ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހިރިމަރަދޫ ރައްޔިތުން ތިބީ ހިދުމަތްތައް ނުލިބި ވާނުވާގައި ކަމަށް ބުނެ އެމްޑީޕީން އެޗްއާރްސީއެމްއަށް

ހދ. ހިރިމަރަދޫ --- ފޮޓޯ: ޒުވާން މަސްވެރިޔާ
ޝެއާރކޮށްލާ ކަހަލަދޯ؟

މި ސަރުކާރުން ފަޅުކުރަން ނިންމި ހދ. ހިރިމަރަދޫގެ ރައްޔިތުންނަށް ހައުސިން ޔުނިޓް އަޅައިދީ އެހެން ރަށަކަށް ބަދަލުކޮށްދިނުމުގެ މަސައްކަތް އެކަށީގެންވާ ގޮތެއްގައި ކުރިއަށް ނުދާތީ ހިދުމަތްތައް ނުލިބި ރައްޔިތުން ތިބީ ”ވާނުވާ ނޭނގި“ ކަމަށް ބުނެ އެމްޑީޕީން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)އަށް މައްސަލަ ހުށަހަޅައިފިއެވެ.

އެމްޑީޕީން އެކަމަށް ގޮވާލީ ހިރިމަރަދޫ ފަޅުކުރުމުން އެ ރަށު ރައްޔިތުންގެ ކަންބޮޑުވުންތައް ދެނެގަނެ، އެކަމުގެ ކަންބޮޑުވުން ހިއްސާކުރުމަށް ޕާޓީގެ ލާމަރުކަޒީ ކޮމެޓީން އެޗްއާރްސީއެމްއާ ބައްދަލުކުރުމަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

ނިޔާޒު ވިދާޅުވީ، ކޮމިޓީން ހިރިމަރަދޫ މީހުންގެ ހާލަތު ބަލަން ދިރާސާކޮށް، ހޯދި ހޯދުންތައް އެޗްއާރްސީއެމާ ހިއްސާކޮށްފައިވާ ކަމަށެވެ. އެގޮތުން ހަނިމާދޫ ކައުންސިލް ބެލެނިވެރި ފަރާތެއް ކަމަށް ރަށް ފަޅުކުރި ގަރާރުގައި ފާހަގަކޮށްފައި އޮތް ނަމަވެސް އެކަން އެގޮތަކަށް ނުހިނގާ ކަމަށް އެ ކޮމިޓީން ބެލި ބެލުމުން އެނގިފައިވާ ކަމަށް ވިދާޅުވިއެވެ. އަދި އެ މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި އެޗްއާރްސީއެމްއިން ބެލުމަށް އެދިވަޑައިގެންނެވި ކަމަށް ވިދާޅުވިއެވެ.

”ތިންސަތޭކަ އަށް ވުރެ ގިނަ ރައްޔިތުން މިހާރު ވެސް އެތަނުގައި އެބަ ދިރިއުޅޭ. އެހެން ނަމަވެސް، ބެލެނިވެރި ފަރާތެއް ކަމަށް ހަނިމާދޫ ކައުންސިލް ގަރާރުގައި އެ ގޮތަށް ފާހަގަކޮށްފައި އޮތް ނަމަވެސް އެކަން އެގޮތަކަށް ނުހިނގާ. ނުހިނގާކަން އަޅުގަނޑުމެންނަށް މި ހޯދި ހޯދުންތަކުން އެނގުނު. އެހެންވީމާ އެ ރަށުގެ ރައްޔިތުން ތިބީ ވާނުވާ ނޭނގި،“ ނިޔާޒު ވިދާޅުވިއެވެ.

ނިޔާޒް ވިދާޅުވި ގޮތުގައި އެމްޑީޕީން އެދެނީ، ހިރިމަަރަދޫ މީހުންނަށް ގދ. ހަނިމާދޫގައި ގެ އަޅައިދީ އެ ރަށަށް ބަދަލުކުރަން ސަރުކާރުން ބޭނުން ނުވާ ނަމަ، އެއީ ފަޅުރަށެއް ކަމަށް ކަނޑައެޅި ގަރާރު ބާތިލުކުރާށެވެ. އެ ގަރާރު ބާތިލުކޮށް ހިރިމަރަދޫގައި އަލުން ކައުންސިލެއް ހަދައި އިންތިހާބު ބާއްވަން އެމްޑީޕީން އެދޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ހިރިމަރަދޫ ފަޅުކުރި ގަރާރުގައި 18 މަސްދުވަހުުގެ ތެރޭގައި ހިރިމަރަދޫގެ ރައްޔިތުން ހަނިމާދުއަށް ގެންގޮސް އާބާދުކުރާނެ ކަމަށް ބުނެފައިވާ އޮތް ނަމަވެސް 18 މަސްދުވަހުގެ ތެރޭގައި ހައުސިން ޔުނިޓްތައް އެޅުމަކީ ނުވާނެ ކަމެއްކަން މިހާރު ޔަގީންވެފައިވާ ކަމަށް ނިޔާޒު ވިދާޅުވިއެވެ. އަދި ހައުސިން ޔުނިޓްތައް އެޅުމަށް ކަނޑައެޅި ބިން އަދި ސާފުކޮށް ނުނިމޭކަން އޭނާ ފާހަގަކުރެއްވިއެވެ.

ހަނިމާދޫގައި ވެސް ބޯހިޔާވަހިކަމުގެ ދަތިކަން އޮތްއިރު، އެހެން ރަށެއްގެ ބަޔަކަށް އެ ރަށު ކައުންސިލުގެ ހުއްދަ ނެތި ބިން ދޭން އުޅޭ ކަމަށް ބުނެ މީގެ ކުރިން ކައުންސިލުން އެ މައްސަލަ ފުލުހަށް ވެސް ހުށަހެޅިއެވެ.

ހިރިމަރަދޫގެ ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ބޭނުންވާ އަސްލު ބަޖެޓު ސަރުކާރުން ދީފައިނުވާކަމަށް ހަނިމާދޫ ކައުންސިލްގެ ރައީސް އަލީ އިބްރާހިމް މީގެ ކުރިން ވިދާޅުވެފައިވެއެވެ. ހަނިމާދޫ ކައުންސިލަށް މާލީ ބޮޑު ތަކުލީފެއް އުފުލަން ޖެހިފައިވާއިރު، ހިރިމަރަދޫގެ މުވައްޒަފުންގެ މުސާރައާއި ޒަރޫރީ ޚަރަދުތަކަށް ހަނިމާދޫ ކައުންސިލްގެ އަމިއްލަ ބަޖެޓުން ގިނަ އަދަދެއްގެ ފައިސާ ޚަރަދުކޮށްފައިވާކަން އޭނާ ފާހަގަކުރައްވާފައިވެއެވެ.

ހިރިމަރަދޫގެ އާބާދީގައި 589 މީހުން ތިބި ނަމަވެސް، މިހާރު ރަށުގައި ދިރިއުޅެނީ ގާތްގަނޑަކަށް 200 އެއްހާ މީހުންނެވެ. ސަރުކާރުން ބުނެފައިވަނީ މި ހިޖުރަކުރުމަކީ ރައްޔިތުންގެ އެދުމުގެ މަތިން ކުރާ ކަމެއް ކަމަށާއި، އެއްވެސް ރަށެއްގެ ރައްޔިތަކަށް ހިޖުރަކުރަން މަޖުބޫރު ނުކުރާނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: