ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިގްތިސާދަކީ އޭގެ ޒާތުގައި ހިނގާ އެއްޗެއް ނޫން، އެއީ އީލްމީ ގޮތެއްގައި މެނޭޖުކުރަންޖެހޭ ކަމެއް: ރައީސް ޔާމީން

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ސަންގުޓީވީއަށް ދެއްވި އިންޓަވިއުގެ ތެރެއިން/ ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ވެރިކަން ކުރަން ނޭނގޭ ނަމަ ނުވަތަ އިގްތިސާދު މެނޭޖު ނުކުރެވޭ ނަމަ، އެކަން ކުރަން އެނގޭ ބަޔަކާ ވެރިކަން ހަވާލުކޮށްފައި ދުރަށް ވަޑައިގަތުމަކީ ދިވެހި ރައްޔިތުންނަށް އޮތް އެންމެ ރަނގަޅު ގޮތްކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީން މިހެން ވިދާޅުވީ ގާނޫނުއަސާސީއަށް 18 އަހަރު ފުރުމާއި ގުޅޭގޮތުން، ސަންގުޓީވީން ކުރިޔަށް ގެންދިޔަ ހާއްސަ ކަވަރޭޖުގައި ވާހަކަ ދައްކަވަމުންނެވެ.

މި ކަވަރޭޖުގައި ރައީސް ޔާމީން ވަނީ ރާއްޖޭގެ އިގްތިސާދު މެނޭޖު ކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. ރައީސް ޔާމީން ވިދާޅުވީ، ދައުލަތުގެ އިގްތިސާދީ ދުވެލި ބާރުވުމާއި މަޑުޖެހުން ބިނާވަނީ އޭރަކު އޮންނަ ސަރުކާރަކުން ކަންކަން ރޭވުންތެރިކަމާއެކު މެނޭޖުކުރާ ގޮތުގެ މައްޗަށް ކަމަށެވެ.

ބައެއް ފަރާތްތަކުން އެމަނިކުފާނުގެ ވެރިކަމުގައި ރާއްޖެއަށް އައި ތަރައްގީއަކީ ”ނަސީބު“ ރަނގަޅުވުމުން ގެނެވުނު ޕްރޮޖެކްޓެއްކަމަށް ބުނާތީ އެކަމާއި ގުޅޭގޮތުން ސުވާލު ކުރުމުން ރައީސް ޔާމީން ވިދާޅުވީ، އިގްތިސާދަކީ ގޮނޑުދޮށަށް ރާޅު އެރުމުން ވެލިގަނޑު ބޮޑުވެ، މޫސުން ބަދަލުވުމުން ވެލިގަނޑު ކަހާލާ އުސޫލުން އޭގެ ޒާތުގައި ބަދަލުވާ އެއްޗެއް ނޫން ކަމަށެވެ.

އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، މުޅި ދައުލަތުގެ ޑިމާންޑް ކޮންޓްރޯލް ކުރުމާއި، ދުނިޔޭގެ ބާޒާރަށް އަންނަ ބަދަލުތައް ދުރާލާ ދިރާސާކޮށްގެން ފިޔަވަޅު އެޅުމަކީ ސަރުކާރުގެ އެންމެ އިސް ޒިންމާއެވެ.

މި މަސައްކަތުގައި މަރުކަޒީ ބޭންކު އެމްއެމްއޭއާއި ފިނޭންސް މިނިސްޓްރީގެ ދައުރު ބޮޑު ނަމަވެސް، އެ ހުރިހާ ކަމެއްގެ އެންމެ އިސްވެ ބަލަހައްޓަން ހުންނަވާ ބޭފުޅަކީ ރައީސުލްޖުމްހޫރިއްޔާކަމަށް ވާތީ، އިގްތިސާދަށް އަންނަ ލޮޅުންތަކުގެ ޒިންމާ ވެރިން އުފުލަންޖެހޭނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވި ގޮތުގައި، މެކްރޯ އިކޮނޮމިކްސް ކިޔަވާ ކުއްޖަކަށް ވެސް ދައުލަތުގެ ޖުމްލަ ބޭނުންތަކާއި އާމްދަނީ ބައްޓަންވާ ގޮތް އެނގޭނެކަމަށާއި، އެކަންކަން ހަމަ މަގަށް އެޅުވުމުގެ ބަދަލުގައި މުސްތަގުބަލުގައި ވާނެ ގޮތެއްގެ އިންތިޒާރުގައި ތިބުމަކީ ވަރަށް ދެރަ ކަމެކެވެ.

ރައީސް ޔާމީން ވިދާޅުވީ، ވެރިކަން ކުރަން ނޭނގޭ ނަމަ ނުވަތަ އިގްތިސާދު މެނޭޖު ނުކުރެވޭ ނަމަ، އެކަން ކުރަން އެނގޭ ”ނަސީބު ރަނގަޅު“ ބަޔަކާ ވެރިކަން ހަވާލުކޮށްފައި ދުރަށް ވަޑައިގަތުމަކީ ދިވެހި ރައްޔިތުންނަށް އޮތް އެންމެ ރަނގަޅު ގޮތް ކަމަށެވެ.

އެމަނިކުފާނުގެ ފަސް އަހަރުގެ ދައުރުގައި ހިންގި ބޮޑެތި މަޝްރޫއުތަކުގެ ފަލްސަފާއަކީ އިގްތިސާދީ މަންފާ ހޯދުންކަން ފާހަގަކުރައްވައި، އެންމެ ބޮޑު އިސްކަމެއް ދެއްވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީއަށްކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

އެގޮތުން އެއަޕޯޓް އަނބުރާ ދައުލަތަށް ހޯއްދެވުމަށްފަހު، އަހަރަކު ހަތް މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭ ފެންވަރަށް އެތަން ތަރައްގީ ކުރަން ފެއްޓެވީ ރާއްޖޭގެ އިގްތިސާދުގެ މައިނާރަކީ އެއީ ކަމަށްވާތީކަމަށް ވިދާޅުވިއެވެ.

ރައީސް ޔާމީން ފާހަގަކުރެއްވި ގޮތުގައި، އެމަނިކުފާނު ހިންގި ކޮންމެ މަޝްރޫއަކީ ދައުލަތުގެ ރިކަރަންޓް ހަރަދު އިތުރުކުރުމުގެ ބަދަލުގައި، ދިގު މުއްދަތުގައި އިގްތިސާދީ ނަފާ ނެރެދޭނެ ކަންކަމެވެ.

މީގެ އިތުރުން، ސަލްމާން މިސްކިތާއި ދަރުމަވަންތަ ހޮސްޕިޓަލް ފަދަ ބިނާތަކަކީ ވެސް ހަމައެކަނި އިޖުތިމާއީ ހިދުމަތަކަށްވުރެ ބޮޑަށް އިގްތިސާދީ ވިސްނުމެއްގެ ތެރެއިން ކުރެވުނު މަސައްކަތްތަކެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ދަރުމަވަންތަ ހޮސްޕިޓަލް މިސާލެއްގެ ގޮތުގައި ނަންގަވައި ރައީސް ޔާމީން ވިދާޅުވީ، އެތަނަކީ ޒަމާނީ ވަސީލަތްތަކާއެކު ސްޕެޝަލިސްޓުން ތަމްރީނުކޮށް، ރާއްޖޭގެ ސިއްހީ ދާއިރާ ހަރުދަނާކޮށް، އާސަންދައަށް ކުރާ ބޮޑު ހަރަދު ކުޑަކުރުމަށް އަމާޒުކޮށްގެން ހިންގި އިކޮނޮމިކް ޕްރޮޖެކްޓެއް ކަމަށެވެ.

މިސްކިތްތަކާއި ސްކޫލްތައް ބިނާކުރުމަކީ ރަށްރަށުގެ ތަރައްގީއަށް ކޮންމެހެން ބޭނުންތެރި ކަންކަން ކަމުގައި ވީނަމަވެސް، ވެރިއެއްގެ އެންމެ ބޮޑު އަމާޒަކަށް ވާންޖެހޭނީ މުޅި ގައުމުގެ ފުދުންތެރިކަން އިތުރުކޮށް އިގްތިސާދު ވަރުގަދަ ކުރުންކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: