ތިލަފުށީގައި ހިންގާ ޕޯޓް މަޝްރޫއަށް ކޮންސަލްޓެންސީ ދޭނެ ބަޔަކު ހޯދަން އެމްޕީއެލް އިން އިއުލާންކޮށްފިއެވެ.
އެމްޕީއެލްއިން ތިލަފުށީގައި ތަރައްގީކުރާ ޕޯޓުގެ މަޝްރޫއަށް ޕްރޮޖެކްޓް މެނޭޖްމަންޓް ކޮންސަލްޓެންސީގެ ފުރުސަތު ހުޅުވާލާފައިވާއިރު މި މަސައްކަތަށް ޝައުގުވެރިކަން ފާޅުކުރުމުގެ ފުރުސަތު، މި މަހުގެ 15 ވަނަ ދުވަހުގެ މެންދުރު ފަހު 2:00 އާ ހަމައަށް ވަނީ ހުޅުވާލައިފައެވެ.
މި މަޝްރޫއުގެ ދަށުން ތިލަފުށީގައި މަލްޓި-ޕާޕަސް ކޮމާޝަލް ޕޯޓެއް ތަރައްގީކޮށް، މާލޭ ވިޔަފާވެރި ބަނދަރުގެ ތޮއްޖެހުން ކުޑަކުރުމާ އެކު ގައުމީ ފެންވަރުގައި މުދާ އުފުލައި ގެންގުޅުމުގެ ގާބިލުކަން އިތުރުކުރެވޭނެ ކަމަށްއެމްޕީއެލްއިންވަނީ ބުނެފައެވެ.
ކޮންސަލްޓެންސީ ދޭނެ ފަރާތެއް ހޮވުމަށް ބަލާ މައިގަނޑު ޝަރުތުތަކުގެ ތެރޭގައި :
- ބޮޑެތި ޕޯޓް ނުވަތަ މެރިން އިންފްރާސްޓްރަކްޗާ މަޝްރޫއުތަކުގައި ޕްރޮޖެކްޓް މެނޭޖްމަންޓް ނުވަތަ އޯނާސް އެންޖިނިއަރިން ހިދުމަތް ދިނުމުގައި މަދުވެގެން 25 އަހަރުގެ ތަޖުރިބާ ހުރުން
- ފާއިތުވި 10 އަހަރު ތެރޭގައި މަދުވެގެން މިފަދަ ތިން މަޝްރޫއު ނިންމާފައިވުން ހިމެނެއެވެ.
މާލޭ ވިޔަފާރި ބަނދަރަށް ދިމާވެފައިވާ ތޮއްޖެހުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ކުރިއަށް ގެންދާ މި މަޝްރޫއުގެ މައިގަނޑު ބޭނުމަކީ ރާއްޖޭގެ ކަނޑުދަތުރުފަތުރާއި ލޮޖިސްޓިކްސް ދާއިރާގެ ކުރިއެރުމާ އެއްވަރަށް ބަނދަރުގެ ވަސީލަތްތައް ފުޅާކޮށް، މުދާ އުފުލައި ބޭލުމުގެ ނިޒާމު އަވަސްކުރުން ކަމަށް އެމްޕީއެލް އިން ކުރިން ބުނެފައިވެއެވެ.
މި މަޝްރޫއުގެ ބައެއް މަސައްކަތްތައް މިދިޔަ މެއި މަހު އެކެއްގައި އެމްޓީސީސީއާ ވަނީ ހަވާލުކޮށްފަ އެވެ.
އެއީ 100 މީޓަރުގެ ޑޮމެސްޓިކް ކީ-ވޯލްއަކާއި ތިން ހެކްޓަރުގެ ސަރަހައްދެއް ޕޭވްކުރުމުގެ މަސައްކަތެވެ.
މުޅި މަޝްރޫއު އެއްކޮށް ނިމޭއިރު ތިލަފުށީ ބަނދަރުގައި 1,000 މީޓަރަށް ވުރެ ދިގު ބައިނަލްއަގުވާމީ ކީ-ވޯލްއެއްގެ އިތުރުން، މާލޭގެ ނޯތު ހާބަރާއި ސައުތު ވެސްޓް ހާބަރު ބޭނުންކުރާ އުޅަނދުތަކަށް ހާއްސަކޮށް 2,000 މީޓަރަށް ވުރެ ދިގު ކީ-ވޯލް ހިމެނޭ ޑޮމެސްޓިކް ޓާމިނަލެއް އޮންނާނެއެވެ.
އެތަނުގައި އިންޓަނޭޝަނަލް އަދި ޑޮމެސްޓިކް ކީ-ވޯލް ތަރައްގީކުރުމުގެ މަސައްކަތް ޗައިނާ ހާބަ އިންޖިނިއަރިން ކޮމްޕެނީ (ސީއެޗްއީސީ)އާ ވަނީ ހަވާލުކޮށްފައެވެ.
މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ މުހިންމު ވައުދުފުޅެކެވެ. ރައީސްގެ އަމާޒަކީ އަންނަ އަހަރުގެ ނޮވެމްބަރު 11 ގެ ނިޔަލަށް ބަނދަރުގެ މަސައްކަތް ނިންމައި، ޚިދުމަތްތައް ތިލަފުއްޓަށް ބަދަލުކުރުމެވެ.
މި މަޝްރޫއު ނިމުމުން މާލޭގެ ތޮއްޖެހުން ކުޑަވެ، ވިޔަފާރި މުދާ އުފުލުމާއި ގުދަންކުރުމުގެ ނިޒާމަށް ބޮޑެތި ލުއިތަކެއް ލިބިގެންދާނެ ކަމަށް ސަރުކާރުން އުންމީދު ކުރެއެވެ.

