ޑޮލުގެ މައްސަލަ ސަރުކާރަށް ހައްލު ނުކުރެވި، އަގު އިންތިހާއަށް އުފުލިގެން ދިއުމުން ގާނޫނެއް ބޭނުންކޮށްގެން ރައްޔިތުންގެ އަނގަބަންދު ކުރަން މަސައްކަތް ކުރުމުން ލިބޭނެ އެއްވެސް ފައިދާއެއް ނެތްކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ތިނަދޫ ސިޓީގެ ”އާބާދީ 60“ ރަސްމީ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ކަޅުބާޒާރުގައި ޑޮލަރެއްގެ އަގު 22.80 ރުފިޔާއަށް އަރައިގެން ގޮސްފައިވާ ކަމަށެވެ. އަދި ގައުމުގެ ޔޫޒަބަލް ރިޒާވް ދަށްވެ، ބޭރުގެ ދަރަނިތައް ދެއްކުމާއި ރާއްޖެއަށް ބޭނުންވާ ޒަރޫރީ ކާޑުގެ ބާވަތްތަކާއި ތެޔޮ އެތެރެކުރުމަށް ބޮޑެތި ގޮންޖެހުންތަކެއް ހުރިއިރު، ކުރިއަށް އޮތް ތިން މަސް ނުވަތަ ހަ މަސްދުވަހުގެ ތެރޭގައި ވެސް ޑޮލަރުގެ އަގަށް ހެޔޮ ބަދަލެއް އަތުވެދާނެކަމަށް ގަބޫލު ނުކުރެއްވޭކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.
ޑޮލަރު ކަޅުބާޒާރުގައި ވިއްކުން ހުއްޓުވުމަށާއި، އަގާއި ގުޅޭގޮތުން ކުރާ ރިޕޯޓުތަކަށް ޖުރިމަނާ ކުރުމަށް މަޖިލީހުގެ ކޮމިޓީން ނިންމި މައްސަލައަށް ފާޑުކިއުން އަމާޒު ކުރައްވައި ރައީސް ޔާމީން ވިދާޅުވީ ބައްޔެއްގެ ނަން ބޭނުންކުރުން ޤާނޫނަކުން މަނާކުރިޔަސް އެ ބަލި ފަސޭހަ ނުވާނެ ފަދައިން، ޑޮލަރުގެ މައްސަލައިގައި ވެސް ކަންކަން މަނާކޮށް އަނގަބަންދުކޮށްގެން ނަތީޖާއެއް ނުނިކުންނާނެ ކަމަށެވެ. އަދި މިފަދަ ހަރުކަށި ފިޔަވަޅުތަކުގެ ސަބަބުން އަލިފާނަށް ދަރު އެޅިގެންދާ ފަދައިން މައްސަލަ އިތުރަށް ގޯސްވުން ފިޔަވައި އިތުރު ކަމެއް ނުވާނެކަމަށް ވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވީ، ކަޅުބާޒާރުގައި ޑޮލަރުގެ އަގު މައްޗަށް ދިއުމުގެ ސަބަބުން އާދައިގެ މުދަލުގެ އަގުވެސް އިންތިހާއަށް އުފުލިފައިވާ ކަމަށެވެ. ރައީސް ޔާމީން ވިދާޅުވީ، ރައްޔިތުންގެ ޖީބަށް މިހާ ބޮޑު ތަކުލީފެއް އުފުލަން ޖެހިފައިވާއިރު، މިފަދަ ހަގީގީ މަންޒަރުތަކުގެ ވާހަކަ ދެއްކުން ހުއްޓުވައި، އަނގަބަންދުކޮށްގެން ސަރުކާރަށް މި މައްސަލަ ހައްލު ނުކުރެވޭނެ ކަމަށެވެ. އަދި ބާޒާރުގެ ހަގީގީ އަގުތައް ކޮންޓްރޯލް ކުރެވޭނީ ގާނޫނުން ބިރުދައްކައިގެން ނޫން ކަމަށެވެ.
ރައީސް ޔާމީން ވިދާޅުވީ، ރައްޔިތުންނަށް ހަމަޖެހުމެއް ލިބޭނީ ފިނޭންސް މިނިސްޓަރާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު ސީދާ ރައްޔިތުންގެ ކުރިމައްޗަށް ނުކުމެވަޑައިގެން، މި މައްސަލަ ހައްލުކުރާނެ ހަރުދަނާ ސިޔާސަތުތައް ސާފުކޮށްދިނުމުން ކަމަށެވެ.

