އެސްއެމްއީ ޑިޖިޓަލްގެ ޑިޖިޓަލް ޓްރާންސްފޯމޭޝަން ދަތުރުގައި އިތުރު މުހިންމު ކުރިއެރުމެއް ހޯދައި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް މާލީ އެހީތެރިކަމާއި ވިޔަފާރި ކުރިއެރުވުމަށް ބޭނުންވާ ހިދުމަތްތައް ފަސޭހަކަމާއެކު ފޯރުކޮށްދިނުމަށް ކުރާ މަސައްކަތުގެ ދަށުން، އެސްއެމްއީ ޑިޖިޓަލް މޮބައިލް އެޕް މިއަދު އިފްތިތާހުކޮށްފިއެވެ.
މިއަދު ތައާރަފްކުރި މޮބައިލް އެޕް މެދުވެރިކޮށް، ކަސްޓަމަރުންނަށް ރައްކާތެރި އަދި ފަސޭހަ ޕްލެޓްފޯމެއްގެ ތެރެއިން ކޮންމެ ވަގުތަކުވެސް އަދި ކޮންމެ ތަނެއްގައި ހުރެގެންވެސް އެސްއެމްއީ ޑިޖިޓަލްގެ ހިދުމަތްތައް ހޯދޭނެއެވެ.
މި އެޕްލިކޭޝަން ފަރުމާކޮށްފައިވަނީ ކަސްޓަމަރުންނަށް ފަސޭހަ ޑިޖިޓަލް ތަޖުރިބާއެއް ފޯރުކޮށްދިނުމަށެވެ.
އެގޮތުން މި އެޕްލިކޭޝަން މެދުވެރިކޮށް:
- އެސްއެމްއީ ޑިޖިޓަލްގެ ހިދުމަތްތަކަށް އެދެވޭނެ
- ހުށަހަޅާފައިވާ އެޕްލިކޭޝަންތަކުގެ އެންމެ ފަހުގެ އަޕްޑޭޓް ވަގުތުން ބަލާލެވޭނެ
- ނަގާފައިވާ ފައިނޭންސިންގ ފެސިލިޓީތައް ބަލައި މެނޭޖްކުރެވޭނެ
- ފަސޭހަކަމާއެކު ފެސިލިޓީތަކަށް ފައިސާ ދެއްކޭނެ
- ވަގުތުން ނޮޓިފިކޭޝަންތަކާއި މުހިންމު އަޕްޑޭޓްތައް ލިބޭނެ
- އެސްއެމްއީ ޑިޖިޓަލްއާ މުއާމަލާތްކުރެވޭނެ
އެސްއެމްއީ ޑިޖިޓަލް މޮބައިލް އެޕް އިފްތިތާހު ކުރުމާއި ގުޅޭގޮތުން އެސްއެމްއީ ޑިޖިޓަލްގެ ސީއީއޯ ބަދުރުއްދީން ހަސަން ވިދާޅުވީ، ”އެސްއެމްއީ ޑިޖިޓަލްއިން އަބަދުވެސް މަސައްކަތް ކުރަނީ ވިޔަފާރިވެރިންނަށް ހިދުމަތްތައް ހޯދުމާއި މެނޭޖްކުރުން ފަސޭހަކޮށްދޭނެ ޑިޖިޓަލް ހައްލުތައް ހޯދައިދިނުމަށް. އަޅުގަނޑުމެންގެ މޮބައިލް އެޕް ތައާރަފުކުރުމުން ރަމްޒުކޮށްދެނީ، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ ބަދަލުވަމުންދާ ބޭނުންތަކާ އެއްގޮތަށް، އަވަސް އަދި ފަސޭހަ މާލީ ހިދުމަތްތަކެއް ފޯރުކޮށްދިނުމަށް އަޅުގަނޑުމެން ކުރާ މަސައްކަތް. މިއީ ފުރިހަމަ ޑިޖިޓަލް މާލީ އިދާރާއަކަށް ވުމަށް އަޅުގަނޑުމެން ކުރާ ދަތުރުގައި ލިބުނު އިތުރު މުހިންމު ކުރިއެރުމެއް. ކުރިއަށް އޮތްތަނުގައި އާފީޗާތައް މޯބައިލް އެޕަށް އިތުރު ކުރެވޭނެ.“އެވެ.
މުސްތަގުބަލުގައި މޮބައިލް އެޕް މެދުވެރިކޮށް އިތުރު އާ ހިދުމަތްތަކެއް ތައާރަފުކުރުމަށް ވަނީ ނިންމާފައިއެވެ. މީގެ ތެރޭގައި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ އުފެއްދުންތަކާއި ހިދުމަތްތައް ވިއްކޭނެ ފަދަ މާކެޓް ޕްލޭސެއް ހިމެނެއެވެ.
އެސްއެމްއީ ޑިޖިޓަލް މޮބައިލް އެޕް ދާދި އަވަހަށް އެޕް ސްޓޯރ އަދި ގޫގުލް ޕްލޭ އިން ޑައުންލޯޑް ކުރެވޭނެއެވެ. އެޕް ބޭނުންކުރުމުގެ ފުރުސަތު ހުޅުވާލެވޭނީ އެކި މަރުހަލާތަކަށް ބަހާލައިގެންނެވެ. އަދި ކަސްޓަމަރުންގެ އެކައުންޓަށް މި ހިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެހުމުން އެކަން އަންގާނެއެވެ.
މި އެޕްލިކޭޝަނަކީ ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ތިބި ވިޔަފާރިތަކަށް ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ހިދުމަތްތައް ފޯރުކޮށްދީ، މާލީ ދާއިރާގައި އެންމެންގެ ބައިވެރިވުން އިތުރުކުރުމަށް އެސްއެމްއީ ޑިޖިޓަލްއިން ގެންގުޅޭ ފުޅާ ތަސައްވަރުގެ ބައެކެވެ.

