މި އަހަރުގެ ފިތުރުޒަކާތް ބަލައިގަންނާނީ އޮންލައިންކޮށްކަމަށް އިސްލާާމިކް މިނިސްޓަރު ޑރ.އަޙްމަދު ޒާހިރު ވިދާޅުވެއްޖެއެވެ.
ހޮނިހިރު ދުވަހުގެ ރޭ ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން، މިނިސްޓަރު އަޙްމަދު ޒާހިރު ވިދާޅުވީ، ފިތުރުޒަކާތް ބަލައިގަތުމާއި، ފިތުރުޒަކާތް ބެހުން އޮންނާނީ، އޮންލައިންކޮށްކަމަށާއި، މި ގޮތުން ބޭންކްތަކާއި، އުރީދޫއާއި ދިރާގު މެދުވެރިކޮށް ގޭގައި ތިބެގެން ޒަކާތް ދެއްކޭނެ އިންތިޒާމް ހަމަޖެއްސުމަށް މަސައްކަތްކުރައްވަމުން ގެންދަވާ ކަމަށެވެ.
މިނިސްޓަރު ޒާހިރު ވިދާޅުވީ، މި ގޮތުން ބޭންކްތައް މެދުވެރިކޮށް ޓްރާންސްފަރކުުރުުމަަށް އެކަމަށް ޚާއްސަ އެކައުންޓެއް ހަމަޖެއްސުމަށް ނިންމާފައިވާކަމަށެވެ.
މީގެ އިތުރުން މިނިސްޓަރު ޒާހިރު ވިދާޅުވީ، ފަޤީރުންނަށް ޒަކާތް ބެހުމުގައި ޢަމަލުކުރާނީ ހަމަ މި އުސޫލުގެ ދަށުންކަމަށެވެ.
މިނިސްޓަރު ޒާހިރު ވިދާޅުވީ، ފަޤީރުންގެ ދަފްތަރުގައި މިހާރު ތިބި މީހުންގެ މަޢުލޫމާތާއި، އެކައުންޓް ނަންބަރު އެ މިނިސްޓްރީގައި އެބަހުރިކަމަށާއި، ފަޤީރުންނާއި ޒަކާތުގެ ފައިސާ ހަވާލުކުރާނީ، އެ މީހެއްގެ އެކައުންޓަށް ޖަމާކޮށްގެން ކަމަށެވެ.
މާލޭގައި ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުން އިތުރުވުމުން އަންނާތީ، ސަރުކާރުން އަންނަނީ ފިޔަވަޅުތައް ވަރުގަދަ ކުރަމުންނެވެ. މި ގޮތުން މާލެ ލޮކްޑައުންކޮށް، އެއްރަށުން އަނެއްރަށަށް ދިއުންވަނީ މަނާކޮށްފައެވެ. ދުވަހަކަށްވުރެ ދުވަހަކު މި ބައްޔަށް ޕޮޒިޓިވްވާ މީހުން އިތުރުވެ ހަމައެކަނި އިއްޔެ ވެސް 7 މީހަކު މި ބައްޔަށް ޕޮޒިޓިވްވެފައިވެއެވެ. މީގެ އިތުރުން، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެކަށީގެންވާ ގޮތެއްގައި ނޭޅިއްޖެނަމަ މި ބަލި ރާއްޖޭގައި ހަލުވިކަމާއެކު ފެތުރެމުންދާނެ ކަމަށް ވެސް ސިއްހީ މާހިރުން ލަފާދެއެވެ.
މި ގޮތުން ރާއްޖޭގެ މި ވަގުތުގެ ހާލަތަށް ރިޢާޔަތްކުރައްވާ މިނިސްޓަރު ވިދާޅުވީ، ކޮވިޑް-19 އިގެ ހާލަތު މި ފަދައިން އޮތްހައި ހިނދަކު އިތުރު ގޮތަކަށް ޒަކާތްދެއްކުމުގެ އިންތިޒާމު ހަމަނުޖެއްސޭނެ ކަމަށާއި، މި ހާލަތުން އަރައިގަނެވިއްޖެނަމަ ގޮވާމުން ޒަކާތް ދެއްކޭނެ އިންތިޒާމު ވެސް ހަމަޖައްސާނެކަމަށެވެ.

