އިރުއިރުކޮޅާ މަޖިލީހުން ގަވައިދު ބަދަލުކުރަނީ ރައްޔިތުން އެދޭ ބަހުސަށް ހުރަސް އަޅަން ކަމަށާއި މަޖިލީހުގައި ހިންގަމުން އަންނަނީ ”ނާޒީ ޖަރުމަނު ހިޓިލަރުގެ“ އުސޫލުންކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.
މީކާއިލް މިހެން ވިދާޅުވީ، ލާމަރުކަޒީ ޤާނޫނަށް ހުށައެޅިފައިވާ އިސްލާހު އަނބުރާ ގެންދިއުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާ އީޕެޓިޝަންއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ބަހުސްކުރައްވަމުންނެވެ.
ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން ރައްޔިތުންގެ މަޖިލީހުގެ ސުޕަރ މެޖޯރިޓީގެ އާރާއި ބާރު ބޭނުންކޮށްގެން މަޖިލީހުގައި ރައްޔިތުން ބޭނުންވާ، ޒަރޫރީ ބަހުސްތައް ކުރުމަށް ހުރަސްއަޅަމުންދާކަމަށް މީކާއިލް ވިދާޅުވިއެވެ. އަދި ސަރުކާރުން ބޭނުންވާ ގޮތަށް މަޖިލީހުގެ ޤަވައިދުތައް އިރުއިރުކޮޅާ ބަދަލުކުރަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.
އެގޮތުން ރައްޔިތުންގެ މަޖިލީހުގައި އީޕެޓިޝަނެއް ޤާއިމުކުރެވިގެން ދިޔައީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި އަދި ދިވެހި އެންމެހާ ރައްޔިތުން ސަރުކާރުގެ ފައިބުޑަށް ދާންނުޖެހި ރައްޔިތުންގެ މަޖިލީހަކީ ރައްޔިތުންގެ ގެކަމަށް ބަލާ މަޖިލީހުގައި ރައްޔިތުން ބޭނުންވާ، ޒަރޫރީ ބަހުސްތައް ކުރެވޭނެ އިންތިޒާމެއް ޤާއިމުކުރުން ކަމުގައި އޭނާ ވިދާޅުވިއެވެ. ނަމަވެސް މިއަދު ފާހަގަވަނީ، ރައްޔިތުން ބޭނުންވެގެން ބަހުސެއް ކުރިއަށް ގެންދަން ބޭނުންވާއިރު މި ސަރުކާރުން އާރާއި ބާރު ބޭނުންކޮށްގެން ބަހުސް ކުރިއަށް ނުގެންދިއުމަށް މަސައްކަތް ކުރަމުންދާ މަންޒަރުކަމުގައި މީކާއިލް ވިދާޅުވިއެވެ.
”މިއަދު ފާހަގަ މިވަނީ ރައްޔިތުންގެ މަޖިލީހުގައި ރައްޔިތުންގެ ފަރާތުން ރައްޔިތުން އިނީޝިއޭޓްކޮށްގެން އެ މީހުންގެ ފަރާތުން އަންނަ ބަހުސްއެއް ކުރަން ތައްޔާރުވަމުން އަންނައިރު ސަރުކާރުން އާރާއި ބާރާއި ސުޕަރ މެޖޯރިޓީއެއް އޮތް ސަރުކާރަކުން އެ ބަހުސް ރައްޔިތުންގެ މަޖިލީހުގައި ކުރިއަނުދޭ. އެބަހުސް ހިއްޓުވަން އެ ބަހުސަށް ހުރަސްއަޅަން ކުރަމުންދާ މަސައްކަތް، އިރުއިރު ކޮޅާ ޤަވައިދުތައް ބަދަލުކޮށްފައި ކަންކަން ކުރަަނީ ޤަވައިދާ އެއްގޮތަށޭ ބުނީމައި އަޅުގަނޑު ހަނދާންވަނީ ނާޒީ ޖާރމަނީ ހިޓިލަރުގެ އުސޫލު ރައްޔިތުންގެ މަޖިލީހުގައި ކުރިއަށްދާތަން މިފެންނަނީ،“ މީކާއިލް
މީކާއިލްވަނީ ރައްޔިތުންގެ މަޖިލީހުގެ ޤަވައިދަކީ ޤާނޫނެއްކަމަށާއި މަޖިލީހުގެ ވަގުތު ސަލާމަތްކުރުމުގެ އިތުރުން އެތަކެއް ހައްސާސް މައްސަލައެއް ނިންމަން ހުރިއިރު ކުއްލިކުއްލިއަށް ހުރެ ބަހައްޓާފައި އިސްލާހެއް ހުށައަޅައިގެން މަޖިލީހުގައި ޤަވައިދުތައް ބަދަލުނުކުރަން އިލްތިމާސްކޮށްފައެވެ. އަދި މިގޮތަށް އިރުއިރުކޮޅާ ޤަވައިދުތައް އިސްލާހުކުރުމުގެ ސަބަބުން ޤާނޫނެއްގައި އެއްވެސް އަގެއް ނުހުންނާނެކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި ސަރުކާރުން މަޖިލީހުގެ ކަންކަން ކޮންްޓްރޯލު ކުރަމުންދާއިރު ސިފަވަނީ ނާޒީ ޖަރުމަނުގެ ”ހިޓިލަރުގެ“ އުސޫލުކަމުގައި އޭނާ ވިދާޅުވިއެވެ.
މީކާއިލް ވިދާޅުވީ ސަރުކާރު ހިންގާ ޕާޓީ ޕީއެންސީ މެދުވެރިކޮށް އެ ޕާޓީން ސޯޝަލް މީޑިއާގެ އެކްޓިވިސްޓުން ބޭނުންކޮށް ކުއްލިކުއްލިއަށް މަޖިލީހުގެ ޤަވައިދުތަކަށް ބަދަލު ގެންނަ ކަމަށެވެ. މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގައި ރައްޔިތުން ހުށައަޅައިގެން ބަހުސްކުރުމަށް ތައްޔާރުވަމުން އަންނަ ޕެޓިޝަނަކަށް ބަހުސްކުރަން އެއްދުވަހަށް ވެފައިވަނިކޮށް ކުއްލިއަކަށް ”އިއްތިފާގަކުން“ މަޖިލީހުގެ ޤަވައިދަށް ބަދަލުތަކެއް ގެންނަނީ މި ސަރުކާރު ހިންގާ ޕީއެންސީއަށް ޕެޓިޝަނެއް ހުށައެޅޭނެ ގޮތަށް މަގުފަހިކުރަންކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ. މީކާއިލް ވަނީ ސަރުކާރުން އެކަން އެހެން ކުރަނީ ކޮންބޭނުމެއްގައިތޯ ސުވާލުކުރައްވާފައެވެ. މީކާއިލް ވިދާޅުވީ މަޖިލީހުގައި ސުޕަރ މެޖޯރިޓީ އޮތީ ޕީއެންސީއަށް ކަމަށް ވާއިރު، ރައްޔިތުން ހުށައަޅާ އީޕެޓިޝަނެއް ސަރުކާރަށް ހަޖަމުނުވަނީ ކީއްވެކަމާ މެދު ސުވާލު އުފެދޭ ކަމަށެވެ.
”ރައްޔިތުންގެ މަޖިލީހުގައި މިއޮތީ ސަރުކާރު ހިންގާ ޕާޓީ ޕީއެންސީއަށް ސުޕަރ މެޖޯރިޓީ 70 އަށް ވުރެ ގިނަ މެމްބަރުންނާއެކު، ދެން ރައްޔިތުން ހުށައަޅާ އީޕެޓިޝަނެއް ސަރުކާރަށް ހަޖަމު ނުވަނީ ކީއްވެ؟ ހަޤީގަތުގައިވެސް ހަމަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ޕީއެންސީއަށް ނިސްބަތްވިޔަސް މިއީ އަމިއްލަ ނަފްސާ ސުވާލުކޮށްލަން ރަނގަޅު ކަމެއްހެން އަޅުގަނޑަށް ހީވަނީ.“ މީކާއިލް
މީކާއިލްގެ ވާހަކަ ކުރިއަށް ގެންދަވަމުން ވަނީ މަޖިލީހުގައި ކުރާނެ އެތައް ބައިވަރު މަސައްކަތްތަކެއް ހުރިއިރު ޤަވައިދު ބަދަލު ކުރުމުގެ އިތުރުން ކުރާނެ އިތުރު މަސައްކަތެއް ނެތީތޯ ވެސް ސުވާލު އުފައްދަވާފައެވެ. އަދި ދިވެހި ހުރިހާ ރައްޔިތުންނަށްވެސް މަޖިލީހުގައި މިހާރު މަަސައްކަތްތައް ކުރެވެމުންދަނީ ޤާނޫނު އަސާސީގެ ރޫހާއި މުޅިން ހިލާފަށްކަން އިނގޭކަމަށް އޭނާ ވިދާޅުވިއެވެ.

