ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

”ޕާލް ރެސިޑެންސީ“ އިން ބޭރު ފައިސާގެ ދަތިތައް ހައްލުވާނެ، ޕްރޮޖެކްޓަށް ހުރަސްއަޅަނީ ގައުމަށް ހެވެއް ނޭދޭތީ: ނާޒިމް

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

”ޕާލް ރެސިޑެންސީ“ އަކީ ބޭރު ފައިސާގެ ތާށިކަން ހައްލުކުރަން އޮތް ފުރުސަތެއްކަމަށާއި، މި ޕްރޮޖެކްޓާއި ދެކޮޅަށް އިދިކޮޅުން އަޑުއުފުލަކީ ގައުމަށް ހެވެއް ނޭދޭތީކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި ބޮޑެތި އިންވެސްޓްމަންޓްތައް ކުރާ ބިދޭސީންނަށް ހާއްސަކޮށްގެން ސަރުކާރުން ތައާރަފުކުރި ”ޕާލް ރެޒިޑެންސީ“ ވިސާ ޕްރޮގްރާމަކީ ގައުމީ ސަލާމަތަށާއި ދައުލަތުގެ މާލީ ސިޔާދަތަށް އޮތް ބޮޑު ނުރައްކަލެއް ކަމަށް ބުނެ، އެ މަސައްކަތް ވަގުތުން ހުއްޓާލުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ވަނީ ހުށަހަޅާފަ އެވެ.

ހުޅުމާލެ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު ޑރ. އަހުމަދު ޝަމްހީދު ހުށަހެޅުއްވި މި ގަރާރުގައި، މި މަޝްރޫއާ ގުޅޭ އެންމެހައި އެއްބަސްވުންތައް މަޖިލީހަށް ހުށަހަޅައި، އެކަމުގައި މެންބަރުން ދެކޭ ގޮތް ސާފުކުރުމަށް ވަނީ އެދިފަ އެވެ.

ގަރާރުގެ ބަހުސްގައި ނާޒިމް ވިދާޅުވީ އިދިކޮޅުގެ މަސައްކަތަކީ ގައުމަށް ކުރިއެރުމެއް އަންނާނެ ކޮންމެ މަޝްރޫއުއެއް ހުއްޓުވުން ކަމަށެވެ.

ރާއްޖޭގެ އިގްތިސާދީ މުސްތަގުބަލު ބަދަލުކޮށްލުމަށްޓަކައި ސަރުކާރުން އިސްނަގައިގެން ކުރިއަށްގެންދާ ”މޯލްޑިވްސް ޕާލް ރެސިޑެންސީ“ ޕްރޮގްރާމަކީ ގައުމަށް ނުހަނު ބޭނުންތެރި، ދުރުވިސްނޭ މަޝްރޫއެއް ކަމަށެވެ. ނާޒިމް ވިދާޅުވީ، މި ޕްރޮގްރާމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުން ދައްކަނީ ހަގީގަތާ ހިލާފު، ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭނެ ފަދަ ވާހަކަތަކެއް ކަމަށެވެ.

ނާޒިމް ފާހަގަކުރެއްވި ގޮތުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ބަޔާނުގައި ހާމަކުރެއްވި ގޮތަށް، މި މަޝްރޫއު ކުރިއަށްދާނީ ރައްޔިތުންގެ މަޖިލީހަށް ހާއްސަ ގާނޫނެއް ހުށަހަޅައި، އެ ގާނޫނު ފާސްކޮށްގެންނެވެ. އަދި ވިދާޅުވީ މިހާރު ކުރިއަށްދަނީ އެ ގާނޫނު ފަރުމާކުރުމާއި، ވިސާ ދޫކުރާނެ ހަމަތަކާއި ޝަރުތުތައް ކަނޑައެޅުމަށް ބޭނުންވާ ބައިނަލްއަގްވާމީ ފެންވަރުގެ ކޮންސަލްޓެންސީ މަސައްކަތްތައް ކަމަށެވެ.

ރާއްޖޭގެ އިގްތިސާދު މިހާރު ބަރޯސާވެފައި އޮތް ޓޫރިޒަމާއި މަސްވެރިކަމުގެ ސިނާއަތުން ލިބޭ ކުރިއެރުން މަޑުޖެހިފައިވާކަން ފާހަގަކުރައްވައި، ނާޒިމް ވިދާޅުވީ އާމްދަނީ އިތުރުކުރާނެ ކްރިއޭޓިވް ގޮތްތައް ހޯދަންޖެހޭ ކަމަށެވެ. މެލޭޝިއާގެ ”މެލޭޝިއާ މައި ސެކަންޑް ހޯމް“ ޕްރޮގްރާމް މިސާލެއްގެ ގޮތުގައި ނަންގަވައި ނާޒިމް ވިދާޅުވީ، އެ ގައުމުގައި 58،000 އަށްވުރެ ގިނަ މީހުން މި ވިސާ ބޭނުންކުރާއިރު، އޭގެ ސަބަބުން 4 ބިލިއަން ޑޮލަރަށްވުރެ ގިނަ ފައިސާ އެ ގައުމުގެ ބޭންކުތަކުގައި ޑިޕޮސިޓް ކުރެވިފައިވާ ކަމަށެވެ.

މިފަދަ ބޮޑު އިންވެސްޓްމަންޓެއް ރާއްޖެއަށް ލިބުމަކީ ބޭރު ފައިސާގެ ތާށިކަން ހައްލުވެ، ދިވެހި ރުފިޔާގެ އަގު ހިފެހެއްޓުމަށް ލިބޭނެ ބޮޑު ބާރެއްކަމަށް ނާޒިމް ވިދާޅުވިއެވެ.

މީގެ އިތުރުން، މި ޕްރޮގްރާމްގެ ސަބަބުން ހަމައެކަނި ސަރުކާރަށް ލިބޭ ފީތަކުގެ އިތުރުން، އިމާރާތްކުރުމާއި، ބޭންކިން، ފައިނޭންސް، އަދި ސިއްހީ ދާއިރާއިން ދިވެހިންނަށް މަތީ އާމްދަނީ ލިބޭ އާ ވަޒީފާތައް އުފެދިގެންދާނެކަމަށް ނާޒިމް ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވީ، ގާނޫނުގައި އެކަންކަން ހިފެހެއްޓޭނެ ހަރުދަނާ އުސޫލުތައް ހިމެނޭނެ ކަމަށެވެ. މި ޕްރޮގްރާމްގެ ދަށުން އަންނަ އިންވެސްޓަރުންނަށް ސޯޝަލް ހައުސިން ފަދަ އާދައިގެ ރައްޔިތުންނަށް ހާއްސަ ތަންތަން ގަތުމުގެ ފުރުސަތު ނޯންނާނެކަމަށާއި، އެމީހުންގެ އިންވެސްޓްމަންޓްތައް އަމާޒުކުރެވޭނީ ރިއަލް އެސްޓޭޓްގެ ލަގްޒަރީ މާކެޓަށްކަމަށް ނާޒިމް ވިދާޅުވި އެވެ.

މޯލްޓާގައި މިފަދަ ޕްރޮގްރާމްތައް ހުއްޓުވީ ޔޫރަޕިއަން ޔުނިއަންގެ ގާނޫނުތަކާ ހިލާފުވުމުން ކަމަށާއި، ރާއްޖޭގައި އަމިއްލަ މިނިވަން ގާނޫނެއްގެ ދަށުން މަޖިލީހުގެ ބާރުގެ ދަށުން މިކަން ކުރުމުން އެފަދަ މައްސަލައެއް ދިމާނުވާނެކަމަށް ނާޒިމް ވިދާޅުވި އެވެ. ނާޒިމް އިތުރަށް ވިދާޅުވީ، ޕޯޗުގަލް ވެސް މިފަދަ ސްކީމްތަކުން 7 ބިލިއަނަށްވުރެ ގިނަ ޑޮލަރުގެ އިންވެސްޓްމަންޓް ހޯދާފައިވާ ކަމަށެވެ.

ނާޒިމް ވިދާޅުވީ ރާއްޖޭގެ ބޭންކުތަކަށް ބޭރު ފައިސާ ވަދެ، އިގްތިސާދު ވަރުގަދަވާނެ ކަމަކަށް ހުރަސްއެޅުމަކީ ގައުމަށް ހެޔޮއެދޭ އެއްވެސް ރައްޔިތަކު ކޮށްގެންވާނެކަމެއް ނޫން ކަމަށެވެ. މި ޕްރޮގްރާމަކީ ރާއްޖޭގެ ޓެކްސް ބޭސް ފުޅާކުރުމަށް އެޅޭ އެންމެ މުހިންމު އެއް ފިޔަވަޅުކަމަށް ނާޒިމް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: