ރިސޯޓުތަކުން ބޭރު ފައިސާ މާރުކުރަން މަޖުބޫރުވާ ގޮތަށް ސަރުކާރުން އެކުލަވާލި ގަވާއިދަކީ އެއްވެސް ދިރާސާއެއް ކުރުމެއް ނެތި، ދެކޮޅު ނުޖެހޭ ގޮތަށް ނިންމާފައިވާ ނިންމުމެއްކަމަށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި ހިންގާ ރިސޯޓުތަކާއި ގެސްޓްހައުސްތައް ފަދަ ބޭރު ފައިސާއިން އާމްދަނީ ލިބޭ ވިޔަފާރިތަކުން ކޮންމެ މަހަކު ލިބޭ ޖުމްލަ ޑޮލަރު އާމްދަނީގެ 40 ޕަސެންޓް ރާއްޖޭގެ ބޭންކުތަކަށް މާރުކުރުން ލާޒިމުވާ ގޮތަށް، ބޭރު ފައިސާއާ ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހު މަޖިލީހުން ފާސްކޮށްފައި ވަނީ އެފަދަ ބަދަލަކަށް ގިނަ ބަޔަކު ދެކޮޅު ހަދަމުން ދަނިކޮށެވެ. މި އިސްލާހާއި އެކު، އޭ ކެޓަގަރީގެ ވިޔަފާރިތަކުން މަހަކު ލިބޭ ބޭރު ފައިސާގެ 40 ޕަސެންޓް ބޭންކުތަކަށް މާރުކުރަން ލާޒިމްވާނެ އެވެ.
ޕީއެންއެފް އޮފީހުގައި ރޭ ކުރިޔަށް ގެންދިޔަ ޓައުންހޯލް ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ، އިގްތިސާދީ ގޮތުން ފިޔަވަޅުތައް އަޅަންވާނީ ފަންނީ ގޮތުން ރަނގަޅު ދިރާސާތަކެއް ކޮށްގެން ކަމަށެވެ. މަރުކަޒީ ބޭންކުގެ ގަވަނަރު ޑރ. މުހައްމަދު މުނައްވަރު ފަދަ ފަންނީ ބޭފުޅުންނަށް މިފަދަ ކަންކަން އެނގިވަޑައިގަންނަވާނެކަމަށާއި، މިހާރު ފެންނަނީ އެއްވެސް ދިރާސާއެއް ނެތި ރައްޔިތުންނަށް އޮޅުވާލައިގެން ކަންކަން ކުރަމުންދާ މަންޒަރުކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.
ރައީސް ޔާމީން ވިދާޅުވީ، ދައުރުވާ ދިވެހި ރުފިޔާގެ ނިސްބަތް ގިނަވުމުގެ ސަބަބުން 300 މިލިއަން ރުފިޔާ ސާކިއުލޭޝަނުން މަދުކުރަން ނުވަތަ ބޭންކުތަކުގެ ރިޒާވް އިތުރުކުރަން ސަރުކާރުން މަސައްކަތް ކުރި ނަމަވެސް، އެކަމުން ހަގީގީ އެއްވެސް ހައްލެއް ނުލިބޭނެ ކަމަށެވެ. އަދި މިހާރުގެ ހާލަތަކީ ަމައްސަލައިގެ އަސްލު ބަލައި އެކަމަށް ފަރުވާ ދިނުމުގެ ބަދަލުގައި ”ތަދުވާ ތަނުގައި ބެންޑޭޖު“ އެޅުންފަދަ ވަގުތީ ބޭކާރުކަމެއްގެ ގޮތުގައި ރައީސް ޔާމީން ވިދާޅުވި އެވެ.
ރިސޯޓުތަކަށް މި ތަކުލީފު ބޮޑުވެއްޖެކަމަށް ވަންޏާ.. ގާތްގަނޑަކަށް ދިހަ ވަރަކަށް، ފަނަރަ ވަރަކަށް ރިސޯޓު ވަގުތީ ގޮތުން ތިން މަސްދުވަހަށް ބަންދުކުރީ. ވަގުތީ ގޮތުން ތިން މަސްދުވަހަށް ނަމަވެސް ފަނަރަ ވަރަކަށް ރިސޯޓު، ވިއްސަކަށް ރިސޯޓު ބަންދުކުރީ. ދެން އެ ލާރި އެ މީހުން އަތުން ލިބޭނެތޯ.. އެހެންވީމާ ރަންބިސް އަޅާ ކުކުޅަ ކިހިނެއްތޯ މި ހެދީ؟ އެހެންވީމާ ވިދާޅުނުވޭ މިއީ ދިރާސާކޮށްފައި ހުރި ކަމެކޭ. މިއީ އެއްވެސް ދިރާސާއެއް ކޮށްފައި ހުރި ކަމެއް ނޫން.
ރައީސް ޔާމީން ވިދާޅުވީ ރިސޯޓުތަކަށް ލިބޭ އާމްދަނީއަކީ އެ ފަރާތްތަކުގެ އަމިއްލަ މަސައްކަތުން ހޯދާ ފައިސާކަމަށާއި، އެއީ ސަރުކާރުގެ ފައިސާއެއް ނޫންކަމަށެވެ. އަދި ރިސޯޓުތަކުން ބޭރު ފައިސާއިން ދައްކަން ޖެހޭ އެތައް ލޯނުތަކާއި ބޮޑެތި މާލީ އިލްތިޒާމުތައް ހުރިކަން ސަރުކާރުން ބަލައިގެންފައިިނުވާކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.
މީގެއިތުރުން، މި މައްސަލައިގައި ރިސޯޓު ވިޔަފާރިވެރިން ގުޅިގެން ކޯޓަށް ގޮސްފިނަމަ އެ ބޭފުޅުން މައްސަލަ ކާމިޔާބު ކުރާނެކަމަށާއި، މި ގަވާއިދަކީ ގާނޫނީ ގޮތުން ދެމެހެއްޓޭނެ އެއްޗެއް ނޫންމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ. އަދި މިފަދަ ބުރަ ތަކުލީފުތަކުގެ ސަބަބުން 15 ނުވަތަ 20 ރިސޯޓު ތިން މަސް ދުވަހަށް ވަގުތީ ގޮތުން ބަންދުކޮށްފިނަމަ، ދައުލަތަށް ލިބޭ ގެއްލުން މާ ބޮޑުވާނެކަމަށާއި، ސަރުކާރުން މިހާރު މި އަމަލުކުރަނީ ”ރަންބިސް އަޅާ ކުކުޅު ކަތިލުމުގެ“ އުސޫލުންކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

