ރާއްޖޭން ބޭރުން އައިފަހުން ކަރަންޓީން ފެސިލިޓީއެއްގައި ބެހެއްޓުމަށްފަހު އައިޖީއެމްއެޗަށް ގެންދިޔަ މީހަކު ނިޔާވެފައިވާ ކަމަށް އެޗްޕީއޭ އިން ބުނެފިއެވެ.
މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ދެއްވަމުން ޑޮކްޓަރު މޫސާ މުރާދު ވިދާޅުވީ ނިޔާވި މީހާއަކީ އިންޑިއާއިން ރާއްޖެ އައި މީހެއް ކަމަށާއި، އޭނާ ނިޔާވި އިރު ވެސް ކޮވިޑް-19 ގެ އެއްވެސް އަލާމާތެއް ފެނިފައިނުވާ ކަމަށެވެ.
ޑރ. މުރާދު ވިދާޅުވީ ނިޔާވި މީހާގެ ކިބައިން ކޮވިޑްގެ އަލާމާތް ނުފެނުނު ނަމަވެސް އޭނާގެ ހުރި ސިއްހީ މައްސަލަ އަށް ފަރުވާދީފައިވާ ކަމަށެވެ. ނަމަވެސް ފަރުވާ ދިން ބަޔެއްގެ ތަފްސީލް ހާމަކުރައްވާފައެއް ނުވެއެވެ.
ޑޮކްޓަރު ވިދާޅުވީ އެމީހާއަކީ އެއީ އިންޑިއާއިން މި ބަލި މީހުން ގެނައި ފްލައިޓެއްގައި ގެނެވުނު ބަލި މީހުންގެ ތެރެގައި ހިމެނޭ މީހެއް ކަމަށެވެ. އަދި އެމީހާ ނިޔާވީ ކަރަންޓީން ފެސިލީޓީން އައިޖީއެމްއެޗްއަށް ބަދަލުކޮށް ފަރުވާދެމުން ދަނިކޮށް ކަމަށެވެ.
ނިޔާވި މީހާ އައިޖީއެމްއެޗްއަށް ގެނައި ހިސާބުންވެސް ކޮވިޑް-19 އަށް ޓެސްޓު ހެދި ކަމަށާއި، އެހެން ނަމަވެސް އެ ޓެސްޓުގެ ނަތީޖާ ނެގަޓިވްވެފައިވާ ކަމަށް ޑޮކްޓަރު ވިދާޅުވިއެވެ. އަދި ނިޔާވުމާއި ހަމައަށް ކޮވިޑް-19 އާ ގުޅުން ހުރި ނުވަތަ އެއަށް ޝައްކު ކުރެވޭ އެއްވެސް ނިޝާނެއް އޭނާގެ ފަރާތުން ފާހަގަ ނުވާ ކަމަށް ވިދާޅުވިއެވެ.

