މި މަހުގެ ތިން ވަނަ ދުވަހުން ފެށިގެން ފަރުވާދެވޭނީ ހަމައެކަނި އައިޖީއެމްއެޗްއިން ކޮވިޑް19އަށް ފަރުވާދިނުމަށްޓަކައި ބަދަލުކުރެވޭ ބަލިމީހުންނަށް އެކަނި ކަމަށް ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނެފިއެވެ.
ހުކުރު ދުވަހުގެ ރޭ ޓްރީ ޓޮޕް ހޮސްޕިޓަލުން ނެރުނު ނޫސްބަޔާނުގައި ބުނެފައި ވަނީ ދިވެހި ސަރުކާރު އަދި ނެޝަނަލް އެމަރޖެންސީ އޮޕަރޭޝަންސް ސެންޓަރާއި (އެން.އީ.އޯ.ސީ) ގުޅިގެން ޤައުމީ ކޮވިޑް-19 ރެސްޕޮންސް މަސައްކަތުގައި އެ ހޮސްޕިޓަލުގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށެވެ. އެގޮތުން ޓްރީ ޓޮޕް ހޮސްޕިޓަލުގެ ޑިރެކްޓަރުން ނިންމަވާފައިވަނީ ސަރުކާރުން ބޭނުން ކުރުމަށް ޓްރީ ޓޮޕް ހޮސްޕިޓަލުގެ ހިދުމަތްތަކާއި ވަސީލަތްތައް ޙާއްސަކޮށް ކޮވިޑް-19 އަށް ފަރުވާދެވޭ ސެންޓަރެއްގެ ގޮތުގައި ހެދުމަށް ކަމަށެވެ.
ޓްރީ ޓޮޕްގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި 26އެޕްރީލް 2020 ގައި ޓްރީ ޓޮޕް ހޮސްޕިޓަލާއި، ދިވެހި ސަރުކާރުގެ ފަރާތުން ނޭޝަނަލް ޑިސާސްޓަރ މެނޭޖްމަންޓް އޮތޯރިޓީއާއި ދެމެދު އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައިވެއެވެ. އެގޮތުން 30 އެޕްރީލް 2020ވަނަ ދުވަހު، ނޭޝަނަލް ޑިސާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ އެންގުމުގެ މަތިން، 3 މެއި 2020 ވާ އާދީއްތަދުވަހުން ފެށިގެން، ޓްރީ ޓޮޕް ހޮސްޕިޓަލުން ފަރުވާދެވޭނީ ހަމައެކަނި އައިޖީއެމްއެޗްއިން ކޮވިޑް19އަށް ފަރުވާދިނުމަށްޓަކައި ޓްރީ ޓޮޕް ހޮސްޕިޓަލަށް ބަދަލުކުރެވޭ ބަލިމީހުންނަށް ކަމަށް އެ ހޮސްޕިޓަލުގެ ބަޔާނުގައި ވަނީ ބުނެފައެވެ. އަދި މިނިންމުމާއި ގުޅިގެން، ޓްރީ ޓޮޕް ހޮސްޕިޓަލުން ކުރިން ފަރުވާ ހޯއްދަވަމުން ގެންދެވި ފަރާތްތައް އައި.ޖީ.އެމް.އެޗްއަށް ބަދަލުކުރެވި ފަރުވާދިނިމުގެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށް ވެސް ޓްރީ ޓޮޕް ހޮސްޕިޓަލުން ނެރުނު ބަޔާނުގައި ވަނީ ބުނެފައެވެ.
މިކަމާގުޅިގެން، 2 މެއި 2020ވާ ހޮނިހިރު ދުވަހުގެ ރޭގަނޑު 2330އިން ފެށިގެން، ޓްރީ ޓޮޕް ހޮސްޕިޓަލުން މިހާރު ހިދުމަތްދެމުން ގެންދަވާ އެމަރޖެންސީ ރޫމް ”އީ.އާރް“ގެ ޙިދުމަތްތައް މެދުކަނޑާލެވޭނެއެވެ. އަދި، ސަރުކާރުންގެ އެހީތެރި ކަމާއިއެކު 3 މެއި 2020 ވާ އާދިއްތަ ދުވަހުން ފެށިގެން، ޓްރީ ޓޮޕް ހޮސްޕިޓަލުން މިހާރުވެސް ޙިދުމަތް ހޯދަމުން ގެންދަވާ އަދި ޙިދުމަތް ބޭނުންފުޅުވާ ބޭފުޅުންނަށް، ވަގުތީ އެމަރޖަންސީ ކްލިނިކްގެ ޙިދުމަތް ހުޅުމާލެ ހޮސްޕިޓަލުގެ އޮފްތަލްމޮލޮޖީ ސެންޓަރ އިމާރާތުން ޙިދުމަތް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ޓްރީ ޓޮޕްގެ ބަޔާނުގައި ވަނީ ބުނެފައެވެ.

