ސަރުކާރުގެ ބޯހިޔާވެހިކަމުގެ ސްކީމްތަކުގެ ތެރެއިން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ މުވައްޒަފުންނަށް ބޯހިޔާވެހިކަން ލިބިގެންދާނެ ކަމުގެ ޔަގީންކަން ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރު ދެއްވައިފިއެވެ.
ސީޕީ މި ޔަގީންކަން ދެއްވާފައިވަނީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ 55 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން، މިއަހަރުގެ ކަރެކްޝަންސްގެ އަހަރީ ދުވަސް ޤައުމީ ދުވަހާ އިއްތިފާގުން ދިމާވެފައިވާކަން ފާހަގަކުރައްވައި ސީޕީ ވިދާޅުވީ، މީގެ އެތައް ސަތޭކަ އަހަރެއް ކުރިން ހިތްވަރުގަދަ ބަޠަލުންތަކެއް ކުޑަ ވަސީލަތްތަކަކާއެކު ދޯންޏެއްގައި ދަންވަރު މާލެ އަރައި ޤައުމު ސަލާމަތްކުރި ފަދައިން، ޤައުމުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމުގައި މަދު ވަސީލަތްތަކަކާއެކު ފަރުދާގެ ފުރަގަހުގައި އޮފިސަރުން ޖަލު ބެލެހެއްޓުމަށް ބުރަ އަދި ހީވާގި މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.
ވޭތުވެދިޔަ އަހަރުގެ ތެރޭގައި ކަރެކްޝަންސްއަށް އައިސްފައިވާ ކުރިއެރުންތަކާއި ބަދަލުތަކަށް އަލިއަޅުއްވާލައްވަމުން ކޮމިޝަނަރ ވިދާޅުވީ، ޖަލުތަކުގައި ހުރި ޖާގައިގެ ދަތިކަން ޙައްލުކުރުމަށް މަސައްކަތްތަކެއް ކުރެވި، ޖާގަ އިތުރުކުރެވިފައިވާ ކަމަށެވެ. އަދި ޖަލުތަކުގެ ސެކިއުރިޓީ ވަރުގަދަ ކުރުމުގެ ގޮތުން ބޮޑީ ސްކޭނިންގ މެޝިނާއި ބެގެޖް ސްކޭނިންގ މެޝިން ބަހައްޓާފައިވާ ކަމަށާއި، 2015 ވަނަ އަހަރަށް ފަހު ފުރަތަމަ ފަހަރަށް އޮފިސަރުންނާއި މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލެއް ގެނެވިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
ސަރުކާރުގެ ސްކީމްތަކުން މުވައްޒަފުންނަށް ބޯހިޔާވެހިކަން ލިބޭނެކަން ކަށަވަރުވެފައިވާކަން ތަކުރާރު ކުރައްވަމުން، ސީޕީގެ ވާހަކަފުޅު ނިންމަވާލެއްވީ ކަރެކްޝަންސްގެ އޮފިސަރުންނާއި މުވައްޒަފުން ރެޔާއި ދުވާލު ވަމުންދާ ޤުރުބާނީތައް ފާހަގަކުރައްވައި، މުވައްޒަފުންނާއި އެ ފަރާތްތަކުގެ ޢާއިލާތަކުގެ އިތުރުން ވޭތުވެދިޔަ 55 އަހަރު ޚިދުމަތް ކުރެއްވި ހުރިހާ ފަރާތްތަކަށް ތަހުނިޔާ އަރިސްކުރައްވަމުންނެވެ. މި ރަސްމިއްޔާތު ނިންމާލާފައިވަނީ އަހަރީ ދުވަހުގެ ޚާއްސަ ކޭކު ފެޅުމާއި ގްރޫޕް ފޮޓޯ ނެގުމަށް ފަހުގައެވެ.

