ގްރޭޓަރ މާލޭ ސިޓީގެ ހަތަރު ގެއެއް މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާކަމަށް އެޗްޕީއޭއިން ހާމަކޮށްފިއެވެ.
އެޗްޕީއޭއިން މިރޭ ބުނީ، ގްރޭޓަރ މާލޭ ސިޓީގެ ހަތަރު ގެއެއް މޮނިޓަރިންގެ ހާލަތަށްގެނެވިފައިވާކަމަށާއި، އޭގެތެރޭގައި ހިމެނެނީ، މާލޭގެ ތިން ގެއެއްގެ އިތުރުން، ވިލިމާލޭ ގެއެއްކަމަށެވެ.
މޮނިޓަރިންގެ ހާލަތަށް ގެނެވިފައިވަނީ، މ.ހާގިރިއާއި، ހ.ލާރކްއާއި، މއ. އީސްޓާރން ލެގޫންގެ އިތުރުން، ވ. ކޮތާފަރު 3A، ތިންވަނަ ފަންގިފިލާކަމަށް އެޗްޕީއޭއިން ހާމަކުރެއެވެ. މީގެ އިތުރުން، ބޮޑުތަކުރުފާނު މަގުގައި ހުންނަ ޖޭސްމިން ޓްރޭޑް ވެސް މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.
މި 5 ޢިމާރާތުގެ އިތުރުން މި އަދު 6 ރަށެއް ވެސް މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާކަމަށް އެޗްޕީއޭއިން ބުނެއެވެ. އޭގެތެރޭގައި ހިމެނެނީ، ށ.އަތޮޅުގެ ފަސް ރަށަކާއި، ނ.އަތޮޅުގެ ރަށެކެވެ. މި ރަށްތަކަކީ، ށ.އަތޮޅު މާއުނގޫދުއާއި، ށ.ފީވަކާއި، ށ.މިލަންދުއާއި، ށ. ފުނަދުއާއި، ށ.ނަރުދުއާއި، ނ.ހޮޅުދޫކަމަށް އެޗްޕީއޭއިން ހާމަކޮށްފައިވެއެވެ.
މި ރަށްތައް މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވަނީ، ށ.ނަރުދޫ ރައްޔިތަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވުމުންގެ ސަބަބުންނެވެ.
ކޮވިޑް-19 އިގެ ސަބަބުން، 4 ގެއަކާއި، 1 ފިހާރައަކާއި، 6 ރަށެއް މިއަދު މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާއިރު، ހަމައެކަނި މި މަހުގެ 24 ވަނަ ދުވަހުގައި ވެސް ވަނީ، މާލޭސިޓީއާއި، އަތޮޅުތަކުން 65 ގެއަކާއި، ދެ ފިހާރައެއް މޮނިޓަރިންގެ ހާލަތަށް ގެނެސްފައެވެ.
މީގެ އިތުރުން، ކޮވިޑް-19 އިގެ ހާލަތު ގޯސްވެ މިއަދު ވެސް މިވަނީ 9 ކޭސް އެއް ފެންމަތިވެފައެވެ. މިިއަަދުު ޕޮޮޒިިޓިިވްްވެެފަައިިވަަނީީ، 8 ދިވެހިންގެ އިތުރުން ބަންގްލަދޭޝްގެ ރައްޔިތެކެވެ. މިއާއެކު ރާއްޖެއިން ފެންމަތިވި ކޭސްތަކުގެ ޢަދަދު މިވަނީ 137 އަށް އަރާފައެވެ. އޭގެތެރޭގައި ހިމެނެނީ، 66 ދިވެހިންނާއި، ބަންގްލަދޭޝްގެ 48 މީހަކާއި، އިޓަލީގެ 11 މީހަކާއި، އިންޑިއާގެ 7 މީހަކާއި، ސްރީލަންކާގެ މީހަކާއި، އިނގިރޭސިވިލާތުގެ މީހަކާއި، ޖަރުމަނުވިލާތުގެ މީހެއްގެ އިތުރުން، އެހެނިހެން ޤައުމެއްގެ 2 މީހެކެވެ. އެ ދެ މީހުންނަކީ، ކޮން ޤައުމެއްގެ ދެ މީހުންކަމެއް އެއްޗްޕީއޭއަކުން ހާމައެއް ނުކުރެއެވެ. މީގެތެރެއިން 16 މީހަކު މިހާރު ވަނީ ބަލިން ރަނގަޅުވެފައެވެ. ހަމައެއާއެކު 1342 ކަރަންޓީނު ފެސިލިީޓީތަކުގައި ތިބިއިރު، 153 މީހަކުވަނީ އެކަހެރިކޮށްފައެވެ.

