ރިސޯޓުތަކަށް އަންނަ ފަތުރުވެރިއެއްގެ ބޮލަކަށް 500 ޑޮލަރު މާރު ކުރެވޭ ގޮތަށް އޮތް އިހްތިޔާރު އުވާލުމަށް ސަރުކާރުގެ ފަރާތުން ބޭރު ފައިސާއާ ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ މަސައްކަތް އެއް ދުވަސް ތެރޭގައި ނިންމާލުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީން މިއަދު ނިންމައިފިއެވެ.
ހޮޅުދޫ ދާއިރާގެ ޕީއެންސީ މެންބަރު އަބްދުއްސައްތާރު މުހައްމަދު މިއަދުގެ މަޖިލިސް ޖަލްސާއަށް ހުށަހެޅުއްވި މި އިސްލާހު ދިރާސާކުރުމަށް މާލިއްޔަތު ކޮމެޓީއަށް ފޮނުވުމާ ގުޅިގެން، އެ ކޮމެޓީން ނިންމާފައިވަނީ ބިލަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު މާދަމާ ހެނދުނު 11:30ގެ ނިޔަލަށް ދިނުމަށެވެ. އަދި ބިލުގެ މުޅި މަސައްކަތް މާދަމާގެ ނިޔަލަށް ނިންމުމަށް ވަނީ ފާސްކޮށްފައެވެ.
ފުނަދޫ ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު މަމްދޫހު ހުށަހެޅުއްވި މި ހުށަހެޅުއްވުމަށް ގުރައިދޫ ދާއިރާގެ އަމިއްލަ މެންބަރު ހަންނާން މުހައްމަދު ރަޝީދު ތާއީދު ކުރެއްވިއިރު، އެ ހުށަހެޅުން ފާސްވީ ކޮމެޓީގެ އިއްތިފާގުންނެވެ.
2024 ވަނަ އަހަރުގެ ފަހުކޮޅު މަޖިލީހުން އަލަށް ހަދައި މިދިޔަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން އަމަލު ކުރަން ފެށި ބޭރު ފައިސާއާ ބެހޭ ގާނޫނުގައިވާ ގޮތުން، ރިސޯޓުތަކަށް ލިބޭ އާމްދަނީގެ ބައެއް ބޭންކަށް މާރު ކުރަންޖެހެއެވެ.
މިހާރު ގާނޫނުގައި އޮންނަ ގޮތުން ދެ އިހްތިޔާރެއް ލިބިދެއެވެ. އެއީ ފަތުރުވެރިއެއްގެ ބޮލަކަށް 500 ޑޮލަރުގެ ރޭޓުން މާރުކުރުން ނުވަތަ އެ މަހެއްގައި ޑޮލަރުން ލިބޭ އާމްދަނީގެ %20 މާރުކުރުމެވެ.
ސަރުކާރުން އިސްލާހު ހުށަހެޅީ ބޮލަކަށް 500 ޑޮލަރު މާރުކުރެވޭ އިހްތިޔާރު އުވާލުމަށެވެ. މި އިސްލާހު ފާސްވުމުން ރިސޯޓުތަކުން މާރުކުރަން ޖެހޭނީ މަހު އާމްދަނީގެ %20 އެވެ. މީގެ ސަބަބުން މަތީ ފަންތީގެ ރިސޯޓުތަކުން މާރުކުރަންޖެހޭ ޑޮލަރުގެ ނިސްބަތް މަތިވެގެންދާނެއެވެ.
ނަމަވެސް ’ކެޓަގަރީ ބީ’ގެ ގޮތުގައި ހިމެނޭ ސަފާރީތަކާއި، ހޮޓާތަކުގެ އިތުރުން ގެސްޓްހައުސްތަކަށް އޮންނަ އިހްތިޔާރުތަކަށް (ބޮލަކަށް 25 ޑޮލަރު ނުވަތަ އާމްދަނީގެ %20) އެއްވެސް ބަދަލެއް ހުށަހަޅާފައެއް ނުވެއެވެ.
މީގެ އިތުރުން، ޓޫރިޒަމް ނޫން ދާއިރާތަކުގެ ތެރެއިން ބޭރު ފައިސާގެ އާމްދަނީ ލިބޭ ވިޔަފާރިތަކުން ޑޮލަރު މާރުކުރަން މަޖުބޫރުވާ އާމްދަނީގެ ބްރެކެޓް 15 މިލިއަން ޑޮލަރުން 25 މިލިއަން ޑޮލަރަށް ބޮޑުކުރުމަށްވެސް އިސްލާހު ހުށަހަޅާފައިވެއެވެ. އަދި %100 ދިވެހިން ހިއްސާވާ މިފަދަ ވިޔަފާރިތަކުން މާރުކުރަން ޖެހޭނީ އާމްދަނީގެ %7 ކަމަށާއި، ދިވެހިންގެ %100 ހިއްސާ ނެތް ވިޔަފާރިތަކުން އާމްދަނީގެ %20 މާރުކުރަން ޖެހޭނެ ކަމަށް ބަޔާންކޮށްފައިވެއެވެ.
މީގެއިތުރުން، ރިސޯޓްތަކަށް ޑޮލަރުން ލިބޭ އާމްދަނީ ރާއްޖޭގައި ލައިސެންސް ލިބިގެން ހިންގާ ބޭންކެއްގެ ހާއްސަ އެކައުންޓަކަށް ޖަމާކޮށް އެކަން އެމްއެމްއޭއަށް އަންގަންޖެހޭ ގޮތަށް ހެދުންވެސް އިސްލާހުގައި ހިމެނެއެވެ.
ކޮމެޓީ މަރުހަލާގައި ބިލުގެ މަސައްކަތް އެއް ދުވަހުން ނިންމާއިރު، އަންނަ ހޮނިހިރު ދުވަހު ނިމޭ މަޖިލީހުގެ ދައުރު ދަންމާލަންވެސް މިއަދު ވަނީ ފާސްކޮށްފައެވެ. އެހެންކަމުން މަޖިލިސް ޗުއްޓީއަށް ދާނީ މި ބިލު ފާސްކުރުމަށްފަހު ކަމަށް ބެލެވޭއިރު، ގާނޫނަށް ހުށަހެޅިފައިވާ މި އިސްލާހުތަކަށް އަންނަ މަހުގެ 1 އިން ފެށިގެން އަމަލުކުރަން ފަށާނެއެވެ.

