ޓްރެފިކް ޖޫރިމަނާގެ އަދަދު 5،000ރ. އަށް ވުރެ ބޮޑުވެއްޖެނަމަ، އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ހިފެހެއްޓުމާއި ބާތިލުކުރުމުގެ ބާރު ފުލުހުންނަށް ލިބޭ ގޮތަށް އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް ގެނެސްފައިވާ އިސްލާހަށް އަމަލުކުރަން ފަށައިފިއެވެ.
އާ ގާނޫނުގައިވާ ގޮތުން އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ދޫކޮށްފައިވާ ފަރާތްތަކަށް ހާލަތްތަކުން ކުރެ ހާލަތެއް މެދުވެރިވެއްޖެ ނަމަ، ލައިސަންސް ހިފެހެއްޓޭނެއެވެ. އެގޮތުން
- ގާނޫނާއި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ ހިލާފު އަމަލެއް ކުރުން.
- ގާނޫނުގައި ބަޔާންކުރާ ޝަރުތު އެ ފަރާތުގެ ކިބައިން އުނިވެއްޖެކަމަށް އެކަށީގެންވާ ސަބަބުތަކާ އެކު ގަބޫލުކުރެވުން.
- އެ ގާނޫނުގެ ދަށުން ދައްކަންޖެހި ނުދައްކާ ހުރި ފީ އާއި ޖޫރިމަނާ ފައިސާގެ އަދަދު 5،000ރ. ނުވަތަ އެއަށް ވުރެ ބޮޑުވުން.
ގާނޫނުގައިވާ ގޮތުން ލައިސަންސް ހިފެހެއްޓޭނީ އެފަދަ ހާލަތެއް އޮތްކަމަށް ޓްރެފިކް ފުލުހުން ކަނޑައެޅުމުން ނުވަތަ ލައިސަންސް ހިފެހެއްޓުމަށް ޝަރުއީ ކޯޓަކުން އަމުރުކުރުމުންނެވެ. މި ސަބަބުގެ މައްޗަށް ބިނާކޮށް މީހެއްގެ ލައިސަންސް ހިފަހައްޓާ ނަމަ، އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާ ގޮތެއްގެ މަތިން އެ މީހެއްގެ ކިބައިގައި ފުރިހަމަވާންޖެހޭ ޝަރުތު އުނިވެއްޖެކަން މިނިސްޓްރީން ޔަގީންކުރަންޖެހެ އެވެ. އެ ޝަރުތު އުނިވެއްޖެ ނަމަ، އެ މީހަކަށް ދޫކޮށްފައިވާ ލައިސަންސް، ގަވާއިދުގައި ބަޔާންކުރާ ގޮތެއްގެ މަތިން ބާތިލުކުރަންޖެހެއެވެ.
ވަގުތީ ގޮތުން ލައިސަންސް ހިފަހައްޓައިފި ނަމަ، އެ ގާނޫނުގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާ ނަމަ، ލައިސަންސްގެ ބަދަލުގައި 48 ގަޑިއިރަށް، އެއްގަމު އުޅަނދު ދުއްވުމުގެ ވަގުތީ ހުއްދައެއް، މިހާރު ވެސް ދޭ ގޮތަށް ދޭނެ އެވެ. އަދި ޖޫރިމަނާ ފައިސާ ރަސްމީ ބަންދު ދުވަސްތަކުގައި ދެއްކޭނެ އިންތިޒާމު ހަމަޖެހިފައިނުވާ ނަމަ އެ 48 ގަޑިއިރުގެ މުއްދަތު ގުނާނީ ރަސްމީ ބަންދު ދުވަސްތައް ނުލަ އެވެ.
އާ ގާނޫނުގައިވާ ގޮތުން، ލައިސަންސް އޮވެގެން ދުއްވަންޖެހޭ ނުވަތަ އޮޕަރޭޓްކުރަންޖެހޭ އެއްގަމު އުޅަނދެއް، ލައިސަންސް ނުހޯދައި ދުއްވުމަކީ ނުވަތަ ލައިސަންސްގެ މުއްދަތު ހަމަވެފައި ވަނިކޮށް ދުއްވުމަކީ ނުވަތަ ލައިސަންސް ހިފަހައްޓާފައި ވަނިކޮށް ނުވަތަ ވަގުތީ ލައިސަންސެއް ނެތި ދުއްވުމަކީ މަނާކަމެކެވެ.
ލައިސަންސް ނެތި ދުއްވައިފި ނަމަ ފުރަތަމަ ފަހަރަށްނަމަ 1,000 ރުފިޔާއިން ޖޫރިމަނާ ކުރާނެއެވެ. އަދި ދެވަނަ ފަހަރަށްނަމަ 1,500ރ. ރުފިޔާއިން ޖޫރިމަނާކުރެވޭއިރު ތިންވަނަ ފަހަރަށްނަމަ 2,000ރ.ރުފިޔާއިން ޖޫރިމަނާކުރާނެއެވެ.
އަދި އެއަށްވުރެ އިތުރުވާ ކޮންމެ ފަހަރަކަށް އެންމެ ފަހުން ކުރެވުނު ޖޫރިމަނާގެ ދެގުނަ އިތުރުވާ ގޮތުގެމަތިން ޖޫރިމަނާކުރާނެއެވެ.
ލައިސަންސް އޮވެގެން ދުއްވަންޖެހޭ ނުވަތަ އޮޕަރޭޓްކުރަންޖެހޭ އެއްގަމު އުޅަނދެއް، ލައިސަންސް ނުހޯދައި އުޅަނދު ދުއްވައިފި މީހަކު މިގޮތަށް ޖޫރިމަނާކުރުމުގެ އިތުރުން އެ ދުއްވި އުޅަނދު ގިނަވެގެން 30 ދުވަހުގެ މުއްދަތަށް ހިފަހައްޓަންޖެހޭ ގޮތަށް ވެސް ގާނޫނުގައި ކަނޑައަޅާފައިވެ އެވެ. އަދި އުޅަނދުގެ ވެރިމީހާ ވެސް 2،000ރ. އިން ޖޫރިމަނާކުރާނެއެވެ.
ގާނޫނާ ހިލާފަށް ޕާކްކުރާ ނަމަ މި ގާނޫނުގައި ވަނީ ކޮންމެ ފަހަރަކު 500ރ. އިން ޖޫރިމަނާކުރާ ގޮތަށެވެ. އަދި ޑީމެރިޓް ޕޮއިންޓް އެ ފަރާތުގެ އެއްގަމު އުޅަނދުގެ ލައިސަންސްގައި ރެކޯޑްކުރަން ޖެހެއެވެ. މީގެ އިތުރުން ވަކި ހާއްސަ ތަންތަނެއް ކަނޑައަޅައި އެ ތަންތަނުގައި ޕާކްކޮށްފި ނަމަ 1،500ރ. އިން ޖޫރިމަނާކުރެވެއެވެ. އެގޮތުން ގޯޅި ނުވަތަ މަގެއްގެ ނިކުންނަ ކަންމައްޗާއި ސްކޫލްތައް ކައިރީގައި ޕާކުކުރުމަށް ކަނޑައެޅިފައިވާ ޒޯންތައް ފިޔަވައި އެހެނިހެން ސަރަހައްދުތަކާއި ބަސް ހުއްޓުމަށް ކަނޑައެޅިފައިވާ ޒޯންތަކުގެ އިތުރުން ކަފިހިހުރަސް ހިމެނެއެވެ.
ވެހިކަލް ދުއްވަމުން، އެ ވެހިކަލެއް ދުއްވުމުގެ ލައިސަންސް ނެތް މީހަކަށް ވެހިކަލްގެ ކޮންޓްރޯލް ދިނުމަކީ ވެސް މި ގާނޫނުގައި ބޮޑެތި ޖޫރިމަނާ ކަނޑައަޅާފައިވާ ކަމެކެވެ. އުޅަނދުގެ ކޮންޓްރޯލް، ކުޑަކުއްޖަކާ ނުވަތަ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ލިބިފައިނުވާ ފަރާތަކާ ހަވާލުކުރުން އަދި އުޅަނދުގެ ކޮންޓްރޯލް، ފަސިންޖަރުންގެ ސީޓެއްގައިވާ މީހަކާ ހަވާލުކޮށްފި ނަމަ 25،000ރ. އާއި 50،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވެ އެވެ. އަދި މިފަދަ ކުށެއްގެ ސަބަބުން މީހަކަށް އަނިޔާއެއް ވެއްޖެ ނަމަ ކުޑަބޮޑުމިނަށް ބަލައި 50،000ރ. އާއި 100،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރާނެއެވެ.
ފަރުވާކުޑަކޮށް ނުވަތަ ނުރައްކާކޮށް ދުއްވައިފި ނަމަ ވެސް 25،000ރ. އާއި 100،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވެ އެވެ. އަދި އެފަދަ އަމަލެއްގެ ސަބަބުން މީހަކަށް އަނިޔާއެއް ވެއްޖެ ނަމަ މި ޖޫރިމަނާ 100،000ރ. އާއި 500،000ރ. އާ ދެމެދުގެ އަދަދަކަށް ބޮޑުވެއެވެ.

