މިހާރު ރާއްޖޭގައި ފެތުރެންދާ ކޮވިޑް-19 އާއި ގުޅިގެން މާލެ ސިޓީ ލޮކްޑައުންކޮށްފައިވަނިކޮށް، އެއްވެސް ހުއްދައެއް ނެތި މަގުމަތީގައި އުޅެގެން 461 މީހަކު ޖޫރިމަނާކޮށްފައިވާކަމަށް ފުލުހުން ބުނެފިއެވެ.
ކޮވިޑް-19 ފެތުރުން ހުއްޓުވުމަށްޓަކައި އެޗްޕީއޭއިން ވަނީ މާލެ ލޮކްޑައުންކުރުމުގެ އިތުރުން ޒަރޫރީ ބޭނުމެއްގައި މެނުވީ އެއް ރަށުން އަނެއް ރަށަށް ދިއުމަށް މަނާކޮށްފައެވެ. އަދި މިހާލަތުގައި ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު، މައިމޫނާ އަބޫބަކުރުގެ އެންގެވުމާ ހިލާފުވާ ފަރާތްތަކާއިމެދު ފިޔަވަޅު އެޅުމުގެ ބާރު ފުލުހުންނަށްވަނީ ދީފައެވެ.
ފުލުހުން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ހުކުރު ދުވަހު މާލެއިން 101 މީހަކާއި ހުޅުމާލެ އިން 4 މީހެއްގެ އިތުރުން ވިލިމާލެއިން 4 މީހަކު ވަނީ ޖޫރިމަނާކޮށްފައެވެ.
ކޮވިޑް-19 އަށް ޕޮޒިޓިވް ކޭހެއް މާލެއިން ފެނުމާއެކު މާލެ ލޮކްޑައުންކޮށް އެންގުންތަކާއި ޚިލާފަށް އުޅޭ މީހުންނާއި މެދު ފިޔަވަޅު އަޅަން ފެށިފަހުން މާލެއިން ޖުމްލަ 404 މީހަކު ޖޫރިމަނާކޮށްފައިވެއެވެ. އަދި ހުޅުމާލެއިން 30 މީހަކާއި ވިލިމާލެ އިން 27 މީހަކު ޖޫރިމަނާކޮށްފައިވެއެވެ.
ލޮކްޑައުންގެ ހާލަތުގައި އެޗްޕީއޭ އާއި ފުލުހުންގެ އެންގުންތަކާއި ޚިލާފަށް ހުއްދަނެތި މަގުމަތީގައި އުޅޭ މީހުން ޖޫރިމަނާ ކުރަމުންދަނީ، 1،000 ރުފިޔާއިންނެވެ. އަދި އެކަން ތަކުރާރުކުރާ ފަރާތްތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަމުން ދެއެވެ.
ލޮކްޑައުންގެ މި ހާލަތުގައި ބޭރަށް ނިކުމެވޭނީ ފުލުހުންދޭ ހުއްދަ އެއް ލިބިގެން، ހުއްދަ ލިބޭ ސަރަހައްދުތަކަށެވެ. އެގޮތުން ވިޔަފާރިކުރުމަށާއި އޭޓީއެމްއަށް ދިޔުމަށް އަދި އެނޫންވެސް ޒަރޫރީ ބޭނުންތަކަށް ހުއްދަ އަށް އެދުމުން ފުލުހުން ދަނީ ހުއްދައަށް އެދޭ ކަމަކަށް ރިއާޔަތްކޮށް ހުއްދަ ދެމުންނެވެ.
މީގެ އިތުރުން ޑެލިވަރީގެ ހިދުމަތްދޭ ފަރާތްތަކަށް 4.322 ސްޓިކާ މިހާތަނަށް ދޫކޮށްފައިވާކަމަށް ފުލުހުން ބުނެފައެވެ. އެގޮތުން މާލެއިން 3،772 ސްޓިކާ، ހުޅުމާލެ އިން 484 ސްޓިކާ އަދި ވިލިމާލެ އިން 66 ސްޓިކާ ދޫކޮށްފައިވެއެވެ.

