްޓަމްސް ސާރވިސްއާ މަތިކުރެވިފައިވާ ޒިންމާއެއް ކަމަށެވެ. މިގޮތުން ރާއްޖެއަށް އެތެރެކުރާ މުދަލާއި ފަސިންޖަރުން އަދި އުޅަނދުފަހަރު ބަލައި ފާސްކުރުމަށް އެ ސާރވިސްއިން ބަނދަރުތަކުގައި ޤާއިމްކޮށްފައިވާ ވަސީލަތްތައް ބޭނުން ކުރަމުންދާކަމަށް ވަނީ ބުނެފައެވެ.
ކަސްޓަމްސްއަށް ލިބޭ މައުލޫމާތާއި އެހެނިހެން ހޯދުންތަކަށް ރިޔާއަތްކޮށް މުދަލެއް ނުވަތަ ފަސިންޖަރެއް ފިޒިކަލީ ބަލައި ފާސްކުރަން ޖެހިއްޖެނަމަ ޤާނޫނާ ޤަވައިދާ އެއްގޮތްވާ ގޮތުގެ މަތިން، ބަލައި ފާސްކުރާ ކަމަށްވެސް ވަނީ ބުނެފައެވެ. އެކަންކަން ތަންފީޒުކުރަނީ ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަށާއި ދިވެހި ރައްޔިތުންނާއި މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގެ މަޤްސަދުގައެވެ.
ކަސްޓަމްސްގެ ބަޔާނުގައި ވަނީ ދިވެހިރާއްޖޭގެ ބޯޑަރުގައި މި ކަންކަން ތަންފީޒުކުރުމަށް ކުރަންޖެހޭ ކަންކަން ޤާނޫނާއި ޤަވާއިދާ އުސޫލުތަކާއި އެއްގޮތަށް ކަސްޓަމްސްއިން ކުރަމުންދާ ކަމަށެވެ. ކަސްޓަމްސްގެ ޤާނޫނީ މަސްއޫލިއްޔަތާއި ޒިންމާ އަދާކުރުމަށް ކުރާ މަސައްކަތްތަކާމެދު ރައްޔިތުންގެ މެދުގައި ޝައްކު އުފައްދައި ނުރަގަނޅު ތަސައްވުރެއް އުފެދޭގޮތަށް އެއްވެސް ފަރާތަކުން އަމަލު ނުކުރެއްވުމަށް މޯލްޑިވްސް ކަސްޓަމްސް ސާރވިސްއިން ވަނީ އިލްތިމާސްކޮށްފައެވެ.
މިހެން ބަޔާނެއް ކަސްޓަމްސްއިން ނެރެފައިވާއިރު، ކަސްޓަމްސްގެ މުވައްޒަފަކާއި ގުޅުވާ ސޯޝަލް މީޑިއާގައި ވަނީ ޕޯސްޓެއްކޮށް އެ މުވައްޒަފަށް ތުހުމަތުތަކެއް ކޮށްފައެވެ. ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ފުލުހުންނަށް މި މައްސަލަ ހުށައޅަައި މައްސަލަ ބެލުމަށް ގޮވާލާފައެވެ.

