ތިން މިނިސްޓްރީއެއް ހިންގަމުން ދިޔަ ގްރީން ބިލްޑިން ކޮމްޕްލެކްސް އިމާރާތުގައި އެއްވެސް ފަރާތަކުން ގަސްތުގައި ރޯކޮށްލައިފައި ނުވާ ކަމަށާއި އެ އަލިފާނުގެ ހާދިސާ ހިނގީ އޭސީއެއްގެ ކަރަންޓު ނަރުތަކެއްގައި ހުރި މައްސަލައެއްގެ ސަބަބުން ކަމަށް ހޯމް މިނިސްޓްރ އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
މިއަދުުގެ މަޖިލީހުގައި ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސެއިން ޒިޔާދު ވަނީ 3 މިނިސްޓްރީގައި ރޯވި ހާދިސާގެ އެއްވެސް އަޕްޑޭޓެއް ނެތް ކަމަށް ވިދާޅުވެ އެކަމުގެ ތަހުގީގުގެ މައުލޫމާތު ހާމަކުރުމަށް ހޯމް މިނިސްޓަރ އަލީ އިހުސާންއަށް ސުވާލުކުރައްވާފައެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ ދިވެހި ފުލުހުންނާއި އަވަށްޓެރި ގައުމުތަކުގެ އެހީތެރިކަމާއެކު އެ ހާދިސާ ތަހުގީގުކޮށް ނިމިފައިވާ ކަމަށެވެ. މިނިސްޓަރ ވިދަޅުވީ އެކަން ހިނގީ އެއްވެސް މީހަކު ގަސްތުގައި ހުޅުޖަހައިގެން ނޫންކަން ތަހުގީގުން ހާމަވާ ކަމަށެވެ.
މިނިސްޓަރު ފާހަގަކުރެއްވީ އެ ހާދިސާ ހިނގީ ސީލިންގަނޑު ތެރޭގައި އެއާކޮންޑިޝަނާތަކެއްގެ ވައިރުތަކެއްގައި ރޯވެގެންކަން ތަހުގީގުން އެނގިފައިވާ ކަމަށެވެ. އެ ހާދިސާ ހިނގި ވަގުތު އެތަނަށް ދިޔަ ފުލުހުންގެ ބޮޑީކެމްގެ ފުޓޭޖްތަކުން ވެސް އެކަން ސާބިތުވާ ކަމަށް އޭނާ ވިދާޅުވިއެވެ.
”މިކަމާއި ގުޅޭ ޕްރެސް ބްރީފިންގއެއް ބާއްވާލާނަން. ސީދާ މުދަލުގެ އަގު މި މިނިސްޓްރީއަށް ސީދާ އެނގިފައެއް ނުވޭ. އެކަން ޖެހޭނީ ސާފުކޮށްލަން،“ އިހުސާން
ޑިސެންބަރު 12، 2024ގައި ހިނގި ހާދިސާގައި ވަނީ ހައުސިން މިނިސްޓްރީއާއި އިންފްރާސްޓްރަކްޗާ މިނިސްޓްރީއާއި އެންވަޔަރަމަންޓް މިނިސްޓްރީ ހިންގަމުން ދިޔަ ގްރީން ބިލްޑިން ކޮމްޕްލެކްސްއަށް ބޮޑެތި ގެއްލުންތަކެއްވެ، ބޭނުންނުކުރެވޭ ވަރަށް އަނދައިފައެވެ.
އެ ހާދިސާގެ ތަހުގީގަށް ބޭރުގެ އެހީ ހޯދިއިރު ތަހުގީގު ނިންމައި އެކަމުގެ މައުލޫމާތު ހާމަކުރާނެ ކަމަށް ވިދާޅުވި ނަމަވެސް އެ މުއްދަތު ފާއިތުވެދިޔައިރުވެސް އެ މައުލޫމާތު ހިއްސާކޮށްފައެއް ނުވެއެވެ. އެ ހާދިސާގައި ގިނަ ލިޔެކިޔުންތަކެއްވެސް އަނދައިފައިވާއިރު އެއީ ކޮން ލިޔެކިޔުންތަކެއްތޯ ސާފުކޮށްދީފައެއް ނުވެއެވެ.
މީގެ އިތުރުން މިނިސްޓަރ އިހުސާން ވަނީ މައުލޫމާތު ހިއްސާކުރައްވާނެ ކަމަށް ވިދާޅުވެ، އެކަމާ ގުޅިގެން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާނެ ކަމަށް ވިދާޅުވެފައެވެ.
ސަންގުގެ އެކްސްކްލޫސިވް އިންޓަރވިއުއެއްގައި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ވިދާޅުވީ، އަލިފާނުގެ ހާދިސާއާ ގުޅިގެން ބައިވަރު ސުވާލުތަކެއް ހުރި ކަމަށެވެ. އެ ހާދިސާގައި ގެއްލުނީ ކޮންކޮން ލިޔެކިޔުންތަކެއްކަން އަދިވެސް ރަނގަޅަށް ސާފުނުވާކަމަށާއި، ގެއްލިގެން އުޅެނީ ކޮން އެއްޗެއްކަން ބުނެދޭން ބަޔަކު ބޭނުންނުވާ ކަމަށް އެމަނިކުފާނު ތުހުމަތުކުރެއްވިއެވެ.

