މާލޭ ފިޔަވައި ރާއްޖޭގެ އެންމެ ބޮޑު އާބާދީއެއް އޮތް އައްޑޫ ސިޓީގައި ނޮވިޑް-19 ނެތްކަން ޔަގީން ކުރެވޭނީ ގިނަ ބައެއް ޓެސްޓުކުރެވިގެން ކަމަށް އެސިޓީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) ވިދާޅުވެއްޖެއެވެ.
ސޯބެ ވިދާޅުވީ ރިސޯޓުތަކުންނާއި އެހެން ރަށްރަށުން އައްޑޫ ސިޓީއަށް ދިޔަ މީހުންގެ ތެރެއިން ބަލީގެ އަލާމާތްތައް ފެނިގެންނާއި ކޮވިޑަށް ޕޮޒިޓިވް ވެފައިވާ މީހުންނާއި ކޮންޓެކްޓް ވެފައިވާތީ 46 މީހެއްގެ ސާމްޕަލްތައް ނުގުނު ކަމަށެވެ.
އައްޑޫ އިން 46 މީހެއްގެ ސާމްޕަލް ނެގިއިރު އެއްވެސް މީހަކު މިހާތަނަށް މި ޕޮޒިޓިވް ވެފައެއް ނުވެއެވެ.
ސޯބެ ވިދާޅުވީ އައްޑޫ ސިޓީގައި ކޮވިޑް-19 އޮތްކަން މިހާތަނަށް ބެލިފައި ނުވާ ކަމަށެވެ. އަދި އެކަން ޔަގީން ކުރެވޭނީ ޓެސްޓުތައް ހެދި މިންވަރަކުން ކަމަށް ސޯބެ ވިދާޅުވިއެވެ.
މިވަގުތު ކޮވިޑް-19 އަށް އައްޑޫ ސިޓީގައި ޓެސްޓު ކުރެވޭނެ އިންތިޒާމެއް ނެތެވެ. ނަމަވެސް ސަރުކާރުން ބުނެފައިވަނީ އައްޑޫ ސިޓީގައިވެސް ޓެސްޓު ކުރެވޭ އިންތިޒާމްތައް ހަމަ ޖައްސާނެ ކަމަށެވެ.
ސޯބެ ވިދާޅުވި ގޮތުގައި އައްޑޫގައި ކޮވިޑް ނެތޭ ވިދާޅުވާން ބޭނުންވިޔަސް އެކަން އެހެން ވާކަށް ނެތެވެ. އަދި ބޭނުންވާ މިންވަރަށް ސަވައިލެންސް ޓެސްޓުތައް ހެދެން ނެތް ސޯބެ ފާހަގަ ކުރެއްވިއެވެ.
މީގެ އިތުރުން ސޯބެ ވިދާޅުވީ އެންމެ ބޮޑު އިސް ކަމެއް ދެނީ އައްޑޫސިޓީގައި ކޮވިޑް-19 ގެ ކޮމިއުނިޓީ ސްޕްރެޑެއް ފެތުރިޔަ ނުދިނުމަށް ކަމަށެވެ. އެގޮތުން ކަމާއި ބެހޭ ފަރާތްތަކުގެ އިރުޝާތުތަކަށް ރައްޔިތުން ކިޔަމަންވެ، ހެދިފައިވާ ޤަވާޢިދުތަކާއި ޤާނޫނުތަކަށް ބޯލަނބާ ބޭރަށް ނުނިކުމެ ގޭގައި ތިއްބެވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

