މިޙާރު މަޖިލީހުގައި އެއްވެސް މެމްބަރެއްގެ އެ ހިއްވަރެއް ނެތް ކަމަށާއި، މެމްބަރުންގެ ތަޅުދަނޑި އޮންނަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަތުގައި ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.
ގާނޫނުއަސާސީއަށް 18 އަހަރު ފުރުމާއި ގުޅިގެން ސަންގުގެ ކަވަރޭޖުގައި ފައްޔާޒް ވިދާޅުވީ މަޖިލީހުގެ ގާނޫނަކީ ގާނޫނުއަސާސީގެ ތެރެއަށް އަންނަން ވީ ގާނޫނެއް ކަމަށެވެ. އޭގައި ކޮންމެ މަޖިލިސް މެމްބަރަކަށް ކަނޑައެޅޭ ވަކި މިންވަރެއްގެ ތެރެއިން ވަކި ވަގުތެއް ވަންދެން ވާހަކަ ދެއްކޭ ކަމަށާއި އެހެންނަމަވެސް ގަވައިދެއް އައިފައި އޮތުމުން އެކަންވެސް އޮތީ ހަނިކުރެވިފައި ކަމަށް ފައްޔާޒް ވިދާލުވިއެވެ.
އެންމެ ބާރުގަދަ ތަނަކީ މަޖިލިސްކަން ފާހަގަކުރައްވާ ފައްޔާޒް ވިދާޅުވީ އެތަން އެންމެ ބާރުގަދަ ތަނަށް ވަނީ ގާނޫނު ހެދުމުގެ އިތުރުން ހުރިހާ ހައްގުތަކެއް ހިާޔަތްކުރުމުގެ ހަގީގީ މެންޑޭޓު އޮންނަނީ ރައްޔިތުންގެ މަޖިލީހަށް ކަމަށެވެ. އެހެންނަމަވެސް މިހާރު ކަން ހިނގާގޮތަށް އަލިއަޅުއްވާލައްވާ ފައްޔާޒް ވިދާޅުވީ ރައްޔިތުންގެ މަޖިލިހުގައި ހާއްސަކޮށް މިޙާރު އެއްވެސް “ގަޓެއް” ނެތް ކަމަށާއި މަޖިލީހުގެ ތަޅުގަނޑު އޮންނަނީ ރައީސް މުއިއްޒު އަތުގައި ކަމަށެވެ.
“ގާނޫނުއަސާސީ ހިމާޔަތް ކުރުމާއި ރައްޔިތުން ހިމާޔަތް ކުރުމުގެ ބާރު ދީފައި އޮންނަނީ 93 މެމްބަރެއްގެ މައްޗަށް. އެކަކެއް ނޫން. އެހެންވީމާ 93 މީހުން އެއްވެގެން ރައްިތުންގެ ހައްގުތައް އަސްލު މި ހިމާޔަތް ކުރެވެނީ. އެކަމަކު މިހާރު ވަކިވަކި ފަރުދުން ގޮތަށް މިތިބީ. މިކަމުގައި ބެލެންސެއް އޮންނަން ޖެހޭ”
ފައްޔާޒް ވިދާޅުވީ މިހާރުގެ މަޖިލީހުގައި ރައްޔިތުންނާއި ގުޅޭ އެއްވެސް ވާހަކައެއް ނުދައްކާ ކަމަށެވެ. އެމްޑީޕީގެ ސަރުކާރުގައިވެސް ބޮޑު ސަޕޯޓެއް މަޖިލީހަށް އޮތް ކަމަށާއި އެހެންނަމަވެސް އިދިކޮޅަށް ބައިވަރު ވާހަކަ ދެއްކި ކަމަށެވެ. އޭރު މަޖިލީހުގައި މިނިސްޓަރުން ހާޒިރު ކުރުމަށްފަހު ވަގަށްވެސް ގޮވި ކަމަށާއި އެހިއްވަރު އެމްޑީޕީގެ ހުރި ކަމަށް ފައްޔާޒް ވިދާޅުވިއެވެ.
މީގެއިތުރުން ފައްޔާޒް ވިދާޅުވީ ސިޔާސީޕާޓިއެއްގެ މެމްބަރުންނަށް ވާ މީހުން ގާނޫނުއަސާސީއާއި ޑިމޮކްރެސީ ހިފަހައްޓަން ހުވައެއް ކުރަން ޖެހޭ ކަމަށް ގާނޫނުއަސާސީގައި ލިޔަންޖެހޭ ކަމަށެވެ. ޑިމޮކްރަސީއަކީ ރަނގަޅު އެއްޗެއް ނޫން ކަމަށް ބުނެ އެތަކެއް ވާހަކަތަކެއް ދައްކާކަމަށް ފައްޔާޒް ވިދާޅުވިއެވެ.

