ކުށެއްގެ ތުހުމަތުކުރެވޭ މީހާ ޝަރީއަތް ނިމުމުގެ ކުރިން ފިލައިގެން ދިޔަ ނަމަވެސް، މަދަނީ މިންގަނޑުން އެކަން ސާބިތުކޮށް ކުށްކޮށްގެން ހޯދާފައިވާ މުދާ ދައުލަތަށް ނެގޭނެ އުސޫލުތަކެއް ކަނޑައަޅައި، ކުށްކޮށްގެން ހޯދާ މުދަލާ ގުޅޭ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދެވެ. މި ބިލުގެ ފުރަތަމަ ކިޔުން މިއަދުގެ މަޖިލިސް ޖަލްސާގައި ވަނީ އިއްވާފައެވެ.
މި ބިލުގެ 6 ވަނަ ބާބު ހާއްސަކޮށްފައިވަނީ ޖިނާއީ ކުށް ސާބިތުވުމަކާ ނުލައި، މަދަނީ މިންގަނޑުން މުދާ ދައުލަތަށް ނެގުމުގެ އިޖުރާއާތުތަކަށެވެ.
އެގޮތުން ޝަރީއަތުން ކުށް ސާބިތުނުވި ނަމަވެސް، މުދާ ނެގުމުގެ އަމުރެއް ނެރެވޭނީ ތިން ހާލަތެއްގައިކަމަށް ބިލުގައި ބަޔާންކުރެ އެވެ. އެއީ ތުހުމަތުވާ މީހާ މަރުވުން، ފިލައިގެން އުޅުން ނުވަތަ އެ މީހެއްގެ މައްޗަށް ދައުވާކުރުމަށް އެކަށީގެންވާ ސަބަބުތަކެއް ނެތުމުގެ ސަބަބުން ދައުވާ ނުކުރެވޭ ހާލަތްތަކުގައެވެ. މިފަދަ އަމުރުތަކަށް އެދި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ފުރަތަމަ މަރުހަލާގައި ހުށަހަޅަން ޖެހޭނީ ހައި ކޯޓަށެވެ.
ބިލުގައި ވާގޮތުގައި، ކުށް ސާބިތުވުމުގެ ކުރިން މުދާ ހިފެހެއްޓުމާއި މުއާމަލާތްކުރުން ހުއްޓުވުމުގެ އަމުރު ވެސް ހައި ކޯޓުން ނެރެވިދާނެއެވެ. އަދި އެފަދަ އަމުރުތަކާ ހިލާފުވާ ފަރާތްތައް 2 ލައްކަ ރުފިޔާއިން ފެށިގެން 5 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމުގެ ބާރު ކޯޓަށް ލިބިގެންވެއެވެ.
މީގެއިތުރުން ހިފަހައްޓާ މުދާ ބެލެހެއްޓުމަށް ”އެސެޓް މެނޭޖްމަންޓް އޮތޯރިޓީ“ ގެ ނަމުގައި ހާއްސަ އިދާރާއެއް އުފެއްދުމަށް ވަނީ ހިމަނާފައެވެ.
މި ގާނޫނުގެ ދަށުން މުދާ ނެގޭނެ ކުށްތަކުގެ ތެރޭގައި ކޮރަޕްޝަނާއި މަނީ ލޯންޑަރިން، ޓެރަރިޒަމް، މަސްތުވާތަކެއްޗާއި ހަތިޔާރު އަދި މީހުން ޓްރެފިކްކުރުން ހިމެނެއެވެ.
މީގެ އިތުރުން އިންތިޒާމުވެގެން ކުރާ ބޮޑެތި ކުށްތަކާއި، 5 ލައްކަ ރުފިޔާއިން މަތީގެ ޓެކްސް ދެއްކުމުން އެއްކިބާވުމުގެ ކުށްތަކުގެ އިތުރުން 1 ލައްކަ ރުފިޔާއިން މަތީގެ ވައްކަމާއި ހިޔާނާތް އަދި ފޭރުމުގެ މައްސަލަތައް ވެސް މި ބިލުގައި ވަނީ ހިމަނާފައެވެ.

