ރާއްޖެއިން އެންމެ ފަހުން ކޮވިޑަށް ޕޮޒިޓިވްވީ ދެ ދިވެހިންގެ ތެރެއިން އެކަކު ވަޒީފާއަށްފަހު ލިބޭ ވަގުތުތަކުގައި ޓެކްސީ ކުރާއިރު ދެވަނަ މި މަހުގެ 14 ވަނަ ދުވަހާއި ހަމައަށް އީދު މިސްކިތަށް ނަމާދު ކުރަން ދިޔަކަމަށް ނޭޝަނަލް އެމަޖެންސީ ރެސްޕޮންސް ސެންޓަރު (އެންއީއޯސީ)އިން ހާމަކޮށްފި އެވެ.
ކޮރޯނާ ވައިރަހަށް މިއަދު މާލެއިން ޕޮޒިޓިވް ވެފައިވަނީ ދެ މީހެކެވެ. އެއީ ޕޭޝަންޓް 85 އާއި ޕޭޝަންޓް 86 އެވެ. ނަމަވެސް އެޗްޕީއޭ އިން އިއުލާންކޮށްފައިވަނީ މުޅި ރާއްޖޭން ޕޮޒިޓިވްވީ މީހުންގެ އަދަދަކީ85 ކަމަށެވެ. އަދި ޕްރޮބަބްލް2 ކޭހެއް ހިމެނޭ ކަމަށެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން، ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ މިއަދު ބައްޔަށް ޕޮޒިޓިވް ވި ދިވެހިންގެ ތެރޭގައި ހިމެނެނީ، އަމީނީ ހިޔާއިން ކޮރޯނާ ވައިރަސްއަށް ޕޮޒިޓިވް ވި ބިދޭސީ މީހާއާއި ގުޅުން ހުރި ކޮންޓެކްޓެއް ކަމަށެވެ. ބިދޭސީ މީހާގެ ކޮންޓެކްޓް ޓްރޭސިންއަށް ފާހަގަކުރެވުނު 4 މީހަކު ޕޮޒިޓިވްއެވެ.
އެ މީހާއަކީ، ބަލީގެ އަލާމާތްތަކާއި އެކު ފްލޫ ކްލިނިކްއަށް އައި މީހެކެވެ. އަދި ފްލޫ ކްލިނިކްއަށް ދިއުމާއި ހަމައަށް ރަހުމަތްތެރިއަކާއި އެކު އުޅެމުން އައި މީހެކެވެ. އަދި އޭނާގެ އާއިލާއާއި އެކު ވެސް ވަނީ އުޅެފައެވެ. އޭގެ އިތުރުން އޭނާ ވަނީ ނަމާދު ކުރުމަށް މި މަހުގެ 14 ދުވަހުގެ ނިޔަލަށް އީދު މިސްކިތައް ގޮސްފައެވެ.
ޑރ. އަފްޒަލް ވިދާޅުވީ ދެވަނައަށް މިއަދު ޕޮޒިޓިވް ވި ދިވެހި މީހާއަކީ، އެސްޓީއޯގެ ހެޑްކުއާޓަރުގައި ސެކިއުރިޓީއެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ މުވައްޒަފެއްކަމަށެވެ. އަދި އޭނާއަކީ ކޮންމެވެސް ވަރަކަށް، ލިބޭވަގުތުތަކުގައި ޓެކްސީ ކުރަމުން އަންނަ މީހެއް ކަމަށެވެ. އޭނާގެ ފަރާތުން ބަލީގެ އަލާމާތްތައް ފެނުނު ތާރީހެއްގެ ގޮތުގައި ޑރ. އަފްޒަލް ވިދާޅުވީ، މި މަހުގެ 15 ވަނަ ދުވަހުއެވެ. ދިވެހި މީހާގެ ކޮންޓެކްޓް ޓްރޭސިން ކުރިޔަށްދާއިރު ބިދޭސީއާ ގުޅުން ހުރި 7 މީހަކު މިހާތަނަށް ފާހަގަކުތެވިފައިވާކަން އޭނާ ވިދާޅުވިއެވެ. އޭނާގެ ކޮންޓެކްޓް ޓްރޭސިންއަށް 13 މީހަކު ވަނީ ހޯދިފައެވެ.
ދިވެހި މީހާއަކީ ބައެއް ވަގުތުތަކަކުގައި ޓެކްސީ ކުރާ މީހެއްކަން ފާހަގަކޮށްފައި ވާތީ، އަލާމާތްތައް ފެނުނު ދުވަހަށް ފަހު އެއްވެސް ވަރަކަށް އޭނާ ޓެކްސީކޮށްފައި ވޭތޯ ސުވާލު ކުރުމުން އެންއައިއޯސީގެ ތަރުޖަމާނު މަބްރޫކް އަޒީޒް ”ސަންގު“ އަށް ވިދާޅުވީ އެކަންތައް ބެލެމުންދާ ކަމަށެވެ. އަދި އިތުރު މައުލޫމާތު އެއްކުރެވޭ ވަރަކުން އެކަން އާއްމު ކުރައްވާނެ ކަމަށެވެ.
މާލޭގައި ދިރިއުޅެމުން އައި މީހަކު އެއްވެސް ޓްރެވެލް ހިސްޓްރީއެއް ނެތި ކޮރޯނާ ވައިރަސްއަށް ޕޮޒިޓިވްވެފައިވަނީ މި މަހުގެ 15 ވަނަ ދުވަހުއެވެ. އަދި ހަމައެދުވަހު މުޅި މާލެ ލޮކްޑައުން ކުރިއެވެ. އެ ދުވަހުގެ ފަހުން، މާލޭގައި ދުއްވޭނީ ހަމައެކަނި ހާއްސަ ހުއްދައޮތް ޓެސްސީތަކަށް އެކަންޏެވެ.
ބުދަ ދުވަހުގެ ހެނދުނު ޕޮޒިޓިވް ވީ ދެ ކޭސްއާއި އެކު މާލެއިން ބައްޔަށް ޕޮޒިޓިވް ވީ މީހުންގެ އަދަދު މިހާރު ވަނީ 66 އަށް އަރާފައެވެ.
މާލޭގައި ބަލި ޖެހޭ މީހުންގެ އަދަދު ދުވަހުން ދުވަހަށް އިތުރުވާއިރު، ކުރިޔަށް އޮތް 14 ދުވަހުގެ ތެރޭގައި ބޮޑު ޕީކެއް އަންނާނެ ކަމަށް ބެލެވެއެވެ. އަދި ހަމައަކަށް އެޅޭ ސްޓޭޖަކަށް ދާނީ އެއަށްފަހުކަމުގައި އެޗްޕީއޭއިން ވަނީ ބުނެފައެވެ.
މާލޭގައި އެންމެ ގިނަ މީހުންނަށް ބަލި ޖެހިފައިވަނީ ލިލީ ސްޓޯރާއި ގުޅޭ ކްލަސްޓާއާއި ހިސާބުންނެވެ. އެގޮތުން ލިލީގެ ޖުމްލަ 14 މުވައްޒަފަކު ބައްޔަށް ޕޮޒިޓިވް ވީއިރު، އޭގެ ތެރެއިން އެކަކަކީ ދިވެއްސެކެވެ. އޭގެ އިތުރުން ކޮންޓެކްޓް ޓްރޭސިންއަށް 68 މީހަކު ފާހަގަކުރެވިފައި ވެއެވެ.

