ރާއްޖޭގައި މި ވަގުތު ތިބި ފަތުރުވެރިންނާއި، އެހެނިހެން ބިދޭސީން، އެ މީހުންގެ ޤައުމަށް ގެންދިއުމަށް ދެ ފްލައިޓެއް ފުރާގޮތަށް ހަމަޖެހިފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ.
މި ކަން ހާމަކޮށް ޓޫރިޒަމް މިނިސްޓްރީން ބުރާސްފަތިވިލޭރޭ ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ، ރާއްޖޭގައި މި ވަގުތު ތިބި ފަތުރުވެރިންނާއި، ބިދޭސީންނާއި، ފަސިންޖަރުން އެ މީހުންގެ ޤައުމަށް ގެންދިއުމަށް މި މަހުގެ 24 ވަނަ ދުވަހާއި، 25 ވަނަ ދުވަހުގައި ވެލާނާ އިންޓަރނޭޝަލް އެއަރޕޯޓުން ފުރުމަށް ހަމަޖެހިފައިވާކަމަށެވެ.
ޓޫރިޒަމް މިނިސްޓްރީން ހާމަކުރިގޮތުގައި، ވެލާނާ އިންޓަރނޭޝަލް އެއަރޕޯޓުން ފަތުރުވެރިންނާއި، ބިދޭސީންނާއި، ފަސިންޖަރުން ގޮވައިގެން 24 ވަނަ ދުވަހު ފުރުމަށް ހަމަޖެހިފައިވަނީ، އިޓަލީވިލާތުގެ ނިއޯސް ފްލައިޓް NO213 އާއ، ގަރޫޑާ އިންޑޮނޭޝިއާ އެއަރލައިންސް ފްލައިޓް GA9830 ކަމަށެވެ.
މީގެ އިތުރުން 25 ވަނަ ދުވަހު ފުރުމަށް ހަމަޖެހިފައިވަނީ، ފިލިޕީންސް އެއަރލައިންގެ ފްލައިޓެއްކަމަށްވާ PR8709 ކަމަށް ވެސް ޓޫރިޒަމް މިނިސްޓްރީން ބުނެފައިވެއެވެ.
މި މަހުގެ 24 ވަނަ ދުވަހާއި، 25 ވަނަ ދުވަހުގައި ވެލާނާ އިންޓަރނޭޝަލް އެއަރޕޯޓުން ފަތުރުވެރިންނާއި، ބިދޭސީންނާއި، ފަސިންޖަރުން ގޮވައިގެން ފުރުމަށް ހަމަޖެހިފައިވާއިރު، މި މަހުގެ 21 ވަނަ ދުވަހުގެ 15:00 ގައި ވެސްވަނީ، ފަތުރުވެރިންނާއި، ބިދޭސީންނާއި، ފަސިންޖަރުން ގޮވައިގެން، ޤަތަރު އެއަރވޭސްގެ ފްލައިޓެއް އެ މީހުންގެ ޤައުމުތަކަށް ދަތުރުކޮށްފައެވެ.
މީގެ އިތުރުން، ބަންގްލަދޭޝްއިން ރާއްޖެއަށް ދިން އެހީއާއި، އެ ޤައުމުގައި ތިބި ދިވެހި ދަރިވަރުން ގޮވައިގެންއައި، ބަންގްލަދޭޝްގެ އަސްކަރީ ފްލައިޓް އެނބުރި ޤައުމަށްދިޔައިރުވަނީ، ރާއްޖޭގައިތިބި އެ ޤައުމުގެ 68 ރައްޔިތުން ޤައުމަށް ގެންގޮސްފައެވެ.
އެ 68 ބިދޭސީން ގޮވައިގެން ބަންގްލަދޭޝްގެ އަސްކަރީ ފްލައިޓް ފުރާފައިވަނީ، މި މަހުގެ 21 ވަނަ ދުވަހުއެވެ.

