ކޮންމެ މީހަކުވެސް، ޝަހާދަތް އިނގިލި ދިއްކޮށް އެއްޗެހިކިޔަނީ، އަނެކުންނާ ދިމާއަށެވެ. ތިމަތިމާމެންނަށް ފެންނަ ގޮތުގައި، އެ މީހާއަކީ އެންމެ ރަނގަޅު މީހާއެވެ. އަދި އެ މީހަކު ކަންކަންކުރާނީ ވެސް އެންމެ ފުރިހަމައަށެވެ. މި ގޮތުން ބަލާއިރު، އެ މީހަކު ކުރާކަމެއްގައި، އައިބެއް ނުހުންނާނެކަމަށް ދެކެއެވެ. ނަމަވެސް، ޝަހާދަތް އިނގިލި އެހެންމީހުންނާ ދިމާއަށް ދިއްކޮށް އެއްޗެހިކިޔައި ފިތުނަފަސާދަ އުފައްދާއިރު، އެ މީހަކާ ދިމާއަށް އަނެއް ހަތަރު އިނގިލި އަމާޒުވެފައިވާކަމެއް ނޭނގެއެވެ. އެ ވަރުން ވެސް ބަލަނީ، ތިމާ ހާވައިފައި ހުރި ހަޑިތައް އެއްކިބާކޮށް، އެހެން މީހުންގެ މައްސަލަ ދެއްކޭތޯއެވެ.
މި ނުރަައްކާތެރިކަމާއި ބިރުވެރިކަން، ކަންބޮޑުވުމާއި ހިތާމަވެރިކަން ކުރިމަތިވެފައިވާ ހާލަތުގައި ޤައުމަށް ނަޒަރު ހިންގައިލުމުން ސަހަރޯހީވެއެވެ. އަޅުގަނޑު މި ދައްކަނީ، ކޮވިޑް-19 ޖެހިފައިވާ މީހުންގެ ވާހަކައެއް ނޫން އިނގޭތޯއެވެ. އަދި ކިއެއްތަ، އަޅުގަނޑު މި ދައްކަނީ ބަލިނުޖެހި ސިއްހަތު ސަލާމަތުންތިބި ބައެއް މީހުން ނުުވަަތަ ބައެއް ބޭފުޅުން، ކޮވިޑް-19 އިގެ ވައިރަހަަށް ޕޮޒިޓިވްވެފައިވާ މީހުންނަށްވުރެ، ބަލިވާހަކަ އިނގޭތޯއެވެ. އެ މީހުންގެ ނުވަތަ އެ ބޭފުޅުންގެ ވިސްނުމުގައި ހުރި އުނިކަމެއްގެ ސަބަބުން ސިކުނޑިއަށް ވައިރަހެެއްް ޖެހިފައިވާ ވާހަކައެވެ. އާދެ، އެއީ ވަރަށް ވެެސްް ނުރައްކާތެރި ވައިރަހެކެވެ. އެއީ ފިތުނަފަސާދައިިގެެ ވަައިިރަަހެެވެެ.
މުޅި ޤައުމަށް ބަލައިލިޔަސް މިއަދު ފެންނަމުންދަނީ، އެ މަންޒަރެވެ. އެކަކަށްވުރެ، އަނެކަކު ރަނގަޅަށް ކަންކުރާ ވާހަކައެވެ. އެއް ޖަމާޢަތަކަށްވުރެ، އަނެއް ޖަމާޢަތަކުން ރަނގަޅަށް ކަންކުރާ ވާހަކައެވެ. އެއް ސަރުކާރަކަށްވުރެ، އަނެއް ސަރުކާރަކުން ރަނގަޅަށް ކަންކުރާ ވާހަކައެވެ. ފިތުނަ ފަސާދަ އުފެއްދުމަށްޓަކައި، ރައްޔިތުން ކަންބޮޑުވާފަަދަަ ވާހަކަތައް، ވައިރަހެއް ފަދައިން ފަތުރައިލާތަނެވެ. ދޮގު ވާހަކަތައް ފަތުރައި އަނެކުންގެ ޝަަޚުުސިިއްޔަތަށް ހުތުރުއަރުވަމުންގެންދާ މަންޒަރެވެ. އަނެކުންގެ ޢަބުރާއި ޢިއްޒަތަށް އޭތިމީތިއަޅައި މަސްހުނިގަނޑެއްހެން މޮޑެލާ މަންޒަރެވެ. ސަރުކާރު ކުށްވެރިކޮށް، ރަނގަޅު އެއްވެސްކަމެއް ނުކުރެވޭ ވާހަކަތައް ފަތުރައި، ރައްޔިތުން ހާސްކުރުވަމުންދާ މަންޒަރެވެ.
އަޅުގަނޑު ޤަބޫލުކުރަމެވެ. އެއްވެސް މީހަކީ ފުރާފުރިހަމަވެފައިވާ މީހެއްނޫނެވެ. ދުރާއިގާތުން ހަމަލާ ނައިސް ސަލާމަތުން ހުންނަ މީހެއްވެސް ނޫނެވެ. ތުރާތައް ކުރިމަތިނުވާ މީހެއްވެސް ނޫނެވެ. އެހެން ޢިބާރާތަކުން ބަޔާންކުރާނަމަ، ކޮންމެ މީހަކަށް ވެސް ގޯސް ހެދޭނެއެވެ. ދުނިޔަވީ ހަޔާތުގައި އެކި ހަމަލާތައް ދިމާވެ، ދިރިއުޅުމުގެ ހަނގުރާމައާާ ކުރިމަތިލާން ވެސް ޖެހެއެވެ. އުނދަގޫތައް ކުރިމަތިވެ ކުރަން ބޭނުންވާ ކަންތައްތައް ނުކުރެވި ލަސްވާފަހަރު ވެސް އާދެއެވެ. އެހެނެއްކަމަކު، އެ ކަންތައްތަކަކީ، އެ މީހަކު ރަނގަޅަށް ކަންކަންނުކުރާކަމުގެ ހެއްކެއްނޫނެވެ.
މިހާ ހިސާބުން، މިއަދުގެ ހާލަތަށް ވިސްނައިލަމާތޯއެވެ. ނޮވެލްކޮރޯނާ މިވަނީ މުޅި ދުނިޔެ ރޯނާކޮށްލާފައެވެ. ބަލި ޖެހުނު މީހުން ދުވަހަކަށްވުރެ ދުވަހަކު ގިނަވަމުން ގޮސް، މިއަދު މިވަނީ ދުނިޔެ ހާސްކޮށްލާފައެވެ. މި ކަމުގެ ސަބަބުން، މުޅި ދުނިޔޭގެ އިޤްތިޞާދު ހީނަރުވަމުން ގޮސް، މިލާފައިވާ ގަހެއްފަދައިންވެ ފަތްކޮޅު ފައިބަން ފަށައިފިއެވެ. އެ ކަމާ ހެދި ވަޞީލަތްތައް އެންމެ ގިނަ ޤައުމުތަކުގެ ރައީސުން، ވަޒީރުން، މިނިސްޓަރުން އެ ތިއްބަވަނީ ދަތްދޮޅީގައި އަތްވިއްދާލައްްވަައިގެން ބަސްފުުޅުު ހުއްޓިފައެވެ. ނިއްކުރިފުޅު މަތީގައި އަތްޕުޅު ބާއްވަވައިގެން ހައްދަވާނެ ގޮތް ހުސްވެފައެވެ. ކަން މިހެން ހުރިއިރު، މި ކުޑަކުޑަ ވަޞީލަތްތައް މަދު ޤައުމަށް، އެ ޤައުމުތަކުގެ ކުރިިމަަތީީގަައިި އިސްއުފުލައިލެވޭނެ ގޮތެއް އޮންނާނެތޯއެވެ.
އަޅުގަނޑު އެއްބަހެވެ. ކޮވިޑް-19 އާއި ގުޅިގެން ދިވެހި ސަރުކާރުން ވަރަށް ރަނގަޅު ފިޔަވަޅުތަކެއް އަޅައިފައި އެބަހުއްޓެވެ. އެކަމަކުވެސް ރަނގަޅުނޫން ކަންތައްތައް ވެސް ހުރުން އެކަށީގެންވެއެވެ. ސަބަބަކީ، އަޅުގަނޑު ކުރިން ވެސް ދެންނެވި ވާހަކައެވެ. އެއް ނަޒަރަކުން ބަލާއިރު، މި ފަދަ ވަޞީލަތްތައް މަދު ޤައުމަކަށް، މި ކަން ހުއްޓުވުމަށް އެޅޭނެ ފިޔަވަޅުތައް މަދުކަމެވެ. މި ދެންނެވީ ވަޞީލަތްތަކުގެ ގޮތުން އިނގޭތޯއެވެ. އަނެއް ނަޒަރަކުން ބަލާއިރު، ސަރުކާރުން ކިތަންމެ ފިޔަވަޅެއް އެޅިޔަސް، ރައްޔިތުން އެ އިރުޝާދުތަކަށް، އެ ފިޔަވަޅުތަކަށް ބޯނުލަނބާނަމަ، މި ކަން ކޮންޓްރޯލްކުރުމުގެ ފުރުޞަތު ހަނި ވާހަކައެވެ. އަނެއް ނަޒަރަކުން ބަލާއިރު، އަޅުގަނޑު ކުރިން ވެސް ދެންނެވި ފަދައިން، މި ފަދަ ދަނޑިވަޅެއްގައި ދޮގުވާހަކަތައް ފަތުރަމުން އަންނަ ވާހަކައެވެ. މި ފަދަ ދަނޑިވަޅެއްގައި ވެސް، އެކިއެކި ދިމާއިން ވާހަކަތައް ނަގަނަގައިގެން ސަރުކާރަށް ކަމެއްނުވެވޭ ވާހަކަ ދައްކަމުންދާ ވާހަކައެވެ.
ކޮންމެ ބަޔަކުވެސް ދައްކަނީ އެ ބަޔަކު މޮޅުވާހަކައެވެ. ޕީޕީއެމްއިން ދައްކަނީ، އެބައިމީހުންގެ މޮޅުވާހަކައެވެ. ކޮވިޑް-19 އިން އަރައިނުގަނެވިގެން މި އުޅެނީ ނުޙައްޤުން ރައީސް ޔާމިނު ޖަލުގައި އޮންނެވުމުން ކަމަށެވެ. ސަރުކާރުން ބޭކާރު ޚަރަދުތައްކުރާ ވާހަކައެވެ. ސަރުކާރު އޮޅުންބޮޅުންވެފައިވާ ވާހަކައެވެ. އެމްޑީޕީން ދައްކަމުންދަނީ، ޕީޕީއެމްގެ ނުކުޅެދުންތެރިކަމުގެ ވާހަކައެވެ. ރައީސް ޔާމިނުގެ ސަރުކާރު އޮތްއިރު އެކަށީގެންވާ ތަރައްޤީއެއް ނާންނަ ވާހަކައެވެ. ހަމައެހެންމެ ހުރިހައި ޕާޓީއަކުން ވެސް ދައްކަމުންދަނީ އެ ބައިމީހުންގެ ރަނގަޅުވާހަކައެވެ. ކޮންމެ ބަޔަކު ވެސްދަނީ، އަނެކުންގެ ޒާތާއިި ބެހި، ކުށްވެރިކުރަމުންނެވެ. ދުލަށްއައިހާ އެއްޗެއްގޮވާ، ބަހުގެ ހަމަލާތައް ރައްދުކޮށް ހަނގުރާމަކުރަމުންނެވެ. މި ފަދައިން ޢަމަލުތައް ހުރިއިރު، ކޮވިޑް-19 ދުނިޔެއާއި ހަނގުރާމަކުރަމުންދާކަން އެބައިމީހުންނަށް ނުވެސް އެނގޭކަހަލައެވެ. ރައްޔިތުން ހާސްވެފައި ތިބިވަރު އެބައިމީހުންނަށް ނޭނގޭކަހަލައެވެ.
އެއްވެސް ޝައްކެއް ނެތެވެ. މި ފަދަ ދަނޑިވަޅެއްގައި ފިތުނަފަސާދަ އިސްކޮށްގެން ކުރިއެރުމެއް ނެތެވެ. ޤައުމު އިނދަޖެހިގެން ހިނގައިދާނެއެވެ. މި ވަގުތަކީ، ފިތުނަފަސާދައާއި އަރައިރންވުމުގެ ދޮރު ބަންދުކޮށް ޤައުމު އާރާސްތުކުރަންވީ ވަގުތެވެ. ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް މަސައްކަތްކުރަންވީ ވަގުތެވެ. އެއްޗެހިކިޔަން ބޭނުންނަމަ ކޮންމެ މީހަކަށް ވެސް ކިޔޭނެއެވެ. ހަމަގައިމު ވެސް، ރާއްޖޭގެ ސިޔާސީ މައިދާނުގައި ހަރަކާތްތެރިވާ ޕާޓީތަކުގައި އުޅުއްވަނީ މަލާއިކަތުންނެއްނޫނެވެ. ކުށުގެ ދާއިރާގައި އެންމެންވެސް ހަމަހަމައެވެ. ކުށެއް ނުކުރެވޭނެ މީހަކު ނުހުންނާނެކަން އެނގޭނޫންތޯއެވެ. ވީމާ މީހަކާ ކިޔޭވަރުގެެ މީހެއް އެބަހުރިތޯއެވެ. ކަންމިހެން ހުރިއިރު ޤައުމަށްޓަކައި އެންމެން އެކައްޗެއްކިޔައި މި ހާލަތުން މިންޖުވެވޭތޯ މަސައްކަތްކުރަމާތޯއެވެ.

