ޒަރޫރީ ބޭނުމެއްނެތި ރޭގަނޑު 10 ގެ ފަހުން މަގުމަތީގައި އުޅޭ މީހުންނަށް ފުރަތަމަ ނަސޭހަތްތެރިވާނެކަމަށާއި،
ދެވަނަ ފަހަރު ތަކުރާރު ކޮށްފިނަމަ ގޭގައި ކަރަންޓީނު ވުމަށް އަންގާނެކަމަށް މާޅޮސްމަޑުލު އުތުރުބުރީ ހުޅުދުއްފާރު ކައުންސިލް އިދާރާއިން ބުނެފިއެވެ.
މި ކަން ބަޔާންކޮށް ހުޅުދުއްފާރު ކައުންސިލް އިދާރާއިން އާދިއްތަވިލޭރޭ ނެރުނު ބަޔާނެއްގައި ބުނީ، މި ނިންމުމަކީ، ކޮވިޑް-19 އާއި ގުޅިގެން، އެ ރަށު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި މިދަނޑިވަޅުގައި ކޮންމެހެންއަޅަންޖެހޭ ފިޔަވަޅުތަކެއްކަމަށްވާތީ، ހުޅުދުއްފާރު ޓާސްކް ފޯސްއިން ނިންމާފައިވާ ނިންމުމެއްކަމަށެވެ.
މި ގޮތުން، ޒަރޫރީ ބޭނުމެއްނެތި ރޭގަނޑު 10 ގެ ފަހުން މަގުމަތީގައި އުޅޭ މީހުންނަށް ފުރަތަމަ ނަސޭހަތްތެރިވާނެކަމަށާއި، ދެވަނަ ފަހަރު ތަކުރާރު ކޮށްފިނަމަ ގޭގައި ކަރަންޓީނު ވުމަށް އަންގާނެކަމަށެވެ.
އަދި މި އެންގުމަށް އަމަލުނުކޮށްފިނަމަ، އެ މީހެއްގެ މައްސަލަ ފުލުހަށް ހުށަހަޅާނެކަމަށް ވެސް، ހުޅުދުއްފާރު ކައުންސިލް އިދާރާއިން ބުނެއެވެ.
މީގެ އިތުރުން، އެ ރަށު ކައުންސިލުން ވަނީ، އިތުރު ފިޔަވަޅުތަކެއް ވެސް އަޅާފައެވެ.
މި ގޮތުން، އުމްރާނީ މަސައްކަތްތައް ކުރުމަށް ހަމަޖެހިފައިވާ ގަޑިތަކަކީ، ހެނދުނު 08:00 އިން ފެށިގެން، ހަވީރު 16:00 އަށްކަމަށް އެ ކައުންސިލުން ބުނެފައިވެއެވެ.
އެ ރަށު ފިހާރަ ތަކުން ޚިދުމަތް ފޯރުކޮށްދޭނީ،
ހެނދުނު 09:00 އިން ފެށިގެން، މެންދުރުކުރި 11:00 އަށްކަމަށާއި، މެންދުރުފަހު 14:00 އިން ފެށިގެން، ހަވީރު17:00 އަށްކަމަށް ވެސް އެ ކައުންސިލުން ބުނެއެވެ. ނަމަވެސް، އެ ކައުންސިލުން ބުނީ، ޑެލިވަރީގެ ޚިދުމަތްދިނުމަށް ހަމަޖައްސާފައިވަނީ، ރޭގަނޑު 20:00 އިން 22:00 އަށްކަމަށެވެ.
މީގެ އިތުރުން ހޮޓާތަކުން ޑެލިވަރީގެ ޚިދުމަތްދިނުމަށް ހަމަޖައްސާފައިވަނީ، ހަވީރު 17:00 އިން ފެށިގެން ރޭގަނޑު 12:00 އަށްކަމަށް އެ ކައުންސިލުން ހާމަކުރެއެވެ.
އެ ކައުންސިލުން ހާމަކުރިގޮތުގައި، ކައުންސިލް އިދާރާ، ޓާސްކްފޯސް، ސޯޝަލް ސަޕޯޓް ޑެސްކް، ފެނަކަ ބްރާންޗް، ސިއްހީ މަރުކަޒުގެ ޑިއުޓީ ތަކަށް ނުވަތަ މަސައްކަތްތަކަށް، އެ ކަމަށް ކަނޑައަޅާފައިވާ މުވައްޒަފުންނަށް މަސައްކަތްތަކުގައި ބޭރުގައި އުޅެވޭނެއެވެ.

