ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މުވައްޒަފުން ނެގުމުގެ ކުރިން ހުއްދަ ހޯދަން އެލްޖީއޭއިން އެންގީ ގާނޫނާ ހިލާފަށް: ކައުންސިލްސް އެސޯސިއޭޝަން

މޯލްޑިވްސް ކައުންސިލް އެސޯސިއޭޝަނުން ބޭއްވި ބައްދަލުވުމެއްގެ ތެރެއިން -- ފޮޓޯ: އެމްއެލްސީއޭ
ޝެއާރކޮށްލާ ކަހަލަދޯ؟

ކައުންސިލްތަކަށް މުވައްޒަފުން ނެގުމުގެ ކުރިން ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ހުއްދަ ހޯދަންޖެހޭ ގޮތަށް ހެދީ އެލްޖީއޭއަށް ލިބިފައިވާ ގާނޫނީ ބާރުގެ ބޭރުން ކަމަށް މޯލްޑިވްސް ލޯކަލް ކައުންސިލް އެސޯސިއޭޝަން (އެމްއެލްސީއޭ)އިން ބުނެފިއެވެ.

އެލްޖީއޭގެ ސީއީއޯ މުހައްމަދު ނިމާލް ސޮއިކުރައްވައި ހުރިހާ ކައުންސިލުތަކަށް ސެޕްޓެމްބަރު އެއް ވަނަ ދުވަހު ފޮނުއްވި ސިޓީއެއްގައި އަންގާފައިވަނީ ކައުންސިލްތަކަށް މުވައްޒަފުން ނެގުމުގެ ކުރިން ލިޔުމުން އެލްޖީއޭގެ ހުއްދަ ހޯދަންޖެހޭނެ ކަމަށެވެ.

އެކަމާ ގުޅިގެން ނެރުނު ނޫސްބަޔާނެއްގައި ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތައް ތަމްސީލުކުރާ މޯލްޑިވްސް ލޯކަލް ކައުންސިލް އެސޯސިއޭޝަނުން ބުނެފައިވަނީ، އެ އެންގުމަކީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނާ މުޅިން ހިލާފަށް އަދި އެ ގާނޫނުން އެލްޖިއޭއަށް ލިބިދީފައިވާ ބާރުގެ ބޭރުން ނެރެފައިވާ އެންގުމެއް ކަމަށެވެ.

އެފަދަ އަމުރުތަކުގެ ސަބަބުން ސިޓީތަކާއި ރަށްރަށުގެ ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިކުރުވާ ކަމަށް އެ އެސޯސިއޭޝަނުން ވަނީ ބުނެފައެވެ.

އޭގެ އިތުރުން، އެއީ ބާރުތައް އަލުން މާލެއަށް މަރުކަޒުކުރުމަށް ސަރުކާރުން ހިންގަމުންދާ ސިލްސިލާ އަމަލުތަކުގެ ތެރެއިން އަނެއްކާވެސް އެޅިގެންދިޔަ ފިޔަވަޅެއްގެ ގޮތުގައި ސިފަކޮށްފައިވެއެވެ.

އެ އެސޯސިއޭޝަނުން ވަނީ އެ އެންގުމަކީ ގާނޫނާ ހިލާފު އެންގުމަކަށް ވާތީ އެ އެންގުން ވަގުތުން އަނބުރާ ގެންދިޔުމަށާއި ގާނޫނުން ކައުންސިލުތަކަށް ދީފައިވާ އިދާރީ އަދި މާލީ މަސްއޫލިއްޔަތުތަކަށް ހުރަސް ނޭޅުމަށް އެލްޖީއޭއަށް ގޮވާލައިފައެވެ.

އެލްޖީއޭއިން ކައުންސިލުތަކަށް ފޮނުވި ސިޓީގައި ވާގޮތުން މުވައްޒަފުން ނެގުމުގެ ކުރިން އެލްޖީއޭގެ ހުއްދަ ހޯދަން އެންގީ ދައުލަތުގެ ހަރަދުކުޑަކުރުމުގެ ސިޔާސަތުގެ ދަށުން އެ އޮތޯރިޓީން އަޅަން ނިންމާފައިވާ ފިޔަވަޅެއްގެ ގޮތުންނެވެ.

އެލްޖީއޭގެ ހުއްދައާ ނުލައި ކައުންސިލްތަކަށް މުވައްޒަފުން ނުނެގޭ ގޮތަށް ހަދާފައިވާއިރު، ވަޒީރުންގެ މަޖިލީހުގެ ނިންމުމަކުން ކައުންސިލުތަކުގެ ބިންތައް އަތުލެވޭ ގޮތަށް، އަދި ސަރުކާރުން ހިންގާ މަޝްރޫއުތަކާ ކައުންސިލަރުން ދެކޮޅު ހެދުން މަނާކުރުމަށް ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މިދިޔަ އަންގާރަ ދުވަހު ތަސްދީގުކުރައްވައިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: