ކުޑަކުދީންނަށް އޯގާތެރިނުވާ މީހާއަކީ މުސްލިމުންގެ ތެރެއިންވާ މީހެއް ނޫން ކަމަށާއި ކުޑަކުދީންނަށް އިހުމާލުވެ އަނިޔާވެރިވާ އެފަދަ ފަރާތްތަކަށް އެންމެ ހަރުކަށި އަދަބު ދޭންޖެހޭ ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ގޮވާލައިފިއެވެ.
”ކުޑަކުދީންގެ ހައްގުތައް“ މި މައުޞޫގައި މިއަދުގެ ހުތުބާގައި ވަނީ އެކުދިންގެ ހައްގުތަކާއި އެކުދިންގެ ރައްކާތެރިކަމުގެ މައްޗަށް އަލިއަޅުވާލައި ނަސޭހަތްތެރިވެފައެވެ. އެގޮތުން، ކުޑަކުދީންނަކީ ލޮލުގެ ފިނިކަން ކަމަށާއި އެ ކުދީންގެ ހިނިތުންވުންތަކަކީ އިންސާނީ ހިތްތަކަށް އުފާވެރިކަން ގެނެސްދޭ އަދި މޫނުތަކަށް އުޖާލާކަން ގެނެސްދޭ ހިނިތުންވުންތަކެއްކަން ފާހަގަކޮށް، ކުޑަކުދީންނަކީ މާތްﷲ، އެ ކުދީންގެ މައިންބަފައިންނާ ޙަވާލުކުރައްވައިފައިވާ އަގުހުރި އަމާނާތެއް ކަމަށް ހުތުބާގައި ވަނީ ބުނެފައެވެ.
އެހެންކަމުން ހުރިހާ ހާލެއްގައި، އަދި ހުރިހާ ވަގުތެގައި އެ މަތިވެރި އަމާނާތަށް ރައްކާތެރިވުން މައިންބަފައިންނާއި މުޅި މުޖުތަމަޢުގެ މައްޗަށް ވާޖިބުވެގެންވާކަމަށް ހުތުބާގައި ފާހަގަކޮށްފައިވެއެވެ. އަދި މާތްﷲގެ ވަހީ ބަސްފުޅުން އުންމަތުގެ ކުޑަކުދީން، ރައްކާތެރި، އަމާން މާހައުލެއްގައި ހެދިބޮޑުވުމުގެ މަގު ތަނަވަސްކޮށްދިނުން ކޮންމެ މުސްލިމެއްގެ މައްޗަށް ލާޒިމުކުރާކަމަށް ވަނީ ބުނެފައެވެ.
ހުތުބާގައި ވަނީ ކުޑަކުދީންނަށް އިހުމާލުނުވުމަށް މާތް ﷲ އަމުރުކުރައްވައި ވަހީކުރައްވާފައިވާ ކަމަށާއި އެކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ މުއާހަދާތަކާއި ގާނޫނުތައް ވުޖޫދަށް އައުމުގެ މާކުރީން، މާތް ﷲ އެކަލާނގެ ޝަރީއަތުގައި ކުޑަކުދީންގެ ހައްގުތައް އެންމެ ފުރިހަމައަށް ރައްކާތެރިކޮށްދެއްވާފައިވާކަން ފާހަގަކޮށްފައެެވެ.
”މުސްލިމް އަޚުންނޭވެ! މާތް ﷲ ވަޙީކުރައްވި ބަސްފުޅެއްގެ މާނާގައިވެއެވެ. ”އަދި ފަޤީރުވެދާނެކަމަށް ބިރުން، ތިޔަބައިމީހުންގެ ދަރީން ނުމަރާށެވެ! އެ ކުދީންނަށާއި، އަދި ތިޔަބައިމީހުންނަށް ރިޒުގު ދެއްވަނީ، ތިމަންރަސްކަލާނގެއެވެ. ހަމަކަށަވަރުން، އެ ދަރީން މެރުން އެއީ ބޮޑުވެގެންވާ ފާފައެއްކަމުގައި ވިއެވެ.“
ކުޑަކުދީންނަށް ލިބިދޭންވާ ހިމާޔަތާއި ރައްކާތެރިކަން އެންމެ ފުރިހަމައަށް ލިބޭނީ ހަރުދަނާ އާއިލާއެއްގެ ތެރެއިން ކަމަށް ވާއިރު އާއިލާއެއް ބިނާކުރުމުގައި މާތް ނަބިއްޔާގެ އިރުޝާދުތަކަށް ބޯލެނބުމަށް ހުތުބާގައި ގޮވާލިއެވެ. އަދި އާއިލާއެއްގެ ތެރެއަށް ކުއްޖަކު އުފަންވުމުން، އެ ކުއްޖާއަށް ރިވެތި ނަމެއް ކިޔުމަކީ، ކުއްޖާގެ ހައްގުތަކުގެ ތެރޭގައިވާ ކަމެއް ކަމަށާއި މުސްލިމުންނަށް ކިޔައި އުޅޭ ހެއު ރަނގަޅު ނަމެއް ދަރީންނަށް ކިޔައި، އެ ކުދީންގެ އިސްލާމީ ޝަހުސިއްޔަތު ބިނާކުރުމަކީ އެ ކުދީންނަށް ލިބިދޭންޖެހޭ ހައްގުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް ހުތުބާގައި ވަނީ ބުނެފައެވެ.
މީގެ އިތުރުން، އެ ކުދީންނަށް ލިބިދޭންޖެހޭ ހައްގުތަކުގެ ތެރޭގައި އަނިޔާވެރިކަމާއި، ތަފާތުކުރުންތަކާއި، ގަނާކުރުން ފަދަ ކަންކަމުން އެ ކުދީން ރައްކާތެރިކުރުމަށް ހުތުބާގައި ވަނީ ގޮވާލާފައެވެ. އަދި އެކުދިން ތަރުބިއްޔަތުކުރުމުގައި އިލްމާއި އަހުލާގު މުހިންމުވާ ފަދައިން ރޫހާނިއްޔަތުގެ ބޭނުންވެސް ނުހަނު ބޮޑުކަން ފާހަގަކުރިއެވެ.
”މުސްލިމް އަޚުންނޭވެ! ތަރުބިއްޔަތުކުރުމުގައި އެ ގުޅުން ވަރުގަދަކުރުމަށް ބާރުއަޅުއްވަމުން މާތް ނަބިއްޔާ ހަދީޘް ކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ. ”ތިޔަބައިމީހުންގެ ދަރީންނަށް ހަތް އަހަރުވުމުން، ނަމާދުކުރުމަށް އެ ކުދީންނަށް އަމުރުކުރާށެވެ! އަދި ދިހަ އަހަރުވުމުން އެ ކުދީން ނަމާދުނުކުރާ ނަމަ، އަނިޔާނުވާ ގޮތަށް އެ ކުދީންގެ ގައިގައި ޖަހައި އަދަބުދޭށެވެ!“
އޭގެ އިތުރުންމ ފަރުޟު ފަސް ނަމާދު ފަދަ ދީނީ ޝިއާރުތަކަށް ދަރީން އަހުލުވެރިކޮށް، އެ ކަންކަމަށް ރައްކާތެރިވުމަށް ހޭނުވުމަކީ މައިންބަފައިންގެ ވާޖިބެއްކަމަށާއި ދަރީންނަށް ހަތް އަހަރުވުމުން، ނަމާދުކުރުމަށް އެ ކުދީންނަށް އަމުރުކުރުމަށާއި އަދި ދިހަ އަހަރުވުމުން އެ ކުދީން ނަމާދުނުކުރާ ނަމަ، އަނިޔާނުވާ ގޮތަށް އެ ކުދީންގެ ގައިގައި ޖަހައި އަދަބު ދިނުމަށް ހުތުބާގައި ވަނީ ބުނެފައެވެ.
ކުޑަކުދީންނަކީ މާތް ރަސްކަލާނގެ ދެއްވި އަގުހުރި ހަދިޔާއެއް ކަމަށް ވީހިނދު އަހަރެމެންގެ ތެރެއިން ކުޑަކުދީންނަށް އޯގާތެރިނުވާ މީހާއީ، މުސްލިމުންގެ ތެރެއިންވާ މީހެއް ނޫންކަމަށް ހުތުބާގައި ވަނީ ބުނެފައެވެ. ނަމަވެސް ކުޑަކުދީންނަށް އިހުމާލުވެ، އެއްވެސް ރަޙުމެއް ހަމްދަރުދީއެއް ނެތި އެ ކުދީންނަށް ލާއިންސާނީ އަނިޔާތައް ކުރާ މީހުން މުޖުތަމައުގައި އުޅޭ ކަމަށާއި، އެފަދަ މީހުންގެ ތެރޭގައި އެ ކުދީންނަށް އެންމެ ބޮޑަށް އަޅައިލުމާއި އޯގާތެރިކަން ދިނުން ލާޒިމުވާ އެ ކުދީންގެ މައިންބަފައިން ހިމެނޭކަމީ ވަރަށް ހިތާމަހުރި އަދި އެހާމެ ހިތްދަތިވާ ކަމެއް ކަމަށް ހުތުބާގައި ވަނީ ބުނެފައެވެ. އަދި ކުޑަކުދީންނަށް އިހުމާލުވެ އަނިޔާވެރިވާ އެފަދަ ފަރާތްތަކަށް އިސްލާމީ ޝަރީއާތާއި ރާއްޖޭގެ ގާނޫނުތަކުގައިވާ އެންމެ ހަރުކަށި އަދަބު ދިނުމަށް ކަމާ ބެހޭ މުއައްސަސާތަކަށާއި، މަސްއޫލުވެރި އެންމެހައި ފަރާތްތަކަށް ހުތުބާގައި ވަނީ ގޮވާލާފައެވެ.
ނިމިދިޔަ ހަފުތާގެ ތެރޭގައި އަހަރެމެންނަށް ލިބުނު ހަބަރުތަކަކީ ހިތާމައިން ފުރިގެންވާ ހިތްދަތި ހަބަރުތަކެއް ކަމަށް ހުތުބާގައި ވަނީ ފާހަގަކޮށްފައެވެ. އެގޮތުން، ނުރައްކާތެރި އެކްސިޑެންޓެއްގައި ބޮޑެތި އަނިޔާތަކެއް ލިބުނު މައުސޫމު ކުއްޖަކަށް ފަރުވާކުރަމުން ދަނިކޮށް ނިޔާވި ހަބަރާއި، އިމާރާތެއްގެ މަތީން ތުއްތު ކުއްޖަކު ވެއްޓި ނިޔާވި ހަބަރު ފާހަގަކޮށް ހުތުބާގައި ވަނީ މި މައުސޫމު ކުދީންނަށް ހެޔޮ ދަރުމަ މިންވަރު ކުރައްވައި އެ ކުދީންގެ އާއިލާތަކަށް ކެތްތެރިކަން މިންވަރުކޮށްދެއްވުން އެދި މާތް ﷲގެ ހަޟްރަތުގައި ދުއާ ދަންނަވާފައެވެ.

