ކޮވިޑް-19 އާ ގުޅިގެން ރާއްޖެ އަށް ބޭނުންވާ މިންވަރަށް ވެންޓިލޭޓަރު ގެންނަަން ނިންމާފައިވާ ނިންމުމާއި ގުޅޭ ގޮތުން ހެލްތް މިނިސްޓަރު އަބްދުﷲ އަމީންއާ މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަހުމަދު ހައިތަމް ކުރެއްވި ސުވާލަށް މިނިސްޓަރ އަމީން ޖަވާބް ދެއްވާފައި ނުވާކަން ހާމަކޮށް މަޖިލީޙުގެ އިދާރާއިން ބަޔާން ނެރުމުން މިނިސްޓަރ އަމީން ހައިތަމްގެ ސުވާލަށް ޖަވާބް ދެއްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުން ނެރު ބަޔާނެއްގައި ޤާނޫނު އަސާސީއާ ރައްޔިތުންގެ މަޖިލީހުގެ ޤަވައިދުގެ ދަށުން މިނިސްޓަރު އޮފް ހެލްތް އަބްދުﷲ އަމީން އަރިހުން ލިޔުމަކުން ޖަވާބު ހޯއްދެވުމަށް، މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަހުމަދު ހައިތަމް ދެންނެވި ސުވާލުގެ ނޯޓިސް ހަމަވިއިރުވެސް ޖަވާބު ދެއްވާ ނުވާ ކަމަށް ވަނީ ބުނެފައެވެ.
މިނިސްޓަރު އަމީން ޖަވާބު ދެއްވާފައި ނުވުމުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީއާއި ރައްޔިތުންގެ މަޖިލީހުގެ ގަވައިދާ މިނިސްޓަރ އަމީން ހިލާފުވެވަޑައިގެންފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ދެކެވަޑައިގަންނަވާ ކަމަށްވެސް ބަޔާނުގައިވެއެވެ.
މަޖިލީޙުން ނެރުނު ބަޔާނާ ހަވާލީދީ މީޑިއާތަކުން އެ ވާހަތައް ރިޕޯޓްކުރިތާ މާގިނައިރެއް ނުވެ މަޖިލީހުގެ މީޑިއާ ޑިރެކްޓަރ ހަސަން ޒިޔާއު މީޑިއާތަކަސް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު ޢަހްމަދު ޚައިތަމް މިނިސްޓަރ އޮފް ހެލްތް ޢަބްދުالله އަމީންގެ އަރިހުން ލިޔުމުން ޖަވާބު ހޯއްދެވުމަށް ފޮުނުއްވި ސުވާލުގެ ޖަވާބު މިއަދުގެ އިރުއޮއްސި 6:31 ގައި މަޖިލީހުގެ އިދާރާއަށް އީމެއިލް މެދުވެރިކޮށް ލިބިފައިވާ ކަމަށެވެ. މިނިސްޓަރ އަމީން މެމްބަރު ހައިތަމްގެ ސުވާލަށް ޖަވާބް ދެއްވާފައިވާއިރު މަޖިލީހުން ބަޔާން ނެރުނީ 6:12 ގައި ކަންވެސް ފާހަގަކުރަމެވެ.
މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަހުމަދު ހައިތަމް ހުށަހަޅުއްވާފައި ވަނީ ވެންޓިލޭޓަރު ހޯދުމުގެ މަސައްކަތް ކުރިއަށް ދޭތޯ އާއި އެކަން ކުރިއަށް ގެންދާ ގޮތަކީ ކޮބައިތޯ ބެލުމަށާއި އެކަން ކުރިއަށް ގެންދަނީ ބިޑް ކޮށްގެންތޯ އާއި އަދި ބިޑަށް ކުރިމަތިލީ ކިތައް ފަރާތުން ތޯ ވެސް ސާފުކުރުމަށެވެ.
ކޮވިޑް-19 އާ ގުޅިގެން ރާއްޖެ އަށް 70 ވެންޓިލޭޓަރު ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ސަރުކާރުން ކުރިން ވަނީ ބުނެފަ އެވެ. އަދި އަމާޒަކީ 200 ވެންޓިލޭޓަރުގެ ސެޓަޕެއް ގާއިމް ކުރުން ކަމަށާއި ވެންޓިލޭޓަރު ލިބުން ލަސްވަނީ މިހާރު މުޅި ދުނިޔޭގައި ދަތުރުފަތުރު ކުރުމުގައި ހުރި ދަތިތަކެއްގެ ސަބަބުން ކަމަށް ވެސް ސަރުކާރުން އޭރު ބުނެފައިވެ އެވެ.

