ބޭރު ފައިސާއިން އާމްދަނީ ލިބޭ ގިނަ ފަރާތްތަކުން ކަޅުބާޒާރު މެދުވެރިކޮށް ފައިސާ ދައުރު ކުރަމުންދާކަމަށާއި އެފަދަ ފަރާތްތަކުގެ ޢަމަލުތައް ހުއްޓުވައި، ޤާނޫނު ތަންފީޒުކުރުމަށް ހަދަންޖެހޭ ތަޙުޤީޤުތައް ކުރިއަށް ގެންދިންޖެހޭކަމަށް މަރުކަޒީ ބޭންކުގެ ގަވަރުނަރު އަޙްމަދު މުނައްވަރު ވިދާޅުވެއްޖެއެވެ.
މުނައްވަރު މިހެން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރާއްޖޭގެ އިޤްތިސާދީ ހާލަތުގެ މައްޗަށް އަލިއަޅުއްވާލައްވާ ހިއްސާކުރެއްވި މައުލޫމާތުގައެވެ.
މުނައްވަރު ވިދާޅުވީ، އިޤްތިސާދީ ބަހާތަކަށް ބަލާއިރު ހަނގުރާމައާއި ގުޅިގެން ވަގުތީ ހީނަރުކަމެއް އައި ނަމަވެސް ޖުމްލަ ގޮތެއްގައި ޑޮލަރުގެ އަގު މައްޗަށް ދާންވީ ސަބަބެއް ނުފެންނަކަމަށެވެ.
އެހެންނަމަވެސް މިކަމުގައި ސްޕެކިއުލޭޓަރީ އެލިމަންޓުތަކެއް އުޅޭކަމަށް ފާހަގަކުރެވޭކަމަށް އޭނާ ވިދާޅުވެފައެވެ. އެގޮތުން އެއްއެމްއޭއިން ރިޒާވް އިތުރުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ކަމަށާއި އެހެންނަމަވެސް ފާއިތުވެދިޔަ މަސްދުވަސްތެރޭގައި އަންއޮފިޝަލް މާރކެޓް ނުވަތަ ބެލްކް މާރކެޓްގައި ޑޮލަރުގެ އަގު މައްޗަށް ދިޔަކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި ޑޮލަރުގެ އަގު ކަޅު ބާޒާރުގައި މައްޗަށްދިޔައީ އިންޑަސްޓްރީގެ ސްޓޭކް ހޯލަޑަރުންނާއި އެހެނިހެން ފަރާތްތަކާއި ފޮރެކްސް ޤާނޫނުގެ ވާހަކަތައް ދައްކަމުންދިޔަ ދަނޑިވަޅެއްގައިކަން އޭނާ ފާހަގަކުރެއްވިއެވެ.
”އިޤްތިސާދީ ބަހާތަކަށް ބަލާއިރު ހަނގުރާމައާއި ގުޅިގެން ވަގުތީ ހީނަރުކަމެއް އައި ނަމަވެސް ޖުމްލަ ގޮތެއްގައި ޑޮލަރުގެ އަގު މައްޗަށް ދާންވީ ސަބަބެއް ނުފެނޭ. މިކަމުގައި ސްޕެކިއުލޭޓަރީ އެލިމަންޓުތަކެއް އުޅޭކަމަށް ފާހަގަކުރެވޭތީވެ އަޅުގަނޑުމެން މަނީ އެކްސްޗޭންޖު ކުރާ ފާރާތްތަށް ވަރަށް ބޮޑަށް މޮނިޓާރ ކުރަމުން މިދިޔައީ“ ގަވަނަރ
މުނައްވަރު ވިދާޅުވީ އެމްއޭއާއި ތަންފީޒީ އިދާރާތަކާއި ގުޅިގެން މަނީ އެކްސްޗޭންޖު ކުރާ ފަރާތްތައް ދެނެގަނެ ކުރެވުނު ދިރާސާގައި ފާހަގަވީ 20 ޕަސެންޓުގައި ޑޮލަރު މާރުކުރެވިގެންދާއިރުވެސް ބޭރު ފައިސާއިން އާމްދަނީ ލިބޭ ވަރަށް ގިނަ ފަރާތްތަކެއް ކަޅު ބާޒާރުގައި މަނީ އެކްސްޗޭންޖު ކުރާ ފާރާތްތައް މެދުވެރިކޮށް ޑޮލަރު ދައުރުކުރާކަމަށެވެ. އެހެންކަމުން ޤާނޫނު ތަންފީޒުކުރަމަށްޓަކައި ކަމާއިބެހޭ އިދާރާތަކުން ތަހުޤީގެއް ކުރިއަށް ގެންދިއުމަށް އެދިފައިވާނެކަމަށް އޭނާ ވިދާޅުވިއެވެ.
”ބޭރު ފައިސާއިން އާމްދަނީ ލިބޭ ވަރަށް ގިނަ ފަރާތްތަކެއް ކަޅު ބާޒާރުގައި މަނީ އެކްސްޗޭންޖު ކުރާ ފާރާތްތައް މެދުވެރިކޮށް ޑޮލަރު ދައުރުކުރޭ. އެހެންކަމުން ޤާނޫނު ތަންފީޒުކުރަމަށްޓަކައި ކަމާއިބެހޭ އިދާރާތަކުން ތަހުޤީގެއް ކުރިއަށް ގެންދިއުމަށް އެދިފައިވާނެ“ މުނައްވަރު
ޤާނޫނާ ހިލާފަށް ބޭރު ފައިސާގެ މުއާމަލާތް ހިންގާ ތަނެއް މިހާރު ބަންދުކުރެވިފައިވާކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި ޤާނޫނާ ހިލާފަށް ބޭރު ފައިސާގެ މުއާމަލާތް ހިންގާތީ އެކްސްޕްރެސް މަނީ އެކްސްޗޭންޖް ޕްރައިވެޓް ލިމިޓެޑް އަށް ބޭރު ފައިސާގެ މުއާމަލާތް ކުރުމަށް ދީފައިވާ ލައިސަންސް ބާތިލުކޮށްފައިވާކަމަށް ގަވަނަރ ވިދާޅުވިއެވެ.
އަދި މި ޢަމަލުތައް ހުއްޓުވައި، ޤާނޫނު ތަންފީޒުކުރުމަށް ހަދަންޖެހޭ ތަޙުޤީޤުތައް ކުރިއަށް ގެންދިއުމަށް ނިންމާފައިވާކަމަށް ގަވަރުނަރު އަޙްމަދު މުނައްވަރު ވިދާޅުވިއެވެ.

