ބްރޯޑްކާސްޓަރުން ފޯނު ކޯލެއް ލައިވް ކުރާނަމަ އެކަން ގުޅާ ފަރާތަކަށް ސާފުކޮށް އަންގަންޖެހޭނެކަމަށް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުން ބުނެފިއެވެ.ޕ
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުން ނެރުނު ނޫސްބަޔާނުގައި ނޫސްވެރިންނާއި މީޑިއާގައި މަސައްކަތް ކުރާ ފަރާތްތަކުން ކޯލުތަކާއި، އިންޓަރވިއުތަކާއި، ލައިވް ޕްރޮގްރާމް ހިމެނޭހެން އެހެނިހެން މުޢާމަލާތްތައް ބްރޯޑްކާސްޓް ކުރުމުގައި ޢަމަލުކުރަންޖެހޭ ޤާނޫނުތަކާއި، ޤަވާއިދުތަކާއި ސުލޫކީ މިންގަނޑުތަކާއި ފަންނީ ހަމަތަކަށް، ރިޢާޔަތް ކުރުމަށް ވަނީ ގޮވާލާފައެވެ.
ޤާނޫނު އަސާސީގައި ކޮންމެ މީހެއްގެ ޒާތީ އަދި ޢާއިލީ ދިރިއުޅުމާއި، ގޯތި ގެދޮރާއި، އަނެކުންނާއި ކުރަންޖެހޭ ޒާތީ މުޢާމަލާތްތަކަކީ ޚުރުމަތްތެރިވާ ތަންތަނާއި ކަންކަންކަމަށް ބަޔާންކޮށްފައިވާއިރު، މި ހައްޤުތަކަށް ހުރިހާ ފަރާތަކުންވެސް އިޚްތިރާމް ކުރަންވާނެ ކަމަށް ބަޔާންކޮށްފައިވާ ކަމަށް މީޑިއާ ކޮމިޝަނުން ބުނެފައިވެއެވެ.
ކޮމިޝަނުން ބުނީ، މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ޤާނޫނުގައި މީޑިއާގައި މަސައްކަތް ކުރާ ފަރާތްތަކުން ދަމަހައްޓަންޖެހޭ ސުލޫކީ މިންގަނޑު ވަރަށް ތަފްސީލުކޮށް ކަނޑައަޅާފައިވާ ކަމަށެވެ.
ވަކިން ޚާއްސަކޮށް އެ ޤާނޫނުގެ 39 ވަނަ މާއްދާގައި ވަކިވަކި ފަރުދުންގެ ކަރާމާތާއި އަބުރު އަދި ނަފްސުގެ ހުރުމަތް ރައްކާތެރިކުރުން ލާޒިމްކޮށްފައިވާ ކަމަށް މީޑިއާ ކޮމިޝަނުން ބުނެފައިވެއެވެ. މީގެއިތުރުން އިންސާނީ ހައްޤުތަކަށް އިޚުތިރާމް ކުރުމަށް ބާރުއަޅާފައިވާ ކަމަށް މީޑިއާ ކޮމިޝަނުން ބުނެފައިވެއެވެ.
މިޑިއާ ކޮމިޝަނުގެ ބަޔާނުގައި ވަނީ، އާންމު މަސްލަހަތުގައި މައުލޫމާތު ހޯދުމާއި، އެ މައުލޫމާތެއް ހޯދި މަޤުޞަދަށް އެކަނި މައުލޫމާތު ބޭނުންކުރުމާއި ސައްޚަކަން ކަށަވަރުކޮށް ޒާތީ މަޢުލޫމާތާއި މަސްދަރު ރައްކާތެރިކޮށް ސިއްރުކޮށް ހިފެހެއްޓުން މިއޮނިގަނޑުގައި ބަޔާންކޮށްފައިވާ ކަމަށެވެ.
ކޮމިޝަނުން ވަނީ، ބްރޯޑްކާސްޓަރުންނާއި މީޑިއާގައި މަސައްކަތް ކުރާ ފަރާތްތަކުން މީޑިއާގެ ސުލޫކީ މިންގަނޑުތަކާއި ބްރޮޑްކާސްޓަރުން ޢަމަލުކުރަންޖެހޭ މިންގަނޑުތަކުގައި އަމިއްލަ ދިރިއުޅުމުގެ ސިއްރު ހިފެހެއްޓުމާއި، އިންޓަރވިއުތަކާއި، ރެކޯޑިންގތައް އަދި މައުލޫމާތު އެއްކުރުމާއި ގުޅޭގޮތުން ފަންނީ ޒިންމާތައް ކަނޑައަޅާފައިވާ ކަމަށް ބުނެފައިވެއެވެ.
ކަންމިހެން އޮތުމާއެކު ފޯނުކޯލަކަށް ޖަވާބުދޭ ކޮންމެ މީހަކީ، އެ މައުލޫމާތެއް އާންމުންނަށް ބްރޯޑްކާސްޓް ކުރުމަށް އިއުތިރާޒެއް ނެތް ފަރާތެއްކަން ކަށަވަރު ކުރުމާއި، ފޯނު މުޢާމަލާތެއް ބްރޯޑްކާސްޓްކުރަން އިއުތިރާޒެއް ނެތް ފަރާތެއްކަން ކަށަވަރުކުރުމާއި، ފޯނު މުޢާމަލާތެއް ވަގުތުން ލައިވްކުރަން ގަސްތުކުރާނަމަ އެފޯން ކޯލަކީ ލައިވް ކުރެވޭ އެމީހަކަށް ސާފުކޮށްދޭން ޖެހޭނެ ކަމެއް ކަމަށް ވަނީ ބުނެފައެވެ.
މީގެ އިތުރުން ރުހުން ހޯދުމާއި، އަމިއްލަ ދިރިއުޅުމުގެ ސިއްރު ހިފެހެއްޓުމާއި، ކަރާމާތް ރައްކާތެރިކުރުމާއި، އިންސާފުވެރިކަމާއެކު މުޢާމަލާތް ކުރުމާއި ގުޅޭގޮތުން ކަނޑައެޅިފައިވާ މިންގަނޑުތަކަށް ބްރޯޑްކާސްޓަރުންނާއި މީޑިއާގައި މަސައްކަތް ކުރާ ފަރާތްތަކުން އަމަލުކުރުމަށްވެސް ވަނީ ގޮވާލާފައެވެ.

