ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނޮވެލް ކޮރޯނާ ވައިރަހުގެ ހަގީގަތް، ފަރުދީ ޒިންމާ އަދާނުކޮށްފިނަމަ ސަލާމަތެއް ނެތް!

ޝެއާރކޮށްލާ ކަހަލަދޯ؟

މުޅި ދުނިޔޭގައި ހަލުވި ކަމާއިއެކު މިހާރު ފެތުރެމުންދާ ނޮވެލް ކޮރޯނާ ވައިރަސް ނުވަތަ (ކޮވިޑް19) އަކީ މިއަދުގެ ޖީލަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ނުރައްކާ ކަމަށް ދެންނެވުން ގޯހަކަށް ނުވާނެއެވެ. ކޮރޯނާ ވައިރަހުގައި ދުނިޔޭގެ ބޮޑެތި އިގްތިސާދުތަކުން ގޮތް ހުސްވެފައިވާ މަންޒަރު ފެންނަމުން ދިއުމަކީ ކޮރޯނާ ވައިރަހުގެ ނުރައްކާ ބޮޑުކަން އެނގިގެންދާ ކަމެކެވެ. 

ކޮންމެއަކަސް ކޮރޯނާ ވައިރަހުގެ ނުރައްކާ މިއަދު ދިވެހިރާއްޖެއަށް ކޮށްފައިވާއިރު ކޮރޯނާގެ ތޫފާނުން ސަލާމަތްވުމަށްޓަކައި ކުރަން ޖެހޭ ހުރިހައި މަސައްކަތެއް ކުރުމުގެ ބާރު މިއަދު އަޮތީ އަޅުގަނޑުމެން ރައްޔިތުންގެ އަތްމަތީގައެވެ. މިއަދު އަޅުގަނޑުމެން ފަރުދީ ޒިންމާ އަދާނުކޮށްފިނަމަ ގައުމު އެކީއެކަށް ހަލާކުގެ ތެރެއަށް ދިއުމަކީ ވަރަށް ކައިރި ކަމެކެވެ. އެހެން ކަމުން ކޮރޯނާ ވައިރަހަކީ ކޮބައި ކަމާއި ކޮރޯނާ ވައިރަސް ޖެހެނީ ކިހިނެއް ކަމާއި ބައްޔަށް ފަރުވާއެއް އޮތްތޯ ނުވަތަ  ނެތްތޯ ރައްޔިތުންނަށް ކޮންމެހެން ސާފްވާން ޖެހޭކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ. އެހެން ކަމުން ކޮރޯނާ ވައިރަހަކީ ކޮބައިކަން ހިއްސާކޮށްލާނަމެވެ.

ކޮރޯނާ ވައިރަސް

ކޮރޯނާ ވައިރަހަކީ އަކި އިންސާނުންނާއި ޖަނަވާރުންގެ މެދުގައި ބަލި ޖައްސާ ވައިރަހެކެވެ. އާދައިގެ އަރިދަފުސް ރޯގާ އިން ފެށިގެން ގޮސް މާރސް ރޯގާ، އަދި ސާރސް ރޯގާ ވެސް ޖެހެނީ ކޮރޯނާ ވައިރަސްގެ ސަބަބުންނެވެ. ކޮރޯނާ ވައިރަސް އަށް ނަންދެވިފައިވަނީ އޭގެ ބޭރު ސަތަހައިގައި ހުންނަ ”ތާޖުތަކެއް ކަހަލަ ކަށިތަކަށް“ ނިސްބަތްކޮށެވެ. ކޮރޯނާ ވައިރަސް މައިގަނޑު 4 ގުރޫޕަކަށް ބަހާލެވިފައި ވެއެވެ. އެއީ އަލްފާ ކޮރޯނާ ވައިރަސް، ބީޓާ ކޮރޯނާ ވައިރަސް، ގާމާ ކޮރޯނާ ވައިރަސް، އަދި ޑެލްޓާ ކޮރޯނާ ވައިރަސް އެވެ.

އިންސާނުންނަށް ކޮރޯނާ ވައިރަސް އިން ބަލިޖެހޭކަން ފުރަތަމަ ހޯދިފައިވަނީ 1960 ގެ އަހަރު ތަކުގެ ތެރޭގައެވެ. މީގެ ކުރިން ވެސް ތަފާތު 6 ކޮރޯނާ ވައިރަސް ހޯދިފައި ވެއެވެ. އޭގެ ތެރެއިން ތަފާތު 2 ކޮރޯނާ ވައިރަސް އެއްގެ ސަބަބުން ކުރިން ބޮޑެތި ރޯގާތައް ފެތުރިފައި ވެއެވެ. އެއީ 2002-2003 ގައި ފެތުރުނު ސިވިއަރ އެކިޔުޓް ރެސްޕިރޭޓަރީ ސިންޑްރޯމް ނުވަތަ ސާރސް ރޯގާ އާއި، 2012 ވަނަ އަހަރު ސައުދީ އަރަބިއްޔާ އިން ފެނުނު މިޑްލް އީސްޓް ރެސްޕިރޭޓަރީ ސިންޑްރޯމް ނުވަތަ މާރސް ރޯގާ އެވެ. 

މީގެއިތުރުން ހޯދިފައިވާ ދިރާސާތަކުން ދައްކާ ގޮތުގައި  ވަރަށް ގިނަ ޖަނަވާރުތަކުގެ ހަށިގަނޑުގެ ކޮރޯނާ ވައިރަސް އާއިލާގެ ވައިރަސް ތައް ހުރެއެވެ. އެގޮތުން ކޮރޯނާ ވައިރަސް ހުންނަ ޖަނަވާރުތަކުގެ ތެރޭގައި ޖަމަލު، ބުޅާ، ގެރި، އަދި ވާ ފަދަ ޖަނަވާރުތައް ހިމެނެއެވެ. އިންސާނުންގެ ހަށިގަނޑަށް ޖަނަވާރުންގެ ފުށުން މިފަދަ ވައިރަސްތައް މަދުން ނަމަވެސް އައިސްފައި ވެއެވެ. އެގޮތުން މިފަދަ ކޮރޯނާ ވައިރަސްތަކުގެ ސަބަބުން ކުރިމަތިވި އެންމެ ފާހަގަކޮށްލެވޭ ދެ ބަލިމަޑުކަމަކީ ސާރސް ރޯގާ އާއި މާރސް ރޯގާ އެވެ.

null

ނޮވެލް ކޮރޯނާ ވައިރަސް

ނޮވެލް ކޮރޯނާ ވައިރަހަކީ އަލަށް ފެނުނު ކޮރޯނާ ވައިރަހުގެ ބާވަތެކެވެ. މިވައިރަސް އަށް ދެވިފައިވާ ނަމަކީ ”ނޮވެލް ކޮރޯނާ ވައިރަސް 2019″(nCoV-2019) އެވެ.މި ވައިރަސްއަށް ސައިންސްވެރިން ދީފައިވާ ނަމަކީ ”އެންސީއޯވީ-2019“ އެވެ. ”އެން“ ނިސްބަތްވަނީ ނޮވެލް އަށެވެ. މާނައަކީ އަލަށް ފެނުން ނޫނީ ”އާ“ އެވެ. ސީއޯ އަކީ ”ކޮރޯނާ ވައިރަސް“ ނަމުގެ ”ފެށޭ ދެއަކުރު“ އެވެ. ”ވީ“ ނިސްބަތްވަނީ ވައިރަސް އަށެވެ. ދެން ހިމެނެނީ އެ ވައިރަސް ފެތުރެން ފެށި އަހަރު ނުވަތަ 2019 ވަނަ އަހަރެވެ.

ނޮވެލް ކޮރޯނާ ވައިރަސް އިންފެކްޝަން ފެތުރޭގޮތް

މިވައިރަސްގެ ސަބަބުން އާންމު ގޮތެއްގައި ބަލި ފެތުރެނީ ޖަނަވާރުންގެ ފަރާތުން އިންސާނުންނަށެވެ. ނަމަވެސް މިހާރު މިބަލި އިންސާނުންގެ މެދުގައި އެކަކު ގައިން އަނެކާގެ ގަޔަށް ފެތުރޭކަންވަނީ ޔަގީން ކުރެވިފައެވެ. މިދުވަސްވަރު ނޮވެލްކޮރޯނާ ވައިރަސް ދަނީ ވަރަށް ހަލުވިކަމާއެކު ފެތުރެމުންނެވެ. ޗައިނާގެ ހުބޭއީ ޕްރޮވިންސްގެ ވެރިރަށް ވުހާން ސިޓީ އިން 31 ޑިސެމްބަރ 2019 ގައި ފުރަތަމަ ފެނުނު ވައިރަސް މިހާރު ވަނީ އެތައް ގައުމަކަށް ފެތުރި، އެތައް ބަޔަކަށް ބަލިޖެހި، އެތައް ބަޔަކު ބަލީގައި މަރުވެގޮސްފައެވެ.

ވައިރަސްއާއި ގުޅޭ ގޮތުން ފެންނަންހުރި އަދި ހޯދިފައިވާ ހޯދުންތަކަށް ބަލާއިރު މިއީ އަލަށް ފެނުނު ކޮރޯނާ ވައިރަސް އެއް ކަމުން މިވައިރަސް ފެތުރޭގޮތް ހަގީގީ ސިފައެއްގައި ޔަގީންކަމާއެކު މުޅިން ހޯދިފައެއް ނުވެއެވެ. ނަމަވެސް އެންމެ އާންމު ގޮތެއްގައި ކޮރޯނާ ވައިރަސް އިންފެކްޝަން ފެތުރެނީ ބަލިޖެހިފައިވާ މީހަކާއި ގާތުގައި ( 2-1 މީޓަރުގެ ނުވަތަ 6-3 ފޫޓުގެ އިމެއްގެ ތެރޭގައި) ގައިގޯޅިވެ އުޅޭ މީހުންނަށެވެ.

އެގޮތުން ނޮވެލް ކޮރޯނާވައިރަސް އިންފެކްޝަން ޖެހިފައިވާ މީހަކު ކެއްސާ ކިނބިހިއެޅުމުގެ ތެރޭގައި ބޭރުވާ އަރިދަފުހާ ކުޅާއެކު ވައިރަސް ހަށިގަނޑުން ބޭރުވެއެވެ. ބެލެވިފައިވާ ގޮތުގައި ބަލި ފެތުރެނީ ބަލިޖެހިފައިވާ މީހާ ކެއްސާ، ކިނބިހިއެޅުމުގެ ތެރޭގައި ބޭރުވާ އަރިދަފުސް، ކުޅު ފަދަ ތަކެތީގެ ޒަރީޢާއިންނެވެ. އަދި ބަލިމީހާ މިގޮތަށް ކެއްސާ ކިނބިހިއަޅާއިރު ބަލިމީހާއާއި 6-3 ފޫޓުގެ ކައިރީގައި ހުރި މީހެއްގެ އަނގަޔަށް ނޭފަތް ނުވަތަ ލޮލަށް އަރިދަފުސް ކުޅާއެކު ވައިރަސް ހިނގައްޖެނަމަ އެމީހަކަށް ބަލިޖެހިދާނެއެވެ. އެއީ އިންފުލުއެންޒާއާއި، އެހެނިހެން ނޭވާލާ ނިޒާމަށް ޖެހޭ މިފަދަ ބަލިތައް ވެސް ފެތުރޭގޮތެވެ. ބަލިޖެހިފައިވާ ކެއްސާ ކިނބިހިއެޅުމުގެ ތެރޭގައި ބޭރުވާ ކުޅު، އަރިދަފުސް ފަދަ ތަކެތި (ޑްރޮޕްލެޓް) ގާތުގައި ތިބޭމީހުންގެ ނޭފަތް ނުވަތަ އަނގަޔަށް ދިއުމުގެ ފުރުޞަތު އޮވެއެވެ. ނޫނީ އެތެރެއަށް ނޭވާލުމުގެ ތެރޭގައި ފުއްޕާމޭގެ ތެރެއަށް ދިއުމުގެ ފުރުޞަތު އޮވެއެވެ. 

null

ނޮވެލް ކޮރޯނާ ވައިރަސް އިންފެކްޝަންގެ އަލާމާތްތައް ފެންނަށް ނަގާ މުއްދަތު

ކޮންމެ ވައިރަސް ނޫނީ ޖަރާސީމެއްމެ ހަށިގަނޑަށް ވަނުމަށްފަހު އޭގެ އަލާމާތްތައް ފެނުމަށް ވަކި މުއްދަތެއް ނަގައެވެ. ނޮވެލް ކޮރޯނާ ވައިރަސް ހަށިގަނޑަށް ވަނުމަށްފަހު އޭގެ ސަބަބުން އަލާމާތްތައް ފެންނަށް ނަގާ މުއްދަތު އަދި އެހާ ސާފެއް ނޫނެވެ. ނަމަވެސް މިހާތަނަށް ބެލިބެލުންތަކާއި، ހޯދި ހޯދުންތަކުން އެނގިފައިވާ ގޮތުގައި  ނޮވެލް ކޮރޯނާ ވައިރަސް ހަށިގަނޑަށް ވަނުމަށްފަހު އެވައިރަސް ހަށިގަނޑުގައި އިތުރުވެ، އެކަމުގެ ސަބަބުން  އަލާމާތްތައް ފެންނަނީ ހަށިގަނޑަށް ނޮވެލް ކޮރޯނާ ވައިރަސް ވަންނަތާ 14-2 ދުވަހާއި ދެމެދުގެ މުއްދަތެއްގެ ތެރޭގައެވެ.

ނޮވެލް ކޮރޯނާ ވައިރަސް އިންފެކްޝަން ގެ ސަބަބުން ދިމާވެދާނެ ނުރައްކާތައް

ނޮވެލްކޮރޯނާވައިރަސްގެ ސަބަބުން ދިމާވެދާނެ ނުރައްކާތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ. 

 1،  ފުއްޕާމޭގައި ޖަރާސީމު އަށަގަނެ ނިއުމޯނިޔާ ޖެހުން · 

2 ،   އެކިޔުޓް ރެސްޕިރޭޓަރީ ޑިސްޓްރެސް ސިންޑްރޯމް ކުރިމަތިވުން · 

3،   ކިޑްނީ ފޭލްވުން ·

4،  ފުރާނަޔަށް ނުރައްކާވެ، މަރުވުން ( ބައެއް ފަހަރު)

ނޮވެލް ކޮރޯނާ ވައިރަސް އިންފެކްޝަން އަށްދެވޭ ފަރުވާ

ނޮވެލް ކޮރޯނާ ވައިރަސް އިންފެކްޝަން އަކީ ވައިރަސް އިން ފެތުރޭ އިންފެކްޝަނަކަށް ވެފައި، މިއީ އަލަށް ފެނުނު ކޮރޯނާ ވައިރަސް އެއްކަމުން މިވައިރަސް އިން ޖެހޭ ބައްޔަށް ނުވަތަ އިންފެކްޝަނަށް ވަކި ޚާއްޞަ ފަރުވާއެއް ހޯދިފައެއް ނުވެއެވެ. އާންމު ގޮތެއްގައި ނޮވެލް ކޮރޯނާ ވައިރަސްގެ ސަބަބުން ބަލިޖެހޭ މީހުންނަށް ފަރުވާކުރަނީ ބަލިމީހާއަށް ކުރިމަތިވެފައިވާ އުނދަގޫތަކަށް ރިޢާޔަތްކޮށް އެއުދަނގޫތަކަށް ލުއިކަން ހޯދައި ދިނުމަށްޓަކައެވެ.

ނޮވެލް ކޮރޯނާ ވައިރަސް އަކީ އަލަށް ފެނުނު ވައިރަސް އެއް ކަމަށްވެފައި، ހަލުވިކަމާއެކު، ބަލިފެތުރިދާތީ، ބަލީގެ އަލާމާތްތައް ފެނި ބައްޔަށް ޝައްކު ކުރެވޭ މީހުން، ބަލިހުރިކަން ލެބޯޓަރީ ޓެސްޓު ހަދައިގެން ޔަގީން ކުރެވެންދެން އެހެން މީހުންނާއި އެކަހެރިކޮށް، ވަކިކުރެވި، ކަރަންޓީނު ކުރެވެއެވެ.

މީގެ ބޭނުމަކީ ޝައްކު ކުރެވޭ ބަލިމީހާގެ ފުށުން ބަލިހުރިކަން ކަށަވަރު ނުކުރެވިދާ މުއްދަތުގެ ތެރޭގައި އިތުރުބަޔަކަށް ބަލި ފެތުރި، ނޫނީ އިތުރު ބައެއްގެ ގަޔަށް ބަލި އެރުމުގެ ފުރުޞަތު ކުޑަކުރުވުމެވެ. ބަލީގެ އަލާމާތްތައް ފެނި ބައްޔަށް ޝައްކު ކުރެވިގެން ކަރަންޓީނު ކުރެވޭ ހާލަތުގައި ވެސް ދެވޭ ފަރުވާ އަކީ މައިގަނޑު ގޮތެއްގައި ބަލީގެ އަލާމާތްތަކަށް ބަލައިގެން އެއަލާމާތްތަކަށް ނޫނީ އުނދަގޫތައް ލުއިކުރުމަށްޓަކައި ފޯރުކޮށްދެވޭ ފަރުވާއެކެވެ. ނޮވެލް ކޮރޯނާ ވައިރަސް އަކީ އަލަށް ފެނުނު ވައިރަސް އެއް ނޫނީ ބައްޔެއްކަމުން އަދި  މިވައިރަސް ނޫނީ މިބައްޔާ ދެކޮޅަށް ވެކްސިނެއް އަދި ތައްޔާރު ކުރެވިފައެއް ނުވެއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: