ކޮވިޑް-19 އާއި ގުޅިގެން މާލެ ސަރަޙައްދުގައި އުޅޭ ބިދޭސީން ކަރަންޓީނުކުރުމަށް އުސޫލުތަކެއް ކަނޑައަޅައިފިއެވެ.
މި ކަން ހާމަކޮށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ކޮވިޑް-19 ހަލުވިކަމާއެކު މާލޭގައި ފެތުރެމުންދާއިރު، މި ވައިރަސް އެންމެ ބޮޑަށް ފެތުރެމުންދަނީ، ބިދޭސީންގެ މެދުގައިކަމަށެވެ. މި ގޮތުން ބިދޭސީ މަސައްކަތްތެރިންގެ މެދުގައި ވައިރަސް ފެތުރުމުގެ ފުރުސަތު ބޮޑުވެފައިވާތީ، ވައިރަސް ފެތުރުން ކޮންޓްރޯލުކުރުމަށްޓަކައި، ވަކި އުސޫލުތަކެއްގެ ދަށުން ބިދޭސީން ކަރަންޓީނުކުރުމަށް ނިންމާފައިވާކަމަށެވެ.
މި ގޮތުން މާލެއާއި، ވިލިމާލެއާއި، ހުޅުމާލޭގައި، ވަޒީފާއަދާކުރާ ވަކިތަނެއްނެތި، ނުވަތަ މާލެ ސަރަޙައްދުގައި ދިރިއުޅޭނެ ވަކި ތަނެއް ކަނޑައެޅިފައިނުވާ ބިދޭސީ މަސައްކަތްތެރިން ކަރަންޓީނުކުރަން ނިންމާފައިވާކަމަށް އެޗްޕީއޭއިން ބުނެއެވެ.
މީގެ އިތުރުން އެޗްޕީއޭއީން ބުނީ، މާލެ ސަރަޙައްދުގައި ދިރިއުޅެމުން އަންނަ ބިދޭސީ މަސައްކަތްތެރިންގެތެރެއިން، ފުލުހުން މޮނިޓަރ ކުރަމުންދާ އެޑްރެސްތަކުގައި ދިރިއުޅޭ ގިނަ ބިދޭސީންނަކީ، ކޮވިޑް-19 އަށް މިހާރު ޕޮޒިޓިވްވެފައިވާ ގިނަ މީހުންނާއި ގުޅުންހުރި ބިދޭސީންކަމަށެވެ. މި ގޮތުން، މި ފަދަ ބިދޭސީން ކަރަންޓީނުކުރުމަށް ނިންމާފައިވާކަމަށް ވެސް އެޗްޕީއޭއިން ބުނެއެވެ.
ހަމައެއާއެކު ކޮވިޑް-19 ޖެހިފައިވާ މީހުންނާއި ސީދާގޮތުންނާއި ނުސީދާގޮތުން ދިމާވެފައިވާ ބިދޭސީންގެ ތެރެއިން،ވައިރަހުގެ ނުރައްކަލަށް ހުށަހެޅިފައިވާ ނުވަތަ ވައިރަހުގެ ނުރައްކަލެއް އޮތްކަމަށް ޤަބޫލުކުރެވޭ ބިދޭސީން ވެސް ކަރަންޓީނުކުރަން ނިންމާފައިވާކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.
ކޮވިޑް-19 މާލޭގައި ހަލުވިކަމާއެކު ފެތުރެމުންދާއިރު، ގިނަ އަދަދެއްގެ ބިދޭސީން ވަނީ، މި ވައިރަހަށް ޕޮޒިޓިވްވެފައެވެ. މި ވައިރަހަށް މިހާރު 491 މީހުން ރާއްޖެއިން ޕޮޒިޓިވްވެފައިވާއިރު، އޭގެތެރެއިން 336 މީހުންނަކީ ބިދޭސީންނެވެ.

