ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖަކީ ތަރައްގީއާއި އިތުބާރުގެ ވަރުގަދަ މިސާލެއް: ޗައިނާ ސަފީރު:

ރައީސުލްޖުމްހޫރިއްޔާ ސިނަމާލެ ބްރިޖު ސަރަހައްދަށް ވަޑައިގަތުން/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

މާލެއާއި ހުޅުލެ ގުޅުވައިދޭ ”ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް“ ބްރިޖަކީ ދެ ގައުމުގެ ދެމެދުގައި އޮތް އިތުބާރާއި، އެކުވެރިކަމާއި، އެއް އަމާޒަކަށް ކުރާ މަސައްކަތުގެ ދާއިމީ ރަމްޒެއްކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޝިންހުއާ ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ އުމްރާނީ ތަރައްޤީގެ އެންމެ ބޮޑު އެއް ބިނާ ކަމަށްވާ ސިނަމާލެ ބުރިޖު ރަސްމީކޮށް ހުޅުވިތާ 8 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު އެ ސަރަޙައްދަށް ޒިޔާރަތްކުރައްވާފައި ވެއެވެ. ބްރިޖު ސަރަހައްދަށް ރައީސް ވަޑައިގަތުމުން މަރުހަބާ ވިދާޅުވީ ކޮންސްޓްރަކްޝަން މިނިސްޓަރ އަބްދުﷲ މުއްތަލިބާއި، ފޮރިން މިނިސްޓަރ އިރުތިޝާމް އާދަމްގެ އިތުރުން ސަފީރު ޝިންހުއާ އެވެ.

ރައީސް ވަނީ ބުރިޖު ސަރަޙައްދު ބައްލަވާލެއްވުމުގެ އިތުރުން، އެ ސަރަޙައްދުގެ ޕާކުގައި ބަހައްޓާފައިވާ ބުރިޖު ހެދުމުގެ މަސައްކަތް ކުރިއަށްދިޔަ ގޮތާއި ހުޅުވި ދުވަހުގެ ހަނދާނީ ފޮޓޯ މައުރަޒު ވެސް ބައްލަވާލައްވާފައެވެ.

ބްރިޖުގެ އަހަރީ ދުވަހުގެ މަރުހަބާ ދަންނަވައި ޝިންހުއާ ކުރެއްވި ޕޯސްޓުގައި ފާހަގަކުރެއްވީ، މިއީ ހަމައެކަނި އުމްރާނީ ބިނާއެއް ނޫންކަމަށާއި، މިއީ ޗައިނާގެ ”ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވް“ ގެ ދަށުން ކުރިއަށް ގެންދިޔަ މުހިންމު މަޝްރޫއެއްގެ ގޮތުގައި، ދެ ގައުމުގެ ދެމެދުގައި އޮތް ބަދަހި ރަހުމަތްތެރިކަމާއި ތަރައްގީއަށް އޮތް އެއްބާރުލުން ދައްކުވައިދޭ ހެއްކެއް ކަމަށެވެ.

ވޭތުވެދިޔަ އަހަރުތަކުގައި ރާއްޖެއާއި ޗައިނާއިން އަބަދުވެސް އެއް ގައުމު އަނެއް ގައުމަށް އިހުތިރާމްކޮށް، ދަތި އުނދަގޫ ދަނޑިވަޅުތަކުގައި ވެސް އެކުގައި އެއްބާރުލުން ދީފައިވާކަން ސަފީރު ފާހަގަކުރެއްވިއެވެ. އަދި ގައުމެއްގެ ކުޑަބޮޑުމިނަށް ބެލުމެއްނެތި، ހަމަހަމަކަމާއި ދެފަރާތަށް ފައިދާވާ ގޮތަށް ގުޅުން ބަދަހިކުރުމުގައި ދެ ގައުމުން ވަނީ ނަމޫނާ ދައްކާފައިވާކަމަށް ސަފީރު ވިދާޅުވި އެވެ.

މީގެއިތުރުން، ސަފީރު ވިދާޅުވީ ދެ ގައުމުގެ ވެރިންގެ ހަރުދަނާ އިރުޝާދުގެ ދަށުން، ދުނިޔެއަށް އަންނަ ބަދަލުތަކާއި އެކި ގޮންޖެހުންތަކާ އެކުވެސް، ރާއްޖެ-ޗައިނާގެ ގުޅުން ވަރުގަދަކަމާއެކު ދެމިއޮތް ކަމަށާއި، މި ގުޅުން އިތުރަށް ހަރުދަނާވަމުން އަންނަކަމަށެވެ.

ސަފީރު ޝިންހުއާ ވިދާޅުވީ، ވޭތުވެދިޔަ 8 އަހަރު ފަދައިން ކުރިމަގުގައި ވެސް މި ބްރިޖަކީ ހަމައެކަނި ރަށްތައް ގުޅުވައިދޭ ބްރިޖެއްގެ އިތުރުން، ދެ ގައުމުގެ ރައްޔިތުންގެ ހިތްތަކާއި، ފުރުސަތުތަކާއި، ކުރިމަގު ގުޅުވައިދޭނެ ވަސީލަތެއް ކަމަށެވެ. އަދި އެކުގައި މަސައްކަތްކޮށްގެން ދެ ގައުމުގެ މުސްތަގުބަލު އިތުރަށް އުޖާލާކުރުމަށް އެދޭކަމަށް ވަނީ ވިދާޅުވެފަ އެވެ.

މި މުނާސަބަތާ ގުޅިގެން ރައީސް މުޢިއްޒު ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައި ވިދާޅުވީ، ސިނަމާލެ ބުރިޖަކީ ހަމައެކަނި އުމްރާނީ ބިނާއެއް ނޫން ކަމަށާއި، އެއީ ރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ބަދަހި ރަޙުމަތްތެރިކަމާއި، ދެ ގައުމުގެ ދެމެދުގައިވާ އިތުބާރާއި އުއްމީދީ ތަސައްވުރުގެ ވަރުގަދަ ރަމްޒެއް ކަމަށެވެ. އަދި ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ޒައާމަތުގައި ދެޤައުމުގެ ގުޅުން އިތުރަށް ހަރުދަނާވެ، ކުރިމަގުގައި ދެ ގައުމުގެ ރައްޔިތުންނަށް އޭގެ ފައިދާ އިތުރަށް ލިބިގެންދާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

2018 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 30 ވަނަ ދުވަހު ހުޅުވި ސިނަމާލެ ބްރިޖަކީ، ރައީސް މުއިއްޒު ހައުސިން މިނިސްޓަރުގެ މަގާމުގައި ކުރިއަށްގެންދިޔަ ތާރީހީ މަޝްރޫއެކެވެ.

މާލެއާއި ހުޅުލެ ގުޅުވައިދޭ 1.38 ކިލޯމީޓަރުގެ މި ބުރިޖަކީ ޖުމްލަ 300 މިލިއަން އެމެރިކާ ޑޮލަރުގެ މަޝްރޫއެކެވެ.

މީގެ ތެރޭގައި ހިމެނެނީ ޗައިނާ ސަރުކާރުގެ 100 މިލިއަން ޑޮލަރުގެ ހިލޭ އެހީއާއި، 170 މިލިއަން ޑޮލަރުގެ ލޯނު އެހީގެ އިތުރުން ދިވެހި ދައުލަތުގެ ބަޖެޓުން ހަރަދުކުރި 30 މިލިއަން ޑޮލަރެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: