ކައުންސިލުތަކުގެ ބިންތައް އަތުލުމުގެ ބާރު ވަޒީރުންގެ މަޖިލީހަށް ލިބޭ ގޮތަށް ލާމަރުކަޒީ ގާނުނަށް ހުށަހެޅި އިސްލާހު ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގުކުރައްވައިފިއެވެ.
ތުޅާދޫ ދާއިރާގެ މެމްބަރު އަބްދުލްހައްނާން އަބޫބަކުރު ހުށަހެޅުއްވި އެ ބިލު މަޖިލީހުން ފާސްކޮށްފައިވަނީ، 2026 އޮގަސްޓު 26 ވީ ބުދަ ދުވަހު ބޭއްވެވި، 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 2026 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 28 ވަނަ ޖަލްސާއިންނެވެ. އެ ބިލު ރައީސް ތަސްދީގުކުރެއްވީ މިއަދުއެވެ.
އެ އިސްލާހުގެ މަގުސަދަކީ، ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތައް ހަލުވި ދުވެއްޔެއްގައި ކުރިއަށް ގެންދިއުމަށް، ގާނޫނީ އޮނިގަނޑެއްގެ ތެރެއިން ކައުންސިލްތަކުގެ ފުރިހަމަ އެއްބާރުލުން ކަށަވަރުކުރުމާއި، ދައުލަތުގެ މަޝްރޫއުތަކަށް ބޭނުންވާ ބިންތަކާ ގުޅޭ އިޖުރާތުތައް ހަރުދަނާކުރުމަށް، ގާނޫނަށް ގެންނަންޖެހޭ އިސްލާޙުތައް ގެނައުން ކަމަށް ރައީސް އޮފީހުން ބުނެއެވެ.
އެގޮތުން، ކައުންސިލްތަކުގެގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ތަންތަން ކައުންސިލްގެ އިހްތިސާސްގެ ތެރެއިން ވަކިކުރުމުގެ ކުރިން، ގައުމީ އިދާރާއިން ފުރިހަމަކުރަންޖެހޭ އިޖުރާތުތައް ވަނީ އެ ބިލުގައި ބަޔާންކޮށްފެއެވެ. ގައުމީ އިދާރާތަކުން ކައުންސިލްތައް މެދުވެރިކޮށް ޚިދުމަތްދިނުމަށް ސަރުކާރުގެ ފަރާތުން އިދާރީ ދާއިރާތަކުގައި އިންޓަގްރޭޓަޑް ސަރވިސް ސެންޓަރުތަކެއް ގާއިމުކޮށް އެ ސެންޓަރުތަކުން ހިދުމަތް ދެވޭނެކަމަށް ވެސް ބިލުގައި ހިމަނާފައިވެއެވެ.
ލާމަރުކަޒީ ގާނޫނަށް ގެނެސްފައިވާ މައިގަނޑު ބަދަލަކީ ކައުންސިލްތަކުގެ އިހްތިސާސް ހިނގާ ސަރަހައްދުގެ މިލްކުވެރިކަމާ ގުޅޭ މާއްދާގެ ފަހަތަށް އަކުރެއް އިތުރުކުރުމެވެ. އިތުރުކޮށްފައިވާ އަކުރުގައި ވަނީ އެ ގާނޫނުގައި ނުވަތަ އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިވީނަމަވެސް، ކައުންސިލްގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ބިމާއި ތަންތަނުގައި، ސަރުކާރުން ބޭނުންވާ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އެތަންތަން ކައުންސިލުގެ އިހްތިސާސުން ވަކިކުރުމަށް ވަޒީރުންގެ މަޖިލީހަށް ނިންމިދާނެ ކަމަށެވެ. އަދި، އެފަދައިން މަޝްރޫއެއް ހިންގުމަށް ޓަކައި ކައުންސިލުގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ބިމެއް ނުވަތަ ތަނެއް ވަކިކުރުމަށް ވަޒީރުންގެ މަޖިލީހުން ނިންމުމަށްފަހު އެކަން ކަމާ ބެހޭ ގައުމީ އިދާރާއިން ކައުންސިލަށް އެންގުމުން އެ ބިމެއް ނުވަތަ ތަނެއް ކައުންސިލުގެ މިލްކިއްޔާތުން ވަކިވެ، ދައުލަތުގެ ފުރިހަމަ ބާރު ހިނގާ ބިމާއި ތަންތަން ކަމުގައި ވެގެންދާނެ ކަމަށެވެ.
އެ ގާނޫނުގައި ނުވަތަ އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިވީނަމަވެސް، ރަށެއް ނުވަތަ ސިޓީއެއްގެ ފިޒިކަލް ޑިވޮލޮޕްމެންޓް ޕްލޭން ފާސްކޮށް އަމަލުކުރަން ފެށުމުގެ ކުރިން ވެސް، ސަރުކާރުގެ ފަރާތުން ތަރައްގީގެ މަޝްރޫއެއް ފެށުމަށް ބިމެއް ހޯދުމަށް އެދޭ ހާލަތްތަކުގައި މަޝްރޫއުތަކަށް ބޭނުންވާ ބިން ކައުންސިލުން ގައުމީ އިދާރާއާ ހަވާލުކުރަންވާނެ ކަމަށް ބަޔާންކޮށް، ލާމަރުކަޒީ ގާނޫނުގައި ރަށްތަކާއި ސިޓީތަކުގެ ތަރައްޤީގެ ޕްލޭނާއި ފިޒިކަލް ޑިވެލޮޕްމަންޓް ޕްލޭން އެކުލަވާލުމާ ގުޅޭ ވަނަ މާއްދާއަށް ވެސް ބަދަލު ގެނެސްފައިވެއެވެ.
އޭގެ އިތުރުން، ސަރުކާރުން ބޭނުންވާ މަޝްރޫއުތަކާ ކައުންސިލުން ދެކޮޅު ހެދުމަކީ ކައުންސިލަރުންގެ ސުލޫކީ މިންގަނޑާ ހިލާފު ކަމަކަށް ހެދުމަށް ވެސް އިސްލާހު ގެނެސްފައިވެއެވެ. އެގޮތުން ކައުންސިލްގެ މެމްބަރުންގެ މަސައްކަތުގައި ގެންގުޅެންޖެހޭ ސުލޫކާ ބެހޭ މާއްދާއަށް އަކުރެއް އިތުރުކޮށް، ސިޓީ ނުވަތަ ރަށުގެ ޖަމާއީ މަންފާއަށް ޓަކައި ސަރުކާރުން ކުރިއަށް ގެންދަން ނިންމާ މަޝްރޫއުތަކަށް ފުރިހަމަ އެއްބާރުލުން ދިނުމަކީ ކައުންސިލަރުންގެ މަސައްކަތުގެ ސުލޫކުގެ ތެރޭގައި ހިމެނޭ ކަމަކަށް ވަނީ ހަދައިފައެވެ.
ކައުންސިލުގެ މެމްބަރުން ކޮށްގެން ނުވާނެ ކަންކަން ބަޔާންކުރާ މާއްދާއަށް ވެސް އިސްލާހު ގެނެސްފައިވެއެވެ. އެގޮތުން ސިޓީ ނުވަތަ ރަށުގެ ޖަމާއީ މަންފާއަށް ޓަކައި ސަރުކާރުން ކުރިއަށް ގެންދަން ބޭނުންވާ މަޝްރޫއުތަކަށް މަގުބޫލު ސަބަބެއް ނެތި ހުރަސްއެޅޭ ފަދަ ގޮތަކަށް އަމަލުކުރުން ނުވަތަ އެފަދަ މަޝްރޫއުތައް ހުއްޓުވުމަށް މެދުވެރިވާ ފަދަ ނިންމުންތައް ނިންމުމަކީ ކައުންސިލަރުން ކޮށްގެން ނުވާނެ ކަމެއް ކަމަށް ވެސް ވަނީ ކަނޑައަޅައިފައެވެ.
ލާމަރުކަޒީ ގާނޫނަށް ގެނެސްފައިވާ 17 ވަނަ އިސްލާހާއެކު ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް ބަދަލުކުރެވުނު، ކުރިން އަތޮޅު ކައުންސިލްތަކުގެ މިލްކުވެރިކަމުގެ ދަށުގައި ނުވަތަ ބެލެހެއްޓުމުގެ ދަށުގައި ހުރި އެންމެހައި މުދަލާއި ވަސީލަތްތައް، 19 ވަނަ އިސްލާހަށް އަމަލުކުރަން ފެށުމާއެކު، މާލީ ކަންކަން ހިންގުމާބެހޭ ވުޒާރާއަށް ބަދަލުވެގެންދާނެއެވެ.

