ޑޮކްޓަރުންގެ ޒާތާބެހޭގޮތުން އެކިއެކިވާހަކަތައް ތަންތަނުގައި ފެތުރުމަކީ، އެއްވެސް ވަރަކަށް ޓޮލަރޭޓްކުރައްވަން ބޭނުންވެލައްވާ ކަމެއް ނޫންކަމަށް ކޮވިޑް-19 އިގެ ތަރުޖަމާނު މަބްރޫކް ޢަޒީޒު ވިދާޅުވެއްޖެއެވެ.
މަބްރޫކް މިހެން ވިދާޅުވެފައިމިވަނީ، ކޮވިޑް-19 އާއި ގުޅިގެން ޑޮކްޓަރުންގެ މަސައްކަތްތައް ހުންނަގޮތާއި ބެހޭގޮތުން މުޖުތަމަޢުގައި ވާހަކަތައް ފަތުރަމުންދާ ދަނޑިވަޅެއްގައެވެެ.
މި ގޮތުން، މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ، ޑޮކްޓަރުންނާއި ގުޅޭގޮތުން އެބޭފުޅުން ކަންތައްކުރައްވަނީ ރަނގަޅަކަށް ނޫންކަމަކަށް ބުނެ، އެ ބޭފުޅުންނާއި ސީދާ ދިމާއަށް ޒާތާއި ގުޅޭގޮތުން އެކިތަންތަނުގައި ވާހަކަދެކެވެމުން އަންނާތީ އެ ކަމާހެދި އުނދަގޫވާކަމަށެވެ.
ޑޮކްޓަރުން ދިފާޢުކުރައްވަމުން މަބްރޫކް ވިދާޅުވީ، އެ ބޭފުޅުން މުޅި ދުވަސް ފާއިތުކުރައްވަނީ، ހުއްޓުމެއްނެތި ކޮވިޑް-19 އާއި ދެކޮޅަށް މަސައްކަތްކުރެއްވުމުގައި ކަމަށެވެ.
މަބްރޫކް ވިދާޅުވީ، މަސައްކަތްތައް ކުރާއިރުގައި، އެކަކުވެސް ބޭނުންވާ އަވަސް މިނެއްްގައި ކަންތައްތައް ނުވާނެކަމަށާއި، އެ ބުރަ މަސައްކަތްކުރައްވަމުން އަންނަ ޑޮކްޓަރުންގެ އަގުވަޒަންނުކޮށް، އެ ބޭފުޅުންގެ ހިތްވަރުގެއްލޭ ފަދަ ކަންކަންކުރުން ހުއްޓާލަން ޖެހޭކަމަށެވެ.

