ގަވައިދާ ހިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީން ހޯދުމަށް އިމިގްރޭޝަނާއި، ފުލުހުން ގުޅިގެން މާލެ ސަރަހައްދުގައި ކުރިޔަށް ގެންދާ ހާއްސަ އޮޕަރޭޝަންތަކުގެ ތެރެއިން 13 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
އިމިގްރޭޝަނުން މިއަދު އާންމު ކުރި މައުލޫމާތުގައި ބުނީ، އެ މުވައްސަސާގެ ޓާސްކް ފޯސް ކުރިޔަށް ގެންދިޔަ މި އޮޕަރޭޝަނުގައި ޖުމްލަ 426 ބިދޭސީއަކު ހުއްޓުވައި ސުވާލުކޮށް ބަލައި ފާސްކޮށްފައިވާނެކަމަށެވެ. އަދި އޭގެ ތެރެއިން 13 މީހަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންދިޔައީ، އެ މީހުންނަކީ ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅެ މަސައްކަތް ކުރަމުންދާތީކަމަށް ބުންޏެވެ.
މީގެއިތުރުން ހުޅުމާލޭގައި ހުންނަ މާރުކޭޓުގައި ވެސް އިމިގްރޭޝަނުން އޮޕަރޭޝަނެއް ކުރިޔަށް ގެންގޮސް 55 ބިދޭސީއެއްގެ މައުލޫމާތުތައް ނަގައި 20 ބިދޭސީއަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންދިޔަ އެވެ. އިމިގްެރޭޝަނުން ބުނީ އެ ބިދޭސީންނަކީ ރާއްޖޭގައި ގަވައިދާ ހިލާފަށް މަސައްކަތް ކުރާ އަދި ވިސާގެ މުއްދަތު ހަމަވުމާއި، މަސައްކަތް ކުރުމުގެ ހުއްދަ ނެތް މީހުން ކަމަށެވެ.
ރާއްޖޭގައި ބިދޭސީން ގަވާއިދާ ޚިލާފަށް ކުރަމުންދާ ވިޔަފާރިތައް ހުއްޓުވުމަށް ސަރުކާރުން ކުރިއަށްގެންދާ ޚާއްސަ އޮޕަރޭޝަންގެ ދަށުން، މިހާތަނަށް 107 ވިޔަފާރިއެއް ވަނީ ބަންދުކޮށްފަ އެވެ.
ވިޔަފާރިތައް ބަންދުކުރުމަށް ނިންމާފައިވާ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ރަޖިސްޓްރީ ނުކޮށް ވިޔަފާރި ހިންގުމާއި، ހުއްދަ ދީފައިވާ ދާއިރާ ނޫން އެހެން ދާއިރާތަކުގައި ވިޔަފާރިކުރުން ހިމެނެއެވެ. މީގެ އިތުރުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކަނޑައަޅާފައިވާ ސިއްހީ މިންގަނޑުތަކާއި އުޞޫލުތަކާ ޚިލާފަށް ހިންގާ ތަންތަން ވެސް މި އޮޕަރޭޝަންގެ ދަށުން ވަނީ ބަންދުކޮށްފައެވެ.

