ކޮވިޑް-19 ދެން މިސްރާބުޖަހާނީ ރާއްޖޭގެ އެކި ރަށްތަކަށްކަމަށް ޑރ.އަޙްމަދު ފައިސަލް ވިދާޅުވެއްޖެއެވެ.
ބުރާސްފަތިވިލޭރޭ ޑރ.ފައިސަލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކޮވިޑް-19 ދެން މިސްރާބު ޖަހާނީ ރަށްތަކަށްކަމަށާއި، މާލޭސިޓީއާއި ޚިލާފަށް ރަށްރަށުގައި ވައިރަސް ކޮންޓްރޯލްކުރުމުގެ ޒިންމާނަގާނީ ސިއްހީ އެހީތެރިންކަމަށެވެ.
މީގެ އިތުރުން ޑރ.ފައިސަލް ވިދާޅުވީ، ރަށް ރަނގަޅަށް ދަންނާނީ ވެސް، އެ ރަށެއްގައި ތިބޭ ސިއްހީ އެހީތެރިންކަމަށާއި، ކޮވިޑް-19 އިން އަރައިގަތުމަށް އެެ ބޭޭފުުޅުުންް ބާރުވެރިކުރަންޖެހޭކަމަށެވެ.
ޑރ.ފައިސަލް މިހެން ވިދާޅުވެފައިވާއިރު، ހިނގަމުންމިދާ މަހުގެ 15 ވަނަ ދުވަހު މާލެއިން އެނބުރި ހއ.އުލިގަމަށްދިޔަ އެ ރަށު މީހަކުވަނީ މިހާރު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ. އޭގެ އިތުރުން، އޭނާ ދަތުރުކުރި ”ކާވިއާ“ ނަމަކަށް ކިޔުބު ބޯޓު ވަނީ އެ އަތޮޅުގެ ބައެއް ރަށްރަށަށް ބަނދަރުވެސްކޮށްފައެވެ. މި ގޮތުން އޭނާއާއި ކޮންޓެކްޓުވި މީހުންގެ އަދަދު ވަނީ 100 އަށްވުރެ މަތީގައެވެ.
މީގެ އިތުރުން، ކުޅުދުއްފުށި ސިޓީގައި ކާފިއު އިޢުލާނުކޮށްފައިވާއިރު، ހއ.ތަކަންދޫ ވެސް ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފައެވެ. ހަމައެއާއެކު، ހއ.އުތީމާއި، ހއ.އުލިގަމާއި، ހއ.ވަށަފަރާއި، ހދ.ނޮޅިވަރަމްފަރުގެ ބައެއް ގެތައް ވެސްވަނީ ކަރަންޓީނުކޮށްފައެވެ. ހަމަ އެހެންމެ ސ.ހިތަދުއާއި، ބ.ފުޅަދުއާއި، ކ.ތުލުސްދުއާއި، ށ.މީދުއާއި، ޅ.ނައިފަރާއި، އދ.ދިއްދުއާއި، މ.ދިއްގަރާއި، ގއ.ކޮލަމާފުށީގެ ބައެއް ގެތައްވެސް މިހާރުވަނީ ކަރަންޓީނުކޮށްފައެވެ.
ކޮވިޑް-19 އަށް މިހާތަނަށް 86 މީހަކު ޕޮޒިޓިވްވެފައިވެއެވެ. އޭގެތެރެއިން 66 ކޭސް ފެންމަތިވެފައިވަނީ މާލޭސިޓީންނެވެ.

