ދުނިޔޭގައި ހަލުވި ކަމާއެކު ފެތުރެމުން އަންނަ ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް ލިބެމުންދާގެއްލުމުން އަރައިގަތުމަށް އެހީތެރިވެދިނުމުގެ ގޮތުން އައިއެމްއެފްގެ ރެޕިޑް ކްރެޑިޓް ފެސިލިޓީ (އާރުސީއެފް)ގެ ދަށުން ރާއްޖެއަށް ލޯނެއް ދިނުމަށް ނިންމައިފިއެވެ.
ރާއްޖެއަށް ލިބޭ ގެއްލުމުން އަރައިގަތުމަށް، އައިއެމްއެފް ދިނުމަށް ނިންމާފައިވަނީ 28.9 މިލިޔަން ޑޮލަރު ( 445.6 މިލިޔަން ރުފިޔާ)އެވެ. އައިއެމްއެފް އެގޮތަށް ނިންމީ ކޮވިޑާއި ގުޅިގެން ލިބެމުންދާ ގެއްލުމުން އަރައިގަތުމަށް މެމްބަރުގައުމުތަކުގެ ތެރެއިން 30 ގައުމަކުން ހުށަހެޅި ހުށަހެޅުންތައް ގަބޫލުކުރިއިރު، އެ ގައުމުތަކުގެ ތެރޭގައި ރާއްޖެވެސް ހިމެނިގެންނެވެ.
ރާއްޖެއަށް ފައިސާ ދޫކުރުމާ މެދު އައިއެމްއެފްގެ އެގްޒެކެޓިވް ބޯޑުން ނިންމީ ކޮވިޑް-19 އާ ހެދި ރާއްޖެއަށް ޓޫރިސްޓުން ދަތުރުކުރުން ވަގުތީ ގޮތުން ހުއްޓުވުމުން މާލީ ބޮޑެތި ފޫނުބެދުންތަކާ ކުރިމަތިވެފައިވާ ކަމަށެވެ.
މީގެ އިތުރުން ކޮވިޑް-19 ފެތުރުން ހުއްޓުވަން ރާއްޖޭން ވަރަށް އަވަސް ފިޔަވަޅުތަކެއް އެޅި ކަން އައިއެމްއެފުން ފާހަގަކޮށްފައިވެއެވެ. އާރުސީއެފް އަކީ މެމްބަރު ގައުމުތަކަށް ކުރިމަތިވާ މާލީ ގެއްލުންތަކާ ގުޅިގެން ބެލެންސް އޮފް ޕޭމަންޓް ހަމަޖައްސަން ދަރަންޏަށް ފައިސާ ދޫކުރަން އޮންނަ ފެސިލިޓީ އެކެވެ.
ރާއްޖެއަށް 28.9 މިލިއަން ޑޮލަރުގެ ލޯނު ދޫކުރަނީ އެއްވެސް އިންޓަރެސްޓަކާ ނުލައި ފަސް އަހަރު ފަހުން ފައިސާ ދައްކަން ފަށާ ގޮތަށެވެ.ކޮވިޑް-19 އާ ގުޅިގެން ދާދި ފަހުން ރާއްޖޭންވަނީ ވޯލްޑް ބޭންކުން 266 މިލިއަން ރުފިޔާ އާއި އޯޕެކް ފަންޑު ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމެންޓް (އޮފިޑް) އިން ވަނީ 308 މިލިއަން ރުފިޔާގެ ލޯނު ލިބިފައި ވެ އެވެ.

