ރާއްޖޭގައި އިންޖިނިއަރިން ދާއިރާގެ އެކި ގޮފިތަކުން ފުޅާ ދާއިރާއެއްގައި ދިރާސާތަކާއި ސައިންޓިފިކް ތަހުލީލުތައް ކުރެވޭނެ އެންމެ ޒަމާނީ ފެންވަރުގެ ލެބޯޓަރީއެއް ގާއިމުކުރުމަށް ނިންމާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ އިންޖިނޭރުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް އޮގަސްޓް މަހުގެ 30 ވަނަ ދުވަހެވެ. ސިނަމާލެ ބުރިޖު ރަސްމީކޮށް ހުޅުވި ދުވަހާ ގުޅުވައިގެން މި ސަރުކާރުން ކަނޑައަޅުއްވާފައިވާ ދުވަހެކެވެ.
އިންޖިނޭރުންގެ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާގައި އާންމު ކުރެއްވި ވީޑިއޯ މެސެޖެއްގައި ރައީސް މުއިއްޒު ވިދާޅުވީ އަލަށް ގާއިމުކުރެވޭ މި ލެބޯޓަރީ ވެގެންދާނީ ސިވިލް، މެކޭނިކަލް، އިލެކްޓްރިކަލް، ސޮފްޓްވެއާ އަދި އެއިރޮނޮޓިކަލް އިންޖިނިއަރިން ފަދަ ދާއިރާތަކުގެ އިތުރުން ރޮބޮޓިކްސް އަދި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ފަދަ ޒަމާނީ ޓެކްނޮލޮޖީތަކުގެ ދިރާސާތައްވެސް ކުރިއަށް ގެންދެވޭނެ މަރުކަޒަކަށް ކަމަށެވެ.
މީގެއިތުރުން، މި ތަނަކީ ރާއްޖޭގެ ދަރިވަރުންނަށާއި ބައިނަލްއަގުވާމީ ފަރާތްތަކަށްވެސް ފުރުސަތު އޮންނާނެ ވަސީލަތެއްގެ ގޮތުގައި ތަރައްގީ ކުރެވިގެންދާނެކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި، ދައުލަތުގެ ބަޖެޓަށް ބުރަނުވާނެ ފަދަ ދެމެހެއްޓެނިވި އުސޫލަކުން މި ޕްރޮޖެކްޓަށް ބޭނުންވާ ފައިސާއާއި ފަންނީ ކަންކަން ހަމަޖައްސާނީ ސަރުކާރުންނެވެ. އަދި އިންޖިނިއަރިންގެ ދާއިރާއިން މަތީ ތައުލީމު ހާސިލުކުރާ ދިވެހިންގެ އަދަދު އިތުރުކުރުމަކީ ގައުމީ ތަރައްގީއަށް ނުހަނު މުހިންމު ކަމެއްކަމަށްވާތީ، އެ ދާއިރާއިން ކުރިޔަށް ދިއުމަށް ބޭނުންވާ ފަރާތްތަކަށް ސަރުކާރުން ފުރިހަމަ އެއްބާރުލުންދޭނެކަމަށް ރައީސް ވިދާޅުވި އެވެ.

