މާލޭގައި ބާރު ސްޕީޑެއްގައި ކޮރޯނާ ވައިރަސް ފެތުރެމުންދާއިރު، ބަލި އިތުރަށް ނުރައްކާ ވެދާނެތީ، މިކަމުގެ އަސަރު އެންމެ ބޮޑަށް ކުރާނެ ކަމަށް ބެލެވޭ ތަންތަނުގައި ތިބި ބިދޭސީން ކަރަންޓީނު ކުރާ ގޮތަށް ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް ހާއްސަ އެންގުމެއް އަންގަވައިފި އެވެ.
ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ ނެރުއްވާފައިވާ މި އެންގުމުގައި ވަނީ ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އިން ކަނޑައަލާ ތަނެއްގައި ބިދޭސީން ކަރަންޓީނު ކުރުމަށެވެ. އަދި އެ ސެންޓަރުން އަންގާ ގޮތެއްގެ މަތީން މަސައްކަތްތައް ތަންފީޒު ކުރުމަށް ދައުލަތުގެ މުވައްސަސާތަކުން އަމަލު ކުރަން ޖެހޭނެ ގޮތް ވަނީ ކަނޑައަޅާފައެވެ.
މާލޭގައި ތިބި ބޮޑު އިންސައްތައެއްގެ ބިދޭސީންއަކީ، ވަޒީފާއެއް އަދާކުރާ ވަކި ތަނެއް ނެތް ބިދޭސީންނެވެ. އަދި އެ މީހުންނަކީ ދިރިއުޅޭނެ ވަކި ތަނެއް ހުރި ބައެއް ނޫނެވެ. ތޮއްޖެހިގެން އެފަދަ ބިދޭސީން ދިރިއުޅެމުން އަންނައިރު މިރީ ބަލީގެ ނުރައްކާ ބޮޑުވެގެން ގޮސްދާނެ ސަބަބެއްގެ ގޮތުގައި އެ އެންގުމުގައި ވަނީ ބުނެފައެވެ.
ތޮއްޖެހިގެން ގިނަ އަދަދެއްގެ ބިދޭސީން ދިރިއުޅޭ 23 ތަނެއް މިހާރު ވެސް އަންނަނީ މޮނީޓާރ ކުރަމުންނެވެ. އަދި އެތަނުން ގިނަ ގެތަކުން ބަލި ޖެހިފައިވާ މީހުން ވަނީ ފެނިފައެވެ.
އެންގުމުގައި ވާ ގޮތުން، މިހާތަނަށް ޕޮޒިޓިވް ވި ބިދޭސީންނާއި ސީދާ ގޮތުންނާއި، ނުސީދާގޮތުން ކޮންޓެކްޓުވެ ބައްދަލުވެފައިވާ ބިދޭސީ މަސައްކަތްތެރީންނަށް ބަލި ޖެހުމުގެ ފުރުސަތު ބޮޑެވެ. އެހެން ކަމުން، އެންއީއޯސީން ކަނޑައަޅާ ވަކި ތަނެއްގައި އެ އެންމެން ވެސް ކަރަންޓީނު ކުރުމަށް ޑީޖީ ވަނީ އަންގަވާފައެވެ.
https://twitter.com/HPA_MV/status/1256522545576259584
މި އެންގުމުގައި ބައެއް ވަކިވަކި ކަންތަކެއް ވެސް ފާހަގަކޮށްފައިވެއެވެ. އެގޮތުން މާލެއާއި، ހުޅުމާލެ އަދި ވިލިމާލެ ހިމެނޭ ގޮތުން ދިރިއުޅޭނެ ވަކިތަނެއް ނެތް ބިދޭސީން މޮނީޓާކޮށް އިތުރު ފިޔަވަޅުތަކެއް ނާޅައިފިނަމަ އެ މީހުންގެ މެދުގައި ހަލުވި ސްޕީޑެއްގައި ބަލި ފެތުރުމުގެ ފުރުސަތު ބޮޑުކަމަށް ބުނެފައި ވެއެވެ.
އެންގުމުގައި ބަޔާންކޮށްފައިވާ ހާލަތަށް ނުފެތޭ، ބިދޭސީ މަސައްކަތްތެރީންގެ ތެރެއިން ކޮރޯނާ ވައިރަހުގެ ނުރައްކަލަށް ހުށަހެޅިފައިވާ، ނުވަތަ ބަލީގެ ނުރައްކަލެއް އޮތް ކަމަށް ގަބޫލު ކުރެވޭ ހުރިހާ ބިދޭސީން ވެސް ކަރަންޓީނު ކުރަން ޖެހެއެވެ.

